މިކަމުގެ އެއްބަސްވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު އަމީންއެވެ. އެޗްޑީސީން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދެވެ.
މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 15 ޕާކިން ބިލްޑިން އަޅާނެއެވެ. އަދި މި ތަންތަނުގެ މަސައްކަތް މިއަހގަރު ފަހުކޮޅު ފަށާ ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިންމާ ބޭނުންކުރަން ފަށާނެއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުަގއި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ އަލަށް ހަދާ ޕާކިން ބިލްޑިންތަކާ އެކު ޕާކިން މައްސަލަތަކަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށެވެ. މީގެއިތުރުން ކުރިން ގަރާޖެެއް އޮތްކަމަށް ބުނެ ރަޖިސްޓްރީކުރި ގިނަ އުޅަނދުތައް އޮތީ މަގުމަތީގައިކަމަށާއި މި ޕާކިން ބިލްޑިންތައް ހެދުމުން ގަރާޖު ނެތް ފަރާތްތަކަށްވެސް ޖާގަ ލިބިގެންދާނެކަން މިނިސްޓަރު އަމީން ފާހަގަކުރެއްވިއެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ވިދާޅުވީ އަލަށް ގާއިމްކުރާ ޕާކިން ބިލްޑިންތަކުގެ ޕާކިން ސްލޮޓްތައް ވިއްކާނީ އެ ތަންތަން ގަންނަ ފަރާތްތަަކަށް އެ ތަން އަމިއްލަ ކުރެވޭ އުސޫލުންކަމަށެވެ.
ފަޒުލް ވިދާޅުވީ ޕާކިން ބިލްޑިންގެ 90 އިންސައްތަ ސްލޮޓް ހާއްސަކުރާނީ ބީލަމުގެ އުސޫލުން ވިއްކާގޮތަށްކަމަށެވެ. އަދި އަނެއް 10 އިންސައްތަ ހާއްސަކުރާނީ ވިސިޓާސް ޕާކިން އޭރިޔާތަކުގެ ގޮތުގައެވެ. އަމާޒަކީ 1 އަހަރު ތެރޭގައި ނިންމުން ކަމަށާއި ނޮވެންބަރު ނޫނިީ ޑިސެމްބަރުގައި މި ތަންތަނުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.