ads
އިހްސާސް - ހަތަރު ވަނަ ބައި
އެޕިސޯޑް 4
Advertisement

ބުރާސްފަތި ދުވަހުގެ އަދަދާއި ގުޅޭ

ވީނުވީއެއް ނޭގުނެވެ. އިވުނީ ގަދަފަދަ އަޑެކެވެ. އިސްކޮޅުންދިގު ބާރުގަދަ ކަސްރަތީ ހަށިގަނޑު ކިއާރާއަށް ފެނުނީ ކާޕެޓްމަތީ ދެމިފައި އޮއްވަ އެވެ. މަންޒަރު ބަލަން ހުންނާކަށް ކިއާރާއަށް ވަގުތެއް ނެތެވެ. 

ނުހަނު އުނދަގުލުން އަހާން ނަގާފައި ކިއާރާގެ އެނދުމަތީގައި ބޭއްވި އެވެ. ބޫޓާއި ސްޓާކިން ބޭލުމަށްފަހު އަރާމުވާނެހެން އަހާން ބާއްވާލި އެވެ. ކުއްލިޔަކަށް ކިއާރާގެ ސަމާލުކަން ހުއްޓުނީ އަހާންގެ ތުންފަތަށެވެ. އޭރުވެސް ލޭ ހުއްޓެވެ. ކޯތާފަތްވަނީ ނޫފާގަތްފަ އެވެ. ހަނދާނަށްއައީ ވިސްނާލުމެއްނެތި އޭނާގެ އަތް އިސްކުރެވުނު ލަދުވެތި މަންޒަރެވެ. އެވަރުގެ އަމަލެއް ހިންގާން ބާރުލލިބުނު ގޮތެއް ކިއާރާއަށް ނުވެސް ވިސްނުނެވެ. 

އެންޓިސެޕްޓިކް އަދި ކަފަ ރޯލް ފަސްޓްއެއިޑް ފޮށިތެރެއިން ނަގައިގެން އައިސް ފަރުވާތެރިކަމާއެކު ޒަހަމް ސާފުކުރި އެވެ.

އަހާންގެ މައުސޫމް މޫނަށް ކިއާރާ ބަލައިލި އެވެ. ތެދެކެވެ. އެފަދަ ކަމެއް އަހާން ކޮށްފާނެކަމަށް ހިތަށް އަރާނެ އިންސާނަކުވެސް ނޫޅޭނެ އެވެ. އެކަމަކު ދާދިދެންމެ ކިއާރާ އެބުނި ކޮންމެ ޖުމުލައެއްގެ ހުރިހައި 'ކްރެޑިޓް' ހައްގުވާ ހަމައެކަނި ފަރާތަކީ އަހާން އެވެ. އަމިއްލަ އަނބިމީހާގެ ކައިވެނި އެހެން މީހަކާ ކުރުވަން އުޅެނީ އަހާން އެވެ. ދުނިޔޭގައި މިފަދަ 'ތެތްކަމެއް ނެތް ސިކުނޑިއެއް'ގެ ވެރި ދެވަނަ އިންސާނަކު ނުވެސް ވާނެކަން ކަށަވަރެވެ.

'އަހަރެން ބޭނުންވަނީ ކޮންކަމެއްތޯ ނުވަތަ ބޭނުންވަނީ ކޮން ގޮތެއްތޯ ހަމަ އެންމެ ފަހަރަކުވެސް އަހާން ސުވާލުކޮށްނުލަ އެވެ.  އަހަންނަކީ ރާއްޖެތެރޭގެ ތަރައްގީނުވާ ކުޑަކުޑަ ރަށަކަށް އުފަން އަންހެން ކުއްޖެކެވެ. މައިންބަފައިން ނިޔާވެ ޔަތީމަކަށްވުމުން ދިރިއުޅުން އެފުށް މިފުށަށްޖެހުނެވެ. އެކަމަކު މިފަދަ ދުވަހެއް އަތުވެދާނެކަމަށް ހުވަފެނުންވެސް ފެނިފައެއް ނެތެވެ.  އަހާންއާއި އަހހަރެން ފުރަތަމަ ބައްދަލުވީ އަހަރެންގެ އުފަން ރަށުންނެވެ. ކުރިއަށް ދިޔައީ ކައިވެނި ހަފްލާއެކެވެ.

ހަތް މަސް ކުރިން.. 

މީހުންދިރިއުޅޭ ރަށްރަށުގެ ތެރެއިން ތަރައްގީނުވާ ކުޑަކުޑަ ރަށެށް

ބޮކިފަތި ދިއްލައި ރުކުގެ ފަނާއި އިހާގަނޑުފަދަ ތަކެތި ބޭނުންކޮށްގެން ޒީނަތްތެރިކޮށްލާފައިވާ ގެއެކެވެ. ބަލލާބެލުމަށް އެއީ ކައިވެނީގެ ހަފްލާއެއްކަން ޔަގީންވެ އެވެ. ކޮޅުކޮޅަށް ހަރަކާތްތެރިވަމުންދިޔަ އެންމެންވެސް މަސައްކަތްކުރަމުންދިޔައީ ވީ އެންމެ ފުރިހަމައަށް އެމީހެއްގެ ޒިންމާ އަދާކުރެވޭތޯ އެވެ. 

ފެންޑާއެއްގެ ތެރެއިން ވަދެގެން އައިސް މޫނުޖެހެނީ ހުދު ދަވާދު ލާފައިވާ ދޮރެއްގަ އެވެ. އެތެރެއިން އިވެމުންދިޔައީ ދެ އަންހެންކުއްޖެއްގެ އަޑެވެ. 

ފުރަތަމަ ކުއްޖާ- "ޔޫ ލުކް ސޯ ބިއުޓިފުލް ޓުޑޭ.. !މިއަދަކީ ވަރަށް ހާއްސަ ދުވަހެއް.. އެންމެ ހާއްސަ ސަބަބަކީ އަހަރެންގެ އެކުވެރިޔާ އޭނާގެ ބައްޕަގެ ހުވަފެންތައް ހަގީގަތަށް ހަދައިދޭތީ.". 

ޑްރެސިންގޓޭބަލްއަށް ކުރިމަތިލައިގެން ލޯގަނޑަށް ބަލަހައްޓައިގެން އިން، އަންހެންކުއްޖާގެ މޫނުމަތީން އުފާވެރިކަމެއް ނުވަތަ ޝައުގުވެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ނުފެނެ އެވެ. އެކުވެރިޔާގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހު އަނެއްކާވެސް ވާހަކަދެއްކީ ދުވަހުގެ ހަފްލާއަށް ތައްޔާރުވެ، ލިބޭ ހިތްހަމަޖެހުން ބުނެދެމުންދާ އެކުވެރިޔާ އެވެ. 

"ކިހިނެއްވީ މައިރާ..؟ ކޮންކަމަކާ ތި ވިސްނަނީ؟ އަދިވެސް އޭނާގެ މަތިން ހަނދާންނައްތާނުލަންތަ؟ ވާން ނެތްކަމެއްގެ އިންތިޒާރުގައި ހިތްދަތިވުމަށްވުރެން ފެންނަމުންދާ ހިނިތުންވުމުގެ އުފާވެރިކަން އިހްސާސްކުރުން މާ ބުއްދިވެރިވާނެ.. އެއީ ހުރިހައި އެންމެންނަށްވެސް އެންމެ ފައިދާބޮޑު ގޮތް.. އެކަން ހަނދާން ނައްތާލާ..! އެއީ ހުރިހައި ގޮތަކުންވެސް އެންމެ ރަގަޅު، އެންމެ ބުއްދިވެރި ގޮތް.." އެކުވެރިޔާއަށް ވިސްނައިދިނުމަށް ކިއާރާ ވާހަކަދެއްކީ ހުރިހައި ކަމެއް އެނގިހުރެ އޭގެ ނަތީޖާވެސް އޭނާއަށް ރަގަޅަށް އެގޭތީ އެވެ. 

"ކިއާރާ ތިބުނީ ރަގަޅަށް.. ހިންގާ ދާން.. މިހާރު ހުރިހާ މީހުން ހަމަވެދާނެ.. ބައްޕަ އަހަރެން ބަލައި އައުމުގެ ކުރިން ސަލާމަތްވާން ބޭނުން.." މައިރާގެ އަޑު މަޑެވެ. އުވާފެރިކަމުގެ މިންވަރެއްވެސް އެ އަޑުގައި ނެތެވެ. 

މައިރާގެ ބައްޕައަކީ ރަށުގެ ޒިންމާދާރު ވެރިޔާ އެވެ. ޒުވާންއުމުރުގައި ރަށުގެ ބޮޑުކަތީބުކަން ކުރީއްސުރެން މައިރާގެ ބައްޕައަކީ ރަށުގެ އެންމެ  އެންމެން ދަންނަ އަދި ހިތް ނުރުހޭމީހުން ޖެހިލުންވާ، ރުންކުރު ވަރުގަދަ ސަހްސިއްޔަތެކެވެ. މުހައްމަދު ނަސީރު އާއއި ދެކޮޅަށް އަޑުއުފުލައި ދެބަސްވާން ކެރޭ މީހަކު ރަށުގައި މަދުވާނެ އެވެ. މުޅިރަށް އޮންނަނީ ނަސީރުގެ ބާރުގެ ދަށުގަ އެވެ. މިއަދަކީ ނަސީރުގެ ހުރި ހަމައެކަނި ދަރިފުޅުގެ ކައިވެނި ކުރެވޭ ދުވަހަށްވާތީ މުޅިރަށް ތައްޔާރުވެފައިވަނީ ދުވަހުގެ ހަފްލާއަށެވެ. 

ކޮޓަރީ ތެރެއިން ނިކުމެގެން އަވަސް ހިނގުމުގައި ކިއާރާ މިސްރާބުޖެހީ، ކައިވެނީގެ ރަސްމިއްޔާތު ހަމަޖެހިފައިވާ ފެންޑާގައި އެކަމަށް ތައްޔާރުކޮށްފައިވާ މޭޒާއި އަދި އެހެނިހެން ހުރިހައި ކަމެއް ތައްޔާރުވެފައި ހުރިތޯ ބެލުމަށެވެ. އަދި ނަސީރުބެއަށް ބޭނުންވާ އެއްވެސް އެހީތެރިކަމެއް ވާނަމަ އެކަން އެންމެ ފުރިހަމައަށް ކޮށްދިނުމަށެވެ.

ކަރުގައި އޮޅާލާފައިވާ ތުނިތުނި ޝޯލް ރަގަޅުކުރަމުން ކުރިއަށް އެޅި ފިޔަވަޅަކާއެކު ކިއާރާ އަރިއަޅައިލީ ހަމަކުއްލިޔަކަށެވެ. ދެ ލޯމަރައި ތަގުޅިކޮށްލެވުނީ ބިންމައްޗަށް ވެއްޓޭ މަންޒަރު އެހެން މީހަކަށް ފެނި ލަދުގަނާންޖެހިދާނެތީ އެވެ.

ހިނދުކޮޅެއްގެ ތެރޭގައި ރެއަކާލީ، ކިއާރާ އަރިއަޅާލައިގެން ބެލެންސް ގެއްލުނަސް ބިންމައްޗަށް ނުވެއްޓޭކަމެވެ. ލަސްލަހުން ލޯ ހުޅުވާލީ ޖެހިލުންވެ ހުރެ އެވެ. ނަމަވެސް ދެލޯ ބޮޑުވެގެން ދިޔައީ ދުވަހަކުވެސް ފެނިފައިނުވާފަދަ، ޗޮކްލެޓްކުލައިގެ ކަޅިއެއް ކިއާރާގެ ލޮލާއި އަމާޒުވުމުންނެވެ. ނޭގޭ ޖާދޫއެއްގެ ބާރުން އެލޮލުގެ އިޝްގުގައި ފީނަން ފެށުނީ ކިއާރާގެ އިހްތިޔާރަކާއި ނުލަ އެވެ. އެސްފިޔަޖަހައިލާން ހަނދާންނެތިފައި އެ ރީތި ދެލޮލަށް ބަލަން އޮވެވުނީ ކިހައިއިރަކުކަމެއް ނޭގެ އެވެ. 

"ހެލޯ..." ދެތިންފަހަރަކު ހެލޯ ގޮވާލިއަޑު އިވުނެވެ. ނަމަވެސް  ކިއާރާގެ ދެކަންފަތް ބީރުވެފައިވާ ފަދަ އެވެ.. ރަގަޅަށްވެސް ދެ ލޮލުގައި ޖާދޫގައި ކިއާރާ ޖެހިއްޖެ އެވެ.   

"ހެލޯލލލލލލ..." އަކުރުތަކަށް ދަމާލާފައި ކިއާރާ ތަޅުވައިލަމުން، ޒުވާނާ ބުނެލީ ތަންކޮޅެއް ބާރަށެވެ. ގަތް ލަދުން އެތައް މިތަނަށް ކިއާރާ ބަލަންފެށި އެވެ. އެކަމަކު އެ ޒުވާނާއާއި އޭނާގެ ކަޅި ހަމަކުރާނެ ހިތްވަރެއް ނުލިބުނެވެ. 

"އޯހ.. އައި އެ މް.... އު މް...ސ.." ކިއާރާއަށް އެންމެ ޖުމުލައެއްވެސް ފުރިހަމަ ނުކުރެވުނެވެ. 

"ޔޫ އަރ ފައިން.. ރައިޓް..؟"

"ލައްބަ.. ޝުކުރިއްޔާ..! ކަރުގައި އޮޅާލާފައި އޮތް ޝޯލްގެ ކަން އިނގިލީގައި އޮޅަމުން އިސްޖަހައިލި އެވެ. ޒުވާނާއާއި ހަތަރުކަޅި ހަމަކުރުމަކީ ކިއާރާއަށް ކުޅަދާނަކަމަކަށް ނުވި އެވެ.

"ވަރަށް މަރުހަބާ ކަނބުލޯ... އަސްލު، ބައެއްފަހަރު ތިހާ ރީތި އަންހެންކުދިންނާއި މިކަހަލަ ކުދިކުދި އެކްސިޑެންޓްތައް ދިމާވުމަކީ ވަރަށް ހިތްގައިމު ކަމެއް..! ވެލް...! އައި އެމް އަހާން އިނާން އަޔާޒް.." ސަލާމަށް އަތް ދިއްކޮށްލަމުން އަހާން ބުނެލީ ލާނެއް ގޮތަކަށް ހިނިއައިސްފައިހުރެ އެވެ. ދިއްކޮށްލި އަތުގައި ކިއާރާ ހިފީ، ސަލާމަށް ރައްދު ދިނުމަށެވެ. 

"ކިއާރާ..." ސަލާމްކޮށްލަމުން ބުންޏެވެ.

"ނައިސް ނޭމް..! ތިއީ މިގޭ ކުއްޖެއްހެން ހިޔެއްނުވޭ... ތިއީ ފިރިހެންކުއްޖާގެ ފަރާތުންތަ؟ ނުވަތަ އަންހެން ކުއްޖާގެ ފަރާތުން އައިސްހުރި ކުއްޖެއްތަ؟" އަމިއްލަ ޖީބަށް އަތްޖަހައިލަމުން، ނިކަން ހަމަޖެހިލާފައި އަހާން ވާހަކަދެއްކި އެވެ. 

"މައިރާ... އެއީ އަޅުގަނޑުގެ އެންމެ ގާތްއެކުވެރިޔާ.." ލަދުވެތިކަމާއެކު ކިއާރާ ޖަވާބުދިނެވެ.

"އަހަރެންނަށް ދައުވަތު ލިބުނީ އަހްސަން ފަރާތުން.. އެއީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް.. އެކުވެރިކަމުގެ ހައްގުގައި މަޖުބޫރުވެގެން މި ރަށަށް މިއައީ.. އަހަންނަކީ ކައިވެނި ގަބޫލުކުރާ މީހެއް ނޫން.. އެހެންވެ މިކަހަލަ ހަފްލާތަކަށް އަހަރެން ފަރިތައެއއް ނުވާނެ.. އެކުގައި ދެމީހަކު ދިރިއުޅެން ކޮންމެހެން ކައިވެނިކުރުމަކީ އަހަރެން ގަބޫލުކުރާ ފަލްސަފާއެއް ނޫން.." އެފަދަ ވަގުތެއްގައި އަހާންގެ މިޒާޖުން، އެހެން މީހުންނަށް އެނގުން އެންމެ މުހިއްމު ޕޮއިންޓް ބުނެދިނެވެ. 

ބުނާނެ އެއްޗެއް ނޭގުމުން ކިއާރާ ހިނިތުންވެލީ އެނޫން ގޮތެއް އެވަގުތު ނެތީމަ އެވެ. 

"އޯކޭ އޯކޭ.. ބާއި..! މައި ފްރެންޑް ނީޑްސް މީ..! ސީ ޔޫ ލޭޓަރ ކިއާރާ..!" ފަސްއެނބުރި އަހާން ދިއުމާއެކު އޭނާއާއި ދިމާއަށް ކިއާރާ ބަލަންފެށި އެވެ. 

ފުރަގަހުން އަހާން ފެންނައިރުވެސް އެ ހިނގުމާއި އެސޫރައިގެ ސަބަބުން ކިއާރާއަށް ތަފާތު ގޮތްތަކެއް ވެއްޖެ އެވެ. ހިތުގައި އަތް އެޅުނީ ހިތުގެ ތެޅުން ކަންފަތާއި ހަމައަށް ފޯރީތީ އެވެ. 

ހިތުގެ ނާރުތަކުގައި މިއުޒިކެއް އުފެދިއްޖެ އެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ޒުވާން ފިރިހެނެއްގެ ސަބަބުން ކިއާރާގެ ހިތް ތަޅުވާލައިފި އެވެ. މިހާ ގާތުން ދުވަހަކުވެސް ފިރިހެނަކު ކިއާރާއަށް ފެނިފައި ނުވެ އެވެ. ލޮލުގެ ޖަޒްބާތުން ކިއާރާގެ ލޭހިގުން ބަދަލުކޮށްލި އެވެ. ހިތްގައިމު ރީތި ޒުވާނެކެވެ. ބައްޓަން ރީތި ތޫނު ކޯތާފަތާއި ލޮލުގެ ޖަޒްބާތީ ބާރުން ހިތްތައް ފަތަހަކުރާން އެ ޒުވާނާއަށް އިތުރު މަސައްކަތެއް ކުރާކަށް ނުޖެހެ އެވެ. އަންހެންކުދިންގެ ހިތާއި ސިކުނޑި ފަތަހަކޮށްލާފަދަ އިސްކޮޅުންދިގު ކަސްރަތީ ހަށިގަނޑެކެވެ. 'ޖެލް އަޕް' ކޮށްފައިވާ އިސްތަށިގަނޑުން ނަޒަރު ދުރަށް ލުމަކީ އާންމު އިންސާނަކަށް ކުޅަދާނަކަމަކަށް ނުވާނެ އެވެ.

ކައިވެނީގެ އެންމެ ފަހުގެ ހުރިހައި ތައްޔާރީތައް ފުރިހަމަވުމާއެކު ކިއާރާ ފުންނޭވާއެއް ލި އެވެ. ވިއްސަކަށް މިނެޓްތެރޭގައި ކޯޓްގެ ވުމައްޒަފުން ގާޒީއާއެކު ހާޒިރުވާނެކަން ޔަގީންވުމުން ކިއާރާ ދުވެފައިދިޔައީ މައިރާ ބަލަ އެވެ. 

......... 

މައިރާއާއިއެކު ކިއާރާވެސް އިނީ ކޮޓަރީގަ އެވެ. ހަމަހިމޭން ކޮޓަރިތެރޭގައި އުފާވެރިކަމެއް ނެތެވެ. މައިރާގެ މޫނުން ތަފާތު އުދާސްކަމެއް ފާހަގަވެ އެވެ. 

"ކިއާރާ..! އަހަންނަށް މި ކައިވެނި ކުރެވޭކަށް ނެތް..!" ހިމޭންކަމުގެ ތެރެއަށް މައިރާ ވައްޓާލީ ބާރުގަދަ ބޮމެކެވެ. 

"ވަޓް...!!! ކީކޭ ބުނަން ތިއުޅެނީ..؟ މުޅި ގެއާއި ގޯތިތެރެ އެއޮތީ ފުރިފައި.. ގާތް އެކުވެރިންނާއި ރައްޓެހިންނާއި ތިމާގެމީހުންނާއި އިއްޒަތްތެރިން އެތަންމިތަނުން މި ގެއަށް އައިސް އެތިބީ މައިރާގެ ކައިވެނީގެ އުފަލުގައި ބައިވެރިވާން..! މިހުރިހައި ކަމަކަށްވުރެން ބޮޑަށް ބައްޕައާއި ދޭތެރޭގައި ވިސްނާލްބަލަ..! ހީ ވިލް ކިލް ޔޫ..!" ހަގީގަތަށް ކިއާރާ ވާހަކަދެއްކީ ހާސްކަމާއި ނުތަނަވަސްކަމާއެކު އެވެ. 

ހަމައެވަގުތު ނުހަނު ބާރަށް ކިއާރާގެ އަތުގައި މައިރާ ހިފަހައްޓައިފި އެވެ. 

"ޔޫ ކޭން ސޭވް މީ ފްރޮމް ދިސް..! ވީ އާރ ޑައިޕަރ ފްރެންޑްސް.. އަހަރެން ކުށެށްކޮށް، ނުރައްކާކަމެއް ހިނގާލާ  ކޮންމެފަހަރަކު އަހަރެން ސަލާމަތްކުރަނީ ކިއާރާ.. އެހެންވީމަ މިކަމުންވެސް އަހަރެން ސަލާމަތްކޮށްދޭނީ ކިއާރާކަން ޔަގީން.." ޔަގީންކަމާއެކު ކިއާރާގެ ލޮލަށް ބަލަމުން މައިރާ ބުންޏެވެ. 

"ވަޓް..!!؟؟ ވަޓް ނޮންސެންސް..!!" އިވުނުއަޑު ގަބޫލުނުކުރެވިފައި ކިއާރާ ސުވާލުކޮށްލި އެވެ. 

"މިއަދުގެ ކައިވެނީގެ ހަފްލާގައި އަހަރެންގެ ބަދަލުގައި، އަހަރެންގެ މަގާމުގައި އިށީންނާނީ ކިއާރާ.." ފިކުރެއް ހިޔާލެއް ނެތިފައި މައިރާ ބުނެލި އެވެ. ލިބުނު ޝޮކްގައި ކިއާރާގެ އަނގަމަތީގައި ބާރަށް އަތް އެޅުނީ އެންމެ ލަފްޒެއްވެސް ކޮޓަރީގެ ދޮރުން ބޭރރުވެދާނެތީ އެވެ. 

"ޕްލީޒް.. ޕްލީޒް ކިއާރާ އަހަރެން ލިރާރުއާއެކު މިރަށް ދޫކޮށް ދާން އޮންނާނީ ނިންމާފައި.. މިހާރުވެސް އަހަރެންގެ އިންތިޒާރުގައި ފަސްގަނޑުކޮޅުގައި އޭނާ ހުންނާނެ..! އަހަރެންގެ ފިނޑިކަމުން ރޭގައިވެސް މިކަން ނުވީ.. އަހަރެންގެ ފިނޑިކަމުން މިއއަދު މިހާއިރުވާންދެންވެސް މިގޭގައި ހައްޔަރުވެފައި އިންނާން މިޖެހުނީ.. އަހަންނަށް މިކަމުގައި އެހީތެރިވުން ނޫންގޮތެއް ކިއާރާއަކަށް ނެތް.. ޕްލީޒް" އަނެއް މީހާގެ އިހްސާސަށް ވިސްނާލުމެއްނެތި މައިރާގެ ހިތް އެދުނު ކޮންމެ ކަމަކަށް އެދެމުންދިޔައީ އޭނާ ބޭނުންވާގޮތަށް ކަންކުރަން ނިންމައިގެންނެވެ. 

"ހޭވް ޔޫ ލޮސްޓް އިޓް މައިރާ..! ތި ކިޔޭ އެއްޗެއް އަމިއްލަ ކަންފަތަށް އިވޭތަ؟ އިނގޭތަ ތިއީ ކިހައިބޮޑު ފާފައެއްކަން..؟ ތިވަރުގެ ބޮޑު އޮޅުވާލުމެއް އެހެންމީހުންގެ ލޯތަކަށް ދައްކަން މައިރާ ޖެހިލުމެއްވެސް ނުވޭތަ؟ ތިއީ ވާނެކަމެއް ނޫން..! ތިވަރުގެ ކަމަކަށް އަހަރެން އެއްބަހެއް ނޫން.. އަހަރެންގެ ގުނަވަނަކަށް  މައިރާ އެދުނުކަމުގައިވިޔަސް ވަގުތުން ހަދިޔާކުރާނަން.. އެކަމަކު ތިކަމެއް ނުވާނެ..! ފާޅުގައި ކިއާރާ ދެކޮޅުހެދި އެވެ. 

"ލިރާރުދެކެ އަހަރެންވާ ލޯބި އެންމެ ރަގަޅަށް އެނގޭނީ ކިއާރާއަށް.. އެހެންމީހަކުދެކެ ލޯބިވެގެން ހުރި ހާލު  އިތުރުމީހަކާ ކައިވެނިކުރުމަކީ ވަކި ރަގަޅުކަމެއްތަ؟ އަހަންނަށް ދުވަހަކުވެސް އެހެންމީހަކުދެކެ ލޯތްބެއް ނުވެވޭނެ.." މައިރާބުނެލީ ހަރުކަށިކަމާއެކު އެވެ. 

"ތިވާހަކަދައްކައި ލޯތްބަށްޓަކައި ވަކާލާތުކުރަން މިހާރު މާލަސްވެއްޖެ.. ކައިވެނީގެ ހަފްލާ ފެށެން އެންމެ ފފަސްވަރަކަށް މިނެޓް އެއިނީ.. ހަމަ މިވަގުތުވެސް މީހަކުއައިސް މިކޮޓަރީގައި ޓަކިޖަހައިފާނެ.. ހަމަހޭގައިތަ ތިހުރީ މައިރާ..؟ ތިއީ ވާނެކަމެއް ނޫން.. ތިކަމެއް ނުވާނެ!" ކިއާރާވެސް ހިތްހަމަނުޖެހުނެވެ. 

"ކީއްވެ ނުވާނީ..؟ އަހަރުމެން ދެމީހުންނަކީ އިސްކޮޅުން އެއްވަރު ދެމީހުން.. ހަށިގަނޑުގައި ހުރި ބައްޓަމުގެ ތަފާތު މާބޮޑަށް ފާހަގައެއް ނުކުރެވޭނެ މިހެދުމުގެ ސަބަބުން.. ކައިވެނީގެ ވަގުތުގައި އަޅާ ބުރުގާ މޫނުމަށްޗަށް ފަރުދާވެއްޓިފައި އޮންނަ ގޮތަށް އެޅީމަ ނޭގޭނެ.. ދެންއޮތީ އަހަރެންގެ ހަންގަނޑުގެ ކުލައާއި ކިއާރާގެ ދޮންކަމާ ނުބައްދަލުވުން.. އެކަމަށްވެސް އަހަރެން މިހުރީ ވިސްނައިގެން.. މިއޮތީ އަންގި.. ކިއާރާގެ އަތަށް މީތިލައްވާ އެކަކަށްވެސް ފާހަގައެއްނުކުރެވޭނެ ތިއީ އަހަރެން ނޫންކަމެއް..! އަހަންނަށްވެސް އިނގޭ މިއެދެވެނީ ގޯސްކަމެއްގައިކަން..! އަދި މިއީ އެހީތެރިވުމަށް ފަސޭހަ ކަމެއްނޫންކަންވެސް ގަބޫލުކުރަން..! އެކަމަކު އަހަރެން ވަރަށް ކެރިގެން މިބުނަނީ ކިއާރާ މިކަމަށް އެއްބަސް ނުވެއްޖިއްޔާ، ކިއާރާގެ ކުރިމަތީގައި އަހަރެންގެ އަމިއްލަ ފުރާނަ ހަމަ ވަގުތުން ދުއްވާލާނަން..! އިނގޭ މިއީ ވަރަށް ސެލްފިޝް ނިންމުމެއްކަންވެސް.. އެކަމަކު މިނޫން އެހެން އެއްވެސް ގޮތެއް މިވަގުތު އަހަންނަކަށް ނެތް..! ބައްޕައަށް މިކަން އެނގިއްޖެއްޔާ އަހަރެންނާއި ލިރާރްއާއި ދެމީހުންގެ ދުވަސް ދުއްވާލާނެ.. އަހަރުމެން ދެމީހުން އެކަކު އަނެކަކުދެކެ ވަރަށް ބޮޑަށް ލޯބިވޭ.. ކިއާރާގެ ހަޔާތުގައި ގެއްލޭނެ އިތުރުއެއްޗެއްވެސް ނެތް.. އެހެންވީމަ ހާސްވާކަށްވެސް ކިއާރާ ނުޖެހޭނެ..! ވިސްނާލަބަލަ! ކިއާރާއަށް މީގަ ޗޮއިސް އެއް ނެތް..!" ކިއާރާގެ ވިސްނުމާއި ކުޅެލަމުން، އޭނާ ނިންމި ނިންމުމެއްގެ ގޮތުގައި މައިރާ ބުނެލި އެވެ. ބުނާނެ އެއްޗެއް ނޭގި ގަބުވެފައި ހުރެ، ކިއާރާ ކޮށްލީ ސުވާލެކެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް