އަލަށް އަމަލު ކުރަން ފެށި ގަވައިދާ އެކު، އެމްއެމްއޭ އިން 1 މާޗް 1987 ވަނަ އަހަރު އެކުލަވައިލާފައިވާ "މަނީ ޗޭންޖާ ކަމުގެ ލައިސެންސް ލިބިގެން ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކުން ކަންކަން ކުރަންވީ ގަވައިދު" ވަނީ މިހާރު އުވާލައިފަ އެވެ.
އާ ގަވައިދުގައިވާ ގޮތުން ދެ ޓިއާއެއްގެ ދަށުން ލައިސަންސް ދޫކުރާނެ އެވެ. ޓިއާ 1 އަކީ ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސެންސް އެވެ. ޓިއާ 2 އަކީ ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސެންސް އެވެ.
ފުރަތަމަ ބާވަތުގެ ލައިސެންސް ދޫކުރާނީ ކުންފުނީގެ ގާނޫނުގެ ދަށުން ހަމައެކަނި ފައިސާ ގަތުމާއި ވިއްކުމަށް ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކަށެވެ. އަދި އެ ކުންފުނިތަކުގެ ހަގީގީ ވެރިންނަށް ވާންޖެހޭނީ ދިވެހިންނެވެ. މާނައަކީ އެއިން ކުންފުންޏެއްގައި އެހެން ވިޔަފާރިއެއްގެ ހިއްސާ އޮތަސް އެ ވިޔަފާރީގެ މިލްކުވެރިންނަކީވެސް ދިވެހިންކަމަށްވާން ޖެހޭނެ އެވެ.
ފަސް އަހަރުގެ މުއްދަތަށް އެފަދަ ވިޔަފާރިތަކަށް ދޫކުރާ ލައިސެންސް ހޯދުމަށް ހުށަހަޅާއިރު އެޕްލިކޭޝަން ފީއެއްގެ ގޮތުގައި 20،000 ރުފިޔާ އަދި ލައިސަންސް ފީއެއްގެ ގޮތުގައި އަހަރަކު 24،000 ރުފިޔާ ދައްކަންޖެހޭނެ އެވެ. ޑިޕޮސިޓުގެ ގޮތުގައި 50،000 އެމެރިކާ ޑޮލަރު ބަހައްޓަންޖެހޭނެ އެވެ.
މި ކެޓަގަރީގެ ވިޔަފާރިތަކަށް އެއް ފަހަރާ ކަސްޓަމަރަކަށް ނަގުދު ފައިސާއން ގިނަވެގެން މުއާމަލާތްކުރެވޭނީ 50،000 ރުފިިޔާ ނުވަތަ އެއާ އެއްވަރުގެ އަދަދަކަށް ބޭރު ފައިސާއިންކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. އަދި އެ ފަރާތުން ކުރާ ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުރިހާ މުއާމަލާތްތަކެއް މޮނީޓާ ކުރެވޭނެ އިލެކްޓްރޯނިކް ނިޒާމެއް ގާއިމުކުރަންޖެހޭނެ އެވެ.
މި ގަވާއިދުތަކުގެ ސަބަބުން ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަމުންދާ ބޭރު ފައިސާގެ ނިސްބަތް އިތުރުވެ އަދި ބޭންކިން ނިޒާމުން ވިޔަފާރިތަކަށާއި އާންމުންގެ ބޭނުންތަކަށް ފޯރުކޮށްދޭ ބޭރު ފައިސާގެ ނިސްބަތް އިތުރުކުރުމަށް މަގުފަހި ވެގެންދާނެ ަކމަށް އެމްއެމްއޭއިން ބުންޏެވެ.
މީގެ އިތުރުން، އެކްސްޗޭންޖް ރޭޓް ސިޔާސަތު ތަންފީޒުކުރުމަށް ޓަކައި އެމްއެމްއޭއިން ފޮރިން އެކްސްޗޭންޖް މާކެޓަށް ވިއްކަމުންދާ ބޭރުފައިސާގެ އަދަދު އިތުރުކުރުމަށް ވެސް މަގުފަހިވެގެން ދާނެކަމަށާއި ވަކިން ހާއްސަކޮށް މި ގަވާއިދުތަކުގެ ސަބަބުން، ރައްޔިތުންނަށް ފައިދާތަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.