ބައްސާމްގެ މައްސަލައިގެ އަޑު އެހުމެއް މިއަދު ކޯޓުގައި ބޭއްވުމަށް މި ތާވަލު ކުރީ ގާތްގަނޑަކަށް ފަސް މަހެއްހާ ދުވަސް ފަހުންނެވެ. ބައްސާމްގެ މައްޗަށް ދައުލަތުން ކުރާ ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާގެ އަޑު އެހުމެއް އެންމެ ފަހުން އޮތީ މިދިޔަ މޭ މަހުއެވެ. އެ ދުވަހު، ބައްސާމްގެ މައްޗަށް ކުށެއް ސާބިތުވުމުގެ ކުރިން އޭނާއަކީ ކުށްވެރިއެއް ކަމަށް ބެލެވޭ މޭރުމަކުން ހިޔާލު ފާޅު ނުކުރުމަށް ކްރިމިނަލް ކޯޓުންވަނީ އަމުރުކޮށްފައެވެ.
ބައްސާމްގެ ޝަރީއަތެއް މިއަދު ހެނދުނަށް ކްރިމިނަލް ކޯޓުގައި ބާއްވަން މި ތާވަލު ކުރީ، އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން ބައްސާމް ހުޅުމާލެއިން ގަނެފައިވާ ކަމަށް ތުހުމަތުކުރެވޭ ދެ އެޕާޓްމަންޓް ފުލުހުންނަށް ހަވާލުކުރުމަށް ދިން މުއްދަތު، އޭނާ އެދުނު ގޮތަށް ދޭން ނިންމި ނިންމުން ކެންސަލްކޮށް، އެޕާޓްމެންޓް އަތުލަން ފުލުހުން އަނެއްކާވެސް ނިންމާފައިވަނިކޮށެވެ.
މިރޭ 12 ގެ ކުރިން ބައްސާމްގެ އެޕާޓްމެންޓްތައް ފުލުހުންނާ ހަވާލު ކުރަންވަނީ އަންގާފަ އެވެ. އަދި މިރޭ ހަވާލު ނުކޮށްފިނަމަ ފުލުހުން އެތަން ބާރުގެ ބޭނުންކޮށްގެން އަތުލާނެ ކަމަށްވަނީ ބެލެވިފަ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނު ބައްސާމްގެ ދެ މައްސަލަ ކުރިއަށް ގެންދަން ތާވަލުކޮށްފައިވާއިރު، ބައްސާމްގެ މައްޗަށް އުފުލާފައިވާ ދައުވާ އާ ގުޅިގެން ކޯޓުން ވަކިގޮތަކަށް ނިންމުމުގެ ކުރިން އެ ހައްގަށް އަސަރު ކުރާ ގޮތަށް އެންމެހައި ފަރުދުންގެ ހައްގުތަކާއި މިނަވަންކަން ނެގެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ފަރާތްތަކުން ހިޔާލު ފާޅުކޮށް ނުހެދުމަށް ކޯޓުން އަމުރު ކުރި އެވެ.
ބައްސާމްގެ ދިފާއުގައި ކޯޓުން މޭ މަހު އެ އަމުރު ނެރުނުއިރު، ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓައި އޭނާ ފުރުންވަނީ ކޯޓުން މަނާކޮށްފައެވެ. އޭނާ ހުރީ ފީފާއިން މިހާރު ސަސްޕެންޑްވެސް ކޮށްފަ އެވެ.
ބައްސާމްގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ކުށް ސާބިތުވެއްޖެނަމަ އަންނަ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ބައްސާމްއާ ދެކޮޅަށް މިހާރު ހުށަހަޅާފައިވާ މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެއްޖެނަމަ އަންނަ އަސާސީ އަދަބަކީ އެއް ލައްކަ ރުފިޔާއާއި އެއް މިލިއަން ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.