ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑް ބޭނުންކުރެވޭ ގޮތް ހަދާ އެ ކާޑުން ފުރަތަމަ ފަހަރަށް ރާއްޖޭގައި މިއަދު ވަނީ ވިޔަފާރިކޮށްފައެވެ.
ރުޕޭ ކާޑުގެ ހިދުމަތް ރާއްޖެއަށް ތައާރަފު ކުރީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ރުޕޭ ކާޑު ތައާރަފުކޮށް ފުރަތަމަ ވިޔަފާރި ކުރީ ރާއްޖޭގެ ހުރި އޮތެންޓިކް މޯލްޑިވްސްގެ ފިހާރައިންނެވެ.
މިކަމާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރުފޭ ކާޑުގެ ހިދުމަތުގެ ސަބަބުން ދެ ގައުމުގެ ދެމެދުކުރެވޭ މާލީ މުއާމަލާތްތައް ފަސޭހަކުރެވި، ވިޔަފާރި އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެކަަމަށެވެ. އަދި ވަކިން ހާއްސަކޮށް ކުދި ފަންތިއާ މެދު ފަންތީގެ ވިޔަފާރިތަކުން އިންޑިޔާއެކު ވިޔަފާރި ކުރުމުގައި ލުއިތަކެއް ލިބިގެންދާނަކަމަށެވެ.
ރުޕޭ ކާޑު ތައާރަފުވުމުން ބީއެމްއެލްގެ އޭޓީއެމްތަކާއި ޕީއޯއެސް މެޝިން އަދި އެހެނިހެން ޑިޖިޓަލް ޗެނަލްތަކުގައިވެސް ރުޕޭ ކާޑު ބޭނުންކުރެވޭނެއެވެ.
ރުޕޭ އަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ބޭނުންކުރެވޭ ގޮތަށް ރިޒާވް ބޭންކް އޮފް އިންޑިއާއިން 2012 ވަނަ އަހަރު ތައާރަފުކުރި މަލްޓިނޭޝަނަލް ފައިނޭންޝަލް ސާވިސް ޕޭމަންޓު ނެޓުވޯކެކެވެ. މި ހިދުމަތް ތައާރަފުކުރީ އިންޑިއާގެ އިގްތިސާދުގެ ތެރޭގައި އެންބުރޭ ކަރުދާސް ފައިސާގެ އަދަދު މަދު ކުރުމަށެވެ.
ރުޕޭ ކާޑުގެ ހިދުމަތް ރާއްޖޭގައި ދިނުމުގެ މަސައްކަތް ފެށީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ނޭޝަނަލް ޕޭމަންޓް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އާ ދެމެދު 5 ޑިސެމްބަރު 2019 ގައި އެކުލަވާލި އެއްބަސްވުމެއްގެ ދަށުންނެވެ.