މިއީ މާލޭން ދެކުނުގެ ރަށެއްގެ އުމުރުން ދުވަސްވީ މީހެއްގެ މައްސަލައެވެ. މި މައްސަލައިގައި ހިމެނޭ މީހާގެ މައްޗަށް ހައިކޯޓުގައި މިދިޔަ ހަފްތާގައި އޮތް ޝަރީއަތުގައި ކުށް ސާބިތުވެފައި އޮތް ނަމަވެސް އަދި އޭނާގެ މައްޗަށް އަދަބު ކަނޑަ ނާޅަ އެވެ. އަދަބު އަދި ކަނޑަ ނޭޅިނަމަވެސް އެ މީހާ ހުރީ ކުށް ސާބިތުވުމާއެކު ބަންދުކޮށްފައެވެ. ކުރިއަށް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް އަދަބު ކަނޑައަޅާނެ ކަމަށްވަނީ މައުލޫމާތު ލިބިފަ އެވެ.
މާލޭން ދެކުނުގެ ރަށަކަށް ނިސްބަތްވާ ދުވަސްވީ މީހެއްގެ މި މައްސަލައަކީ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ އެކެވެ. މި މައްސަލައަކީ އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ މައްސަލައެއް ނޫން ކަމުން މައްސަލައިގެ ތަފްސީލެއް ނުލިބެ އެވެ.
މައްސަލައިގައި ކުށް ސާބިތުވީ މީހާގެ ވަނަވަރު ހަބަރުގައި ހިމަނާފައި ނުވަނީ އަނިޔާ ލިބުނު ކުޑަ ކުއްޖާގެ މަސްލަހަތު ރައްކާތެރި ކުރުމަށެވެ.