އަރައިގެން ހުރި ޒަމާނީ ފައިވާން އޭގެ މަންޒިލަށް ދޫކޮށްލާފައި ބާރަށް ދުވެފައިގޮސް ކިއާރާ ވަނީ އޭނާގެ ކޮޓަރިއަށެވެ. އަތުގައި ހުރި ބާރެއްލާފައި ދޮރުލައްޕައި ތަޅުލި އެވެ. އަޅަމުންދިޔަ ވޭނުން ކެތްނުވެ، ދޮރުގައި ލައްވެގެން ކާޕެޓްމައްޗަށް ތިރިވީ ސިކުންތެއްގެ ތެރޭގަ އެވެ. އެހެންމީހުންގެ ލޯމައްޗަށް ދެއްކުމަށްޓަކައި ހިނިތުންވުމާއި ކިއާރާގެ ކެތްތެރިކަން ކޮޅުންލީ އެވެ. އަމިއްލަ ނަފުސު ކޮންޓްރޯލްކުރާނެ ބާރުވެސް ކިއާރާގެ ކިބައިގައި މިރޭ ނެތެވެ. އިތުރަށް ކެތެއް ނުވާނެ އެވެ. އެތައް އިރެއްވަންދެން ހިފެހެއްޓުމަށް ކެތްކުރަމުންދިޔަ ކަރުނަ އޭގެ މަންޒިލަށް ދެމިގަތީ ރަހުމެއް ނެތި އެވެ. ހިތްފުރެންދެން، އެ ހިތް އެދުނު ރާގުގައި ކިއާރާ ރޯންފެށީ އެ އަޑު އިވޭ ކޮންމެ ދިރޭ ފުރާނައެއްގެ ހިތް ކުދިކުދިވާ މިންވަރަށެވެ.
"ކީއްވެ..؟ ކީއްވެ އަހާން..؟ ކީއްވެ އަހަންނަށް މިހެއް ތިހަދަނީ އަހާން..؟ އަހަރެންގެ ކުށަކީ ކޮބާ؟ ދުލުން އެންމެ ލަފުޒެއް ހާމަނުކުރުމަކީ އަހަރެންގެ އިހްސާސެއް ނެތުމެއް ނޫން.. އަހަރެންގެ މި ދެލޮލުން އަހާންއަށް ހަމައެޗައްވެސް ނުފެނޭތަ؟ މިއަދު އަހާން، އަހަންނަށް ތި ސާބިތުކޮށްދިނީ ތިއީ ހިތެއް ނެތް މީހެއްކަން.. ތިއީ އެއްވެސް ރަހްމެއް، ކުލުނެއްގެ މިންވަރެއްވެސް ލިބިފައިނުވާ މީހެއްކަން.. އަހާންގެ ހިތުގައި އަހަންނަށްޓަކައި ހަމްދަރުދީގެ ޒައްރެއްގެ މިންވަރުވެސް ނެތީތަ...؟ މިއޮއްހާ ދުވަހު އަހަންނަށް ހީކުރެވުނީ މުޅިން ނުބައިކޮށް..! އަހަރެންނާއި މެދު އަހާން ކުޑަކޮށްވެސް ވިސްނާފައެއް ނެތް..! ފެނުނު ކޮންމެ މަންޒަރަކީ އޮޅުވާލުމާއި މަކަރާއި ހީލަތް.. ހިތުގެ އެންމެ އަޑިން އަހާންއަށް އަހަރެން ނަފްރަތުކުރަން..!"
ދެކޯތާފަތުން އޮހޮރިގެން ފޭބި ކަރުނައަށް ކުޑަވެސް ފަރުވާލެއް ނެތި ކިއާރާ އުފުލައިލީ އޭނާގެ ދެއަތެވެ. ލޮލުގެ ނަޒަރު ހުއްޓުނީ ދަޅައަޅަމުންދިޔަ 'ޑައިމަންޑް' ރިންގަށެވެ. ވެރިވި ގަދަފަދަ ޖަޒްބާތުގައި އަނގޮއްޓި ނަގާފައި އަތުކޮޅަށް ހޫރާލުމަށް ބޭނުންވި ވަގުތު އިނގިލިން އަނގޮއްޓި ވަކިވިޔަނުދީ ހިފަހައްޓާލީ ކިއާރާގެ ހަވަނަ ހިއްސު އެކަމަށް އިންޒާރުކުރީތީ އެވެ. އެއަށް ބަލައިލުމަށްފަހު ކުރިންވެސް އިންގޮތަށް ބޭންދި އެވެ. ލޮލުގައި އަޅާފައިވާ އަނދުނާއި ކަޅިރަވައިގެ ހިތްގައިމުކަން އިތުރުކުރުމަށް ކޮށްފައިވާ މޭކަޕް، މުޅި މޫނުގެ ސިފަ ބަދަލުކޮށްލާފައިވެ އެވެ.
ކުއްލިޔަކަށް ބަލައިލެވުނީ އެނދުގައި ތަރުތީބުން ފަތުރާލާފައިވާ ރަތްކުލައިގެ ނަލަ ގައުންއަށެވެ. އެއީ މިވވަގުތު ކިއާރާ ލައިގެން އިންފަދަ 'ނިވާކަން ކުޑަ' ނުވަތަ ހަށިގަނޑުގެ ބޮޑު ބައެއް ފެންނާން އޮތް ހެދުމެއް ނޫނެވެ. މީހުންގިނަ ހަފްލާއަކަށް 'އަބުރުވެރި އަންހެންކުއްޖަކު' ލުމަށް އެންމެ އެކަށޭނަ ގޮތަށް ފަރުމާކޮށްލާފައިވާ 'ރޫބީ ރެޑް' ޝޭޑްގެ ނަލަ ހެދުމެކެވެ. ދޮރުބުޑުން ތެދުވެގެން މަޑުމަޑުން ހިނގާލާފައި ގޮސް ރަތްކުލައިގެ ހިތްގައިމު ހެދުމަށް ފަރުވާތެރިކަމާއެކު ބަލައިލަމުން، ދެއަތުން ހެދުން އުފުލާލި އެވެ. ހަމަ އެ ޖަޒުބބާތުގައި ހެދުން ގެނެސް، މޭގައި ޖައްސައި ދެލޯ މަރައިލެވުނީ ހޫނު ކަރުނަތައް އެސްފިޔަ ފޫއަޅުވާލާފައި އޮހޮރުމަށް ފުރުސަތު ނުދީ ވޭތޯ އެވެ.. ނަމަވެސް ކިއާރާގެ ހުރިހައި މަސައްކަތެއް ބޭކާރުވީ އެވެ. އަޑުން އަޑުނަގާފައި ރޯންފެށުނީ ކުރިއަށްވުރެން ބާރަށެވެ.
ހަމައެވަގުތު ކިއާރާގެ ކޮޓަރީގައި ޓަކި ޖަހައިލިއަޑު އިވުނެވެ.
"ކި އާ ރާ.." އެއީ އަހާންގެ އަޑެވެ. ނަމަވެސް އަޑުގައި ތަފާތުކަމެއް ހުރިކަން ކިއާރާއަށް ފާހަގަކުރެވުނެވެ.
"ކިއާރާ.. ދޮރު ހުޅުވާލަބަލަ.. ޕްލީޒް..! ކިއާރާ...!؟ އާރ ޔޫ އޯކޭ..؟؟!! ކިއާރާ...! ބޮލުގައި ރިއްސަންޏާ މި ބާމްފުޅިން ބާމްކޮޅެއް ހާކާލަން ދޮރުހުޅުވާލަބަލަ.." ކޮޓަރީގެ ބޭރުގައި ހުރެގެން ދޮރުގައި ބާރަށް ތަޅަމުން އަހާން ގޮވަމުންދިޔަ އެވެ.
ވަރުބަލިކަމާއި ކުރިން ނުހުންނަ ތަފާތު ގޮތެއް އަހާންގެ އަޑުން ކިއާރާއަށް ފާހަގަކުރެވެމުންދިޔައީ އިތުރު ނުތަނަވަސްކަމެއްގެ ގޮތުގަ އެވެ.
އަތުގައި އޮތް ހެދުން އެނދުމަށްޗަށް އެއްލާފައި ކިއާރާ މިސްރާބުޖެހީ ދޮރާއި ދިމާއަށެވެ. ދޮރުހުޅުވުމާއެކު އަހާން ހިފައިގެން ހުރި ބާމްފުޅި އޭނާގެ އަތުން 'ޖަހައިގަތެވެ.' އަދި ހިނދުކޮޅެއްގެތެރޭގައި އަހާންގެ މޫނުމައްޗަށް ދޮރުލެއްޕި އެވެ. ދުލުން ބަހެއް ބުނާން ހަރަކާތެއް ކޮށްލާނެ ހިނދުކޮޅެއްވެސް އަހާންއަށް ނުލިބުނެވެ.
މާޔޫސްކަމާއެކު އަހާން އެނބުރި ދިޔައީ އެހެން ގޮތެއް ނެތީތީ އެވެ.
'ސީރިއަސްލީ...؟ ބާމް..؟ ގްރރރރރރ.. ނޫޅެން ބާމް ނުހޭކިގެނެއް..! އެއްވެސް އެހީއެއް، އަދި އެއްވެސް ފަރުވާއެއްވެސް އަހާންގެ ކިބައިން ބޭނުމެއް ނޫން.. އަހަރެން ދިރިހުއްޓަސް، މަރުވިޔަސް އެކަމުން އަހާންއަށް އެއްވެސް އަސަރެއް ނުކުރާނެ..! ދެއްކުންތެރިކަމުން، ކޮންމެހެން އޯގާތެރިވާންކަމަށް ހެދިގެން އުޅޭނެކަމެއް ނެތް.." އަތުކޮޅަށް ބާމްފުޅި އެއްލާލީ މިސްރާބެއް ބެލުމެއް ނެތި އެވެ.
ކުޑައިރުކޮޅަކު ނިއްކުރީގައި ހިފަހަށްޓައިގެން ހުރުމަށްފަހު، އަލަމާރީގެ ތެރެއިން އާންމުކޮށް ލާންގެންގުޅޭ،، ކުރުތާއަކާއި ޖީންސްއެއް ނަގައިގެން ކިއާރާވަނީ ފާހާނާއަށެވެ.
...............
ރަތްވެ ދުޅަވެފައިވާ ދެލޮލުން ނަގަމުންދިޔަ ދިލައަށް ކިއާރާގެ ފަރުވާލެއް ނެތެވެ. އަމިއްލަ ހިތާއި ކުރަމުންދިޔަ އެތައް ސުވާލަކާއި ބޮނޑިވަމުންދިޔަ ޝަކުވާއަށް ނިމުމެއް ނެތެވެ.
"ދުލުން ބުނެލާ އިބާރާތަކާއި، ކަރުދާސްގަނޑެއްގައި ކުރާ ސޮޔަކުން ހުރިހައި ގުޅުމެއް ކެނޑިގެން ދިއުމަކީ ކޮންފަދަ ބޭއިންސާފެއް ހެއްޔެވެ؟ ހިތަކީ ހަމައެކަނި ވޭން އުފުލަން ލެއްވި ގުނަވަނެއް ހެއްޔެވެ؟ ހަށިގަނޑުގައި ހިނގާ ބާރުގަދަ އިހްސާސްތަކަކީ އެއްވެސް އަގެއް ނެތް އެއްޗަކަށްވަނީ ކީއްވެ ހެއްޔެވެ؟"
އަމިއްލަ ނަފުސާއި މުހާތަބްކުރަމުން ދަނިކޮށް އަނެއްކާވެސް ކިއާރާގެ ސަމާލުކަން ހުއްޓުނީ ދޮރުގައި ތަޅަންފެށި އަޑަށެވެ.
މިފަހަރު ދޮރުގައި ތަޅަނީ ކުރިއަށްވުރެން މާ ބާރަށެވެ. ދަތްކުނޑިވިކާލާފައި ދެފަޔަށް ބާރުލާފައި ހިނގައިގަތީ ދޮރާއި ދިމާއަށެވެ. ގައިހުރި ބާރަކަށް ދޮރުހުޅުވާލުމާއެކު ލިބުނީ ޝޮކެކެވެ. ކުރިމަތީގައި ހުރީ އަހާންއެވެ. ދެލޯރަތްވެ، ދާހިއްލާފޯވެފަ އެވެ. ބޮލުގެ އިސްތަށިގަނޑުގައި ތަރުތީބެއް ނެތެވެ. ގަމީހުގެ އެކި ދިމަދިމާއިން އޮތީ ރޫ ބޮނޑިވެފަ އެވެ. ގަމީހުގެ އެންމެ ފަހު ތިން ގޮށް ގަމީހުގައި ނުވެސް ހައްދަވަ އެވެ. ނޭވާ ނުލެވިގެން ތެޅިފޮޅިފައިވާހެން ހީވުމުން ކިއާރާގެ ގައިން ހީބިހި ނެގި އެވެ.
"އަހާން...؟!" ދެބުމަ ގޮއްޖަހާލާފައި ކިއާރާއަށް ކޮށްލެވުނީ ސުވާލެއްކަމެއް ނުވަތަ ފާޅުކުރެވުނީ ހިޔާލެއް ކަމެއް ނޭގުނެވެ.
"ކިއާރާ... އަހަރެންގެ ލޮ ލަ ކަ ށް ނި ން ޖެ އް ނައި... ނޭވާލާނެ ގޮތެއް ނޭގުނު... ހާސްވަނީ.." ހުއްޓަ ހުއްޓާފައި އަހާން ވާހަކަދެއްކީ އުނދަގުލުން ނެވެ.
"ކިހިނެއް ވެފައި ތިހުރީ.. ނޭވާ ނުލެވެންޏާއި ކޮޅަށް ހުރެވޭތަ...؟" ދޮރު ހުޅުވާލަމުން ކިއާރާ ސުވާލުކޮށްލި އެވެ.
"ނޭގެ.. އެކަށްޗެއްވެސް ނޭގެ.. ހަދާނެ ގޮތެއްވެސްނޭގެ.. ނޭވާލާކަށްވެސް ނޭގެ.. މޭގައި ރިއްސަނީ... ނޫން ނޫން .. މިތާގަ ރިއްސަނީ.. ވަރަށް އުނދަގޫވަނީ.. ވަރަށް ބޮޑަށް އުނދަގޫވަނީ.. މިތަން ވަރަށް ބަރު.. އެ އެއްޗެހިތައް އެއްފަހަރާ ކާކަށްވެސް ބޭނުމެއް ނޫން.. އެކަމަކުވެސް ކެވުނީ.. ކަރަށްވެސް ތަދުވި.. ވަރަށް ތަދުވޭ.." އަހާންއަށް ކިޔޭނުކިޔޭ އެއްޗެއްވެސް ނޭގެ އެވެ.
އިނިގިލިތައް މުށްކަވާފައި މޭގެ ވާތްފަރާތުގައި ދެތިން ފަހަރު ބާރަށް ޖަހައިލަމުން އަހާން ހިތަށް އައިހައި އެއްޗެއް ކިޔަން ފެށި އެވެ. ބުނާނެ އެއްޗެއް ނޭގި، ހުއްޓުން އަރާފައި ހުރެވުނީ ކިއާރާއަށެވެ.
"ސަބަބެއް ހޯދަން... ވަރަށް ވިސްނައިފިން.. އެކަމަކު ސަބަބެއްވެސް ... ނުވިސްނުން.. ވަރަށް ތަދުވޭ.. މިތަ ނަ ށް ތަ ދު ވަ ނީ" ވަރަށް އުނދަގުލުން މަޑުމަޑުން އަހާން ބުނުމާއެކު އޭނާ އަރިއަޅައިލި އެވެ. ހަމައެވަގުތު އަޔާންގެ ދިގު، ބަރު ހަށިގަނޑު ވެއްޓުނަ ނުދީ ހުށިޔާރުކަމާއެކު ހިފެހެއްޓީ ކިއާރާ އެވެ.
"އަހާން..!؟"
"ކިއާރާ... ހެލްޕް މީ.. ޕްލީޒް..! މިހައި ބޮޑަށް ތަދުވަނީ ކީއްވެ..؟ ވަރަށް ބޮޑަށް ރިއްސަނީ.." ކުޑަކުއްޖެއް ފަދައިން އަހާން ޝަކުވާކުރި އެވެ.
ހިތުގައި ޖަހަމުންދިޔަ ވިންދު އަވަސްވެ، މުޅިހަށިގަނޑުގެ ލޭ ދައުރުވުން ބަދަލުކޮށްލައިފި އެވެ. އަހާންގެ ހަށިގަނޑު އޮތީ ކިއާރާގެ ގައިގައި ތަތްކޮށްލާފަ އެވެ. ހޫނު ނޭވާ އަމާޒުވަމުންދިޔައީ ކިއާރާގެ ކަނދުރާއަށެވެ. މުޅިގައިން ހީބިހި ނަގާފައިވަނީ އަހާންގެ ތުންފަތް ކިއާރާގެ ތުނި ހަންގަނޑުގައި ބީއްސާލަމުންދިޔަ ގޮތުންނެވެ. ކެތްތެރިކަން ކޮޅުންލަމުންދިޔަ ވަގުތުގައި ކިއާރާގެ އެސްފިޔަތައް ތަގުޅިކޮށްލެވުނެވެ. ކޯތާފަތް ހުރަސްކޮށް ދަތްދޮޅީން ކަރުނަ ދެމިގަތެވެ.
"އުމްމްމްމމ... އަހާން..!" ވާނުވާ ނޭގިފައި ކިއާރާއަށް ދެވުނީ ދައުވަތެކެވެ.
ކިއާރާގެ ކަންދުރާއާއި ކަރުދަށުން ފެށިގެން، ކަންފަތު ފޫޅުދަނޑީގައިވެސް އަހާންގެ ތުންފަތް ބީއްސަމުން، ދަތް އަޅަމުންދިޔައީ ހައިވެފައިވާ ސިންގާއެއް ފަދައިންނެވެ. ދެމުންދިޔަ ގޯނާއިން ކިއާރާއަށް ކުރަމުންދާނެ އަސަރުތަކަށް ވިސްނާލުމެއްވެސް ނެތެވެ. ނުވަތަ ކުރެވެމުންދިޔަ ކަންކަމުގެ ހަބަރެއް އަހާންއަށްވެސް ނެތީ އެވެ.
ކުއްލިޔަކަށް ކިއާރާގެ ދިގު އިސްތަށިގަނޑު އަހާންގެ އަތަށް އޮޅާލާފައި ކިއާރާގެ މޫނު އަހާންއާއި ސީދާ ކޮށްލި އެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވިވަގުތު ކިއާރާގެ ގައިން ހީބިހި ނެގި އެވެ. ބުނެދޭން ނޭގޭ ޖަޒްބާތުތަކެއް އަހާންގެ ލޮލުން ފެނުނު މިއީ ފުރަތަމަ ފަހަރެވެ. ގުޑާލަން ނޭގިފައި ކިއާރާއަށް ހުރެވުނީ ހިތާއި ސިކުނޑީގައި އެބުރެމުންދިޔަ އޮއެވަރު މައިތިރިކުރާނެ ފޯމިއުލާއެއް ނެތީމަ އެވެ. އަހާންއަށް ވަމުންދިޔަގޮތުގެ ހަބަރެއް އޭނާއަށްވެސް ނުވަނީ އެވެ. ކޮންމެވެސް ބާރަކުން އަހާންގެ ހިއްސުތައް ކޮންޓްރޯލް ކުރަނީ އެވެ. އަހާންގެ ތުންފަތާއި ކޯތާފަތް ކިއާރާގެ މޫނާއި ކަނދުރާގައި ހާކަމުން ދިޔައީ މުޅި ކޮޓަރީގެ އޮއެވަރު ބަދަލުކުރަމުންނެވެ.
"އަހަރެން ދޫކޮށްލާފައި އެހެން މީހެއްގެ ކައިރިއަށް ނުދޭ.. ޕްލީޒް.. ޕްލީޒް ކިއާރާ.. އަހަންނަށް ކެތެއް ނުވވާނެ.. ޕްލީޒް ކިއާރާ" ކިއާރާގެ ދެފައި ދަށުން ދުނިޔެ ދެމިގެންހެން ހީވި އެވެ.
ލިބުނު ޝޮކްގައި ކަންފަތުން ހޫނު އާވި ނިކުންނަން ފަށައިފި އެވެ. އަތުގައި ހުރި ބާރެއްލާފައި އަހާން ދުރަށްލާން މަސައްކަތް ފެށި އެވެ. ނަމަވެސް ދެ ކަކުލުގައި ބާރެއް ނެތެވެ. ދެންމެ ދެންމެ އަނބުރައިގަނެގެން ވެއްޓިދާނެހެން ހީވި ކިތަންމެ ސިކުންތެއް މިނެޓެއްހާއިރުތެރޭގައި ފާއިތުވެއްޖެ އެވެ. ކަރުގައި ހިތް ތާށިވި ފަދަ އެވެ. ނޭވާ ހާސްވެ ދެ ލޯ ރަތްވާން ފަށައިފި އެވެ. ބާރުގަދަ ދެއަތުގެ ތެރެއިން ސަލާމަތްވާން ކިއާރާއަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރި އެވެ.
"އަ ހާ ން ޕް ލީ ޒް" ވަރަށް އުނދަގުލުން ކިއާރާ އާދޭސްކުރަން މަސައްކަތްކުރީ އޭނާގެ ގައިން ދޫކޮށްލުމަށެވެ.
ނަމަވެސް ކުރިއަށްވުރެން ބާރަށް ކިއާރާގެ ގައިގައި ބައްދާފައި، ކަންދުރާގައި އަހާންގެ ތުންފަތުން ދެމުންދިޔަ ގޯނާތައް ވަރުގަދަކުރި އެވެ. ޔަގީނުންވެސް ދެތިން ދުވަހު ނުފިލާ ހުންނާނެ ކިތަންމެ 'ނިޝާނެއް' ކިއާރާގެ ކަނދުރާގައި މިހާރު ހުންނާނެކަން އޭނާއަށް ޔަގީނެވެ.
ބާރުލިބުނު ތަނެއް، އެފަދަ ހިތްވަރެއް ލިބުނު ގޮތެއްވެސް ކިއާރާއަކަށް ނޭގުނެވެ. މުޅިހަށީގައި ހުރިހައި ބާރރެއް ލާފައި އަހާންގެ މޭގައި އަތް ވިއްދާފައި ކޮށްޕާލި އެވެ. އަދި މުލައްދަނޑީގައި ހުރި ބާރެއް ލާފައި އަހާންގެ ކޯތާފަތްމަތީގައި ޖެހިއަޑު މުޅި ކޮޓަރިތެރޭގައި ގުގުމާލި އެވެ. ބުރައިގެން ގޮސް އަހާން ވެއްޓުނީ ދާދިގާތުގައި ހުރި މޭޒެއްގެ މައްޗަށެވެ.
"ހުއްޓާލާ އަހާން....! ކީކޭ ހިތައް އަރައިގެން ތިއުޅެނީ..؟ ކޮން ހައްގެއް އޮވެގެން ތިއުޅެނީ އަހާން؟ އަހާންއަށް އަހަންނަކީ ކާކު..؟ ކިހިނެއް ހަދާނަމޭ ހީކޮށްގެން މިތަނަށް ތިއައީ..؟" ކިއާރާގެ ދެލޮލުން ލޭ ތިކި ޖަހައިފާނެހެން ހީވެ އެވެ. މިފަދަ ހހަރުއަޑަކުން އަހާންއާއި ކިއާރާ މުހާތަބުކުރި މިއީ ފުރަތަމަ ފަހަރެވެ.
ކިއާރާގެ ހަރުކަށި ޖުމުލަތަކާއެކު އަހާންއަށް ހަމަބިމަށް އާދެވުނު ފަދަ އެވެ. އައްސިވެފައިވާ ކޯތާފަތުގައި އަހާން އަތް ބާއްވާލި އެވެ. ތުންފަތުގެ އެއް މިޔަކަނުން ލޭ އަންނަން ފަށައިފި އެވެ.
"ކޮންމެ ކަމަކީވެސް އަހާންގެ ނިންމުން! ހަމައެކަނި އަހާންއަށް ފެންނަ، އަހާން ބޭނުންވާ ގޮތް..! އަހަރެން އެހެންމީހަކާއި ދެވަން ނިންމުމަކީވެސް ހަމައެކަނި އަހާންގެ ނިންމުން..! ތިމާގެ އަނބިމީހާއަށް ދެވަނަ ފިރިހެނަކު ހޯދަން ދުނިޔޭގައި އަތްފުނާއަޅާ ތިއީ ފުރަތަމަ ފިރިހެނާ..! އެއްޗެއް ހިތައްވެސް ނާރާތަ އަހާން..؟ ބޮލުގައި އިން ސިކުނޑީގައި ތެތްކަމެއްވެސް ނެތީތަ އަހާން..؟" އަހާންގެ ގިރުވާނުގެ ދެފަރާތުގައި ނުހަނު ބާރަށް ހިފަހައްޓާފައި ކިއާރާ ހަތަރުކަޅި ހަމަކުރި އެވެ. ހަމަހިމޭންކަން ނޫނީ އަހާންގެ ކިބައިން މިފަހަރު ނުފެނުނެވެ.
"ޖަވާބު ދީބަލަ..! ކީއްވެ ހިމޭނުން ތިހުރީ..! ކީއްވެ...؟ މިފަދަ އިހާނެތިގޮތެއް އަހަންނަށް ހަދަން ބޭނުންވަންޏާ، އެދުވަހު އަހަންނާއި ކައިވެނިކުރީ ކީއްވެ..؟ އެދުވަހު ކޮން ހައިސިއްޔަތަކުން އަހަރެންގެ މައްޗަށް ހައްގު އޮތްކަމަށް ދައުވާކުރީ..؟ އެދުވަހު ކައިވެނިކުރީ ކާކު ކޮންކަމަކަށް އަހާންއަށް މަޖުބޫރުކޮށްގެން..؟ އެހެންމީހުން އަހަންނަށް ކޮންމެ ގޮތެއް ހެދިޔަސް، ތެޅިޔަސް، މެރިޔަސް، މަލާމާތްކޮށް ފުރައްސާރަ ކުރިޔަސް އެއީ އަހާންއާއި ބެހޭކަމެއް ނޫން..! މިގޮތަށް ރެއާއި ދުވާލު އެތައް ވޭނަކުން ފުރާނަ ވީދުމަށށްވުރެން، އެދުވަހުގެ އެ ހާލަތުވެސް މާރަގަޅު!" ކިއާރާ ވާހަކަދެއްކީ ރޮމުންނެވެ.
ލިބެމުންދިޔައީ ހުއްޓުމެއް ނެތް ކަރުނަ އެވެ. އަތުގައި ހުރި ބާރެއް ލާފައި އަހާންގެ ގައިގެ އެތަންމިތަނުގައި ތަޅަމުންދިޔައީ ކިއާރާގެ ސުވާލުތަކަށް ޖަވާބު ހޯދުމަށެވެ.
"މިތާ، މި ގޭގައި އެއްފުރާޅެއްގެ ދަށުގައި އެތައް މަހެއް ވެއަތުވެގެންދިޔައީ އަހަރެންގެ މައްޗަށް ކުޑަވެސް އިހްސާސެއް ނެތި..؟ ގޭގައި ގެންގުޅޭ ޖަނަވާރުތަކަށްވެސް އެގޭގައި ދިރިއުޅޭ އިންސާނުންގެ ހިތް ލެނބޭ..! އެއަށް ރަހުމުވެސް ކުރޭ..! އެކަމަކު އަހަރެންގެ މައްޗަށް އަހާންގެ ހިތުގައި އެފަދަ މިންވަރެއްވެސް ނެތް.. ތިއީ ރަހުމު ކުޑަ، އަމިއްލަ އެދުންބޮޑު ހިތެއްވެސް ނެތް އިންސާނެއް.. އަމިއްލަ ނަފުސު ނޫން އެހެން އެކަށްޗެއްވެސް އަހާންއަށް ދުނިޔޭން ނުފެނޭ.. އައި ހޭޓް ޔޫ ސޯ މަޗް..!" ކިއާރާގެ ހިތަށް އައި ކޮންމެ އެއްޗެއް މިރޭ އަހާންއާއި ދިމާއަށް ކިޔަމުންދިޔައީ އޭނާގެ ހިތައް ތަސައްލީއެއް ލިބޭތޯ އެވެ.
ބުނާނެ އެއްޗެއް ނޭގިފައި އަހާން ބަލަމުންގެންދިޔައީ ސީދާ ކިއާރާގެ މޫނަށެވެ.
"އެންމެ ފަހުވަގުތަށްވެސް މިބަލަނީ ހަމައެކަނި އަހާން ބޭނުންވާގޮތަށް ކަންކަން ކޮށްދެވޭތޯ.. އަހަންނަށް އެހެން ފިރިހެނަކު ހޯދައިގެން ގެނައީވެސް އަހާން.. އިން ޝާ ﷲ ދާދި އަވަހަށް އަހާންގެ ދިރިއުޅުމުން ދުރަށް ދާނަން.. އަހަރެންގެ ކިބައިން ކުޑަވެސް ތުރާލެއް އަދި އުނދަގުލެއް ވިޔަ ނުދޭނަން.. ދުލުން ބޭރުކުރި ޒަހަރެއްފަދަ ޖުމުލައާއި ކުރި ސޮއެގެ ސަބަބުން މިއަދު އަހަރެންގެ މައްޗަށް އަހާންއަށް އެއްވެސް ހައްގެއް ނެތް..! މި ހުރިހާ ކަމަކީވެސް ހަމައެކަނި އަހާންގެ ނިންމުން..!" އަސަރާއެކު ކިއާރާ ބުނަމުންގެންދިޔައީ ހަގީގަތެވެ.
އަހާންގެ ދެ ލޯ ފެންކަޅިވެ ތުންފަތް ތުރުތުރުއަޅާން ފަށައިފި އެވެ. އުނދަގުލުން އެސްފިޔަތައް ގުޑުވާލަން އުޅުނެވެ. ފަސޭހަ މަންޒަރަކަށް ނުވުމުން ކިއާރާ އެނބުރުނީ ފުރަގަހަށެވެ.
ވީނުވީއެއް ނޭގުނެވެ. އިވުނީ ގަދަފަދަ އަޑެކެވެ. އިސްކޮޅުންދިގު ބާރުގަދަ ކަސްރަތީ ހަށިގަނޑު ކިއާރާއަށް ފެނުނީ ކާޕެޓްމަތީ ދެމިފައި އޮއްވަ އެވެ. (ނުނިމޭ)