މިނިސްޓަރު އާދަމް ޝަރީފް މިހެން ވިދާޅުވީ ރާއްޖެއަށް އެގްރިބޯޓް ތައާރަފްކޮށްދެއްވައި އެކަމަށް ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ނެވެ.
އެގްރި ބޯޓް ރާއްޖެއަށް ތައާރަފް ވެގެން ދިއުމަކީ ތާރީހީ ކާމިޔާބެއް ކަމަށް ފާހަގަކޮށް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އެގުރި ބޯޓުގެ ހިދުމަތާއި އެކު ދަނޑުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށާއި އަދި ކާބޯތަކެތީގެ ރައްކާތެރިކަންވެސް އިތުރަށް ކަށަވަރުވެގެން ދާނެކަމަށެވެ.
އެގްރިބޯޓަކީ ޖަޕާނުސަރުކާރުގެ އެހީގައި ބަނދެފައިވާ ބޯޓެކެވެ. މި ބޯޓުގައި ދަނޑުވެރިކަމުގެ ބާވަތްތައް ރައްކާކުރުމާއި ސޯލާ ޕަވާޑް ކޯލްޑް އެންޑް ޑްރައި ސްޓޯރޭޖް ފެސިލީޓީތަކާއި އެކު ތަރުކާރީއާއި މޭވާ ރައްކާތެރިކަމާއި އެކު ލ.އަތޮޅުގެ ރަށްތަކުން މާލެއަށް ތަރުކާރީ އާއި މޭވާ ތާޒާކަމާއި އެކު ފޯރުކޮށްދިނުމުގެ ގާބިލްކަން ލިބިފައިވެއެވެ.
މިމަޝްރޫއުގެ މައިގަނޑު މަގްސަދަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް ދެމެހެއްޓެނިވި ގޮތުގައި މާލޭގެ ބާޒާރަށް ރައްކާތެރިަކާމާއިއެކު ފޯރުކޮށްދިނުންކަމުގައި އެގްރިކަލްޗާ މިނިސްޓްރީން ބުނެއެވެ.
އެކަމަށް ބޭއްވި ރަސްމިޔާތުގައި ޖަޕާނުސަރުކާރުން ރާއްޖެއަށް ކަަނޑައަލުއްވާފައި ހުންނަވާ ސަފީރު ތަކެއޮޗި މިދޮރި ވެސް ބައިވެރިވެވަޑައިގަތެވެ.