
މި މައްސަލައަކީ ހުޅުމާލޭގައި ހަދަމުންދާ ކޭ-ޕާކް ރެސިޑެންޓްގެ އެޕާޓްމަންޓަކާ ގުޅޭ މައްސަލައެކެވެ.
މި މައްސަލައިގައި ކުރިން ސިވިލް ކޯޓުން ނިންމާފައިވަނީ ހަންބޯ ކުންފުނިން 2.9 މިލިއަން ރުފިޔާއާއި 20،000 ޑޮލަރު ރަފީއުއްދީން ނަސީމަށް ދޭންޖެހޭ ކަމަށެވެ. ނަމަވެސް މި ހުކުމް ކޮށްފައިވަނީ ހަންބޯ ކުންފުނީގެ ގައިރު ހާޒިރުގައި ކަމަށް ބުނެ، އެ ކުންފުނިން ހުކުމް ބާތިލުކުރުމަށް އެދި ކޯޓަށް ހުށަހެޅިއެވެ.
ހަންބޯ ކުންފުނިން ބުނެފައިވަނީ މި މައްސަލައިގައި ބޭނުންކޮށްފައިވާ ލިޔެކިޔުންތަކަކީ ފޯޖުކޮށްފައިވާ ތަކެތި ކަމަށާއި، މި މައްސަލައަކީ ފުލުހުން ބަލަމުންދާ ފްރޯޑް މައްސަލައެއް ކަމަށެވެ. އަދި މައްސަލައިގެ ލިޔެކިޔުންތަކާ އެހެން ފަރާތަކުން ހަވާލުވުމުގެ ސަބަބުން، ކުންފުނީގެ އިސްވެރިންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުލިބުނު ކަމަށްވެސް ބުނެފައިވެއެވެ.
މި ހުރިހާ ކަންކަމަށް ރިއާޔަތްކޮށް، ފަނޑިޔާރު އާދަމް ޒާލިފް ވަނީ ކުރިން ކުރި ހުކުމާއި ދައުވާ ފޯމު ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށް ނިންމާފައެވެ. މިއީ ހަންބޯ ކުންފުންޏަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. ނަމަވެސް މި މައްސަލައިގެ ޙަޤީޤަތް ހާމަވާނީ އަލުން ބާއްވާ ޝަރީއަތުގެ މަޖިލީހުގައި ކަމަށް ބެލެވެއެވެ.
ކޭޕާކްގެ ނަމުގައި ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ލަގްޒަރީ އެޕާޓްމެންޓްތައް ވިއްކުމުގައި އެ ކުންފުނިން ވަނީ މަކަރާއި ހީލަތް ހަދައި، އެތައް ބަޔަކަށް އޮޅުވާލައިފަ އެވެ. ފްލެޓް ގަތް ގިނަ ބަޔަކު ވަނީ މި މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން ބައެއް މީހުންގެ މައްސަލަތައް ކޯޓުން ނިންމާފައިވާއިރު، އެ އެޕާޓްމެންޓްތައް އެމީހުންނަށް ދިނުމަށް ހުކުމް ކޮށްފައިވެއެވެ.