ads
ސްޓެލްކޯގެ 5 ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމް އެކުންފުނީގެ އެމްޑީ ފަހުމީ ފައްޓަވާދެއްވަނީ. ފޮޓޯ: އިމްނާ / ސީއެމްއެމް
5 މިލިއަން ގަސް އިންދުމުގެ މަޝްރޫއު: ސްޓެލްކޯއިން 36،000 ވުރެ ގިނަ ގަސް އިންދައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން ސްޓެލްކޯއިން މިހާތަނަށް 36،000 ވުރެ ގިނަ ގަސް އިންދައިފިއެވެ.
Advertisement

ފަސް އަހަރުތެރޭ ސްޓެލްކޯ އިން 500،000 ގަސް އިންދުމަށް ނިންމާ ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 36،825 އަށްވުރެއް ގިނަ ގަސް އިންދާފައިވާކަމަށް އެ ކުންފުނިން މިއަދު ބުންޏެވެ. 

ރައީސް މުއިއްޒު ފައްޓަވައިދެއްވާފައިވާ "5 އަހަރުން 5 މިލިއަން ގަސް" ޕްރޮގްރާމުގައި ބައިވެރިވުމުގެ ގޮތުން ސްޓެލްކޯއިން އަންނަނީ 5 އަހަރުތެރޭގައި 5 ލައްކަ ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންދަމުންނެވެ.

މިއަދު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މަޝްރޫއު އިފްތިތާހުކޮށްދެއްވި ކަމަށްޓަކައި ރައީސް ޑރ. މުއިއްޒަށް ޝުކުރު އަދާ ކުރައްވާފައެވެ. އެގޮތުން 5 އަހަރު ދުވަސްތެރޭ 5 ލައްކަ ގަސް އިންދުމަށް ސްޓެލްކޯއިން ވަނީ އަމާޒު ހިފާ ކަނޑަނޭޅި މަސައްކަތް ކުރަމުން ކަމަށް ސްޓެލްކޯއިން ބުނެއެވެ.

"މި އަހަރުގެ ޖޫން މަހު މި ޕްރޮގްރާމް ފެށިފަހުން، މަހަކު ގާތްގަނޑަކަށް 9،200 ގަސް އިންދުމުގެ އަމާޒާ އެއްގޮތަށް ސްޓެލްކޯއިން މަސައްކަތް ކުރިއަށް އެބަ ދޭ، މި ދުވެލީގައި 60 މަސް ދުވަހުގެ ތެރޭގައި ފަސް ލައްކަ ގަސް އެޅުމުގެ އަމާޒަށް ވާސިލްވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް" ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވިއެވެ.

މިހާރު ދާ ދުވެލީގައި 60 މަސް ދުވަހުގެ ތެރޭގައި ފަސްލައްކަ ގަސް އިންދުމުގެ އަމާޒަށް ވާސިލްވެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަން ފާހަގަކޮށް ފަހުމީ ވަނީ މި އިސްނެގުމުގައި ކުރިއަށް ގެންދިއުމުގައި ސްޓެލްކޯގެ މުވައްޒަފުންނާއި، ކައުންސިލް މެމްބަރުންނާއި، މުޖުތަމައު ދޭ އަގުހުރި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއު އިފްތިތާހު ކުރީ މިދިޔަ ޖޫން މަހުގައެވެ. 

ރާއްޖެ ފެހިކުރުމަށާއި ގަސްތަކުގެ މާހައުލީ ނިޒާމްތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި މޫސުމީ ބަދަލުން ދިމާވާ ނުރައްކާތަކަށް ރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުމަށްޓަކައި ފަސް އަހަރުގެ ތެރޭގައި، ފަސް މިލިއަން ގަސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިންދުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް