ads
ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާ ރައީސްގެ ދެކަނބަލުން ބައްދަލުކުރެއްވުން
އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލުކުރައްވައިފި
އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާ ރައީސް ޑރ މުހައްމަދު މުއިއްޒު މިރޭ ބައްދަލުކުރައްވައިފި އެވެ.
Advertisement

ރައީސް މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުކުރެއްވުމުގައި ބެންގަލޫރުގައި މަސައްކަތްކުރައްވާ އަދި އެކި ކަންކަމުގައި އެޤައުމަށް ވަޑައިގެން އުޅުއްވާ ދިވެހިންނާއި ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަތް ރައްޔިތުންގެ އިހުސާސުތަކާއި ކަންބޮޑުވުންތަކާއި ހިޔާލުތައް އަޑުއައްސަވަން ބޭނުންފުޅުވާކަމުގައި ވިދާޅުވި އެވެ. އެފަދަ ކަންކަން ހިއްސާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެކަންކަން ވިދާޅުވެދެއްވުމުން އެކަންކަމަށް ހައްލު ގެނެސްދިނުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސް ވިދާޅުވި އެވެ.

your imageއިންޑިއާގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލު ކުރެއްވުމަށް މިއަދު ބޭއްވި ހަފުލާގައި ބައެއް ދިވެހިން ބައިވެރިވަނީ

ރައީސްގެ ވާހަކަފުޅުގައި، އެކި ބޭނުންތަކަށް ރައްޔިތުން އިންޑިއާއަށާއި އަދި ބޭރުގެ އެހެނިހެން ގައުމުތަކަށް ޒިޔާރަތް ކުރާކަމަށާއި ދިވެހިން އިންޑިއާއަށް އަންނަ މައިގަނޑު ކަންކަމަކީ، ބޭސްފަރުވާއާއި ތަޢުލީމު ހާސިލްކުރުމާއި ވިޔަފާރީގެ ބޭނުންތަކުގަައި ކަމުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. 

އެކަހަލަ އެއްވެސް ކަމެއްގައި ވަޑައިގެން އުޅުއްވާ ބޭފުޅަކަށް ސަރުކާރުގެ ފަރާތުން ކޮށްދެވޭނެ ކަންތައްތައް ނުވަތަ ސަރުކާރު މެދުވެރިވެގެން އެ ގައުމެއްގެ ސަރުކާރުގައި ދަންނަވައިގެން ފަހިކޮށްދެވިދާނެ ކަންކަން ހުރިނަމަ އެކަން ފަހިކޮށްދެއްވާނެކަމުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ބެންގަލޫރުގައި ދިރިއުޅޭ ދިވެހީންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އިންޑިއާ ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމަށެވެ. އެއީ އެ މަނިކުފާނުގެ ކަނޑައެޅުއްވި މަގުސަދުތައް މި ދަތުރުފުޅުގެ ތެރެއިން ހާސިލްވުމުން ކަމަށް ވިދާޅުވި އެވެ.

އޭގެ ތެރޭގައި އިގްތިސާދީ ދާއިރާއާއި އިޖްތިމާއީ ދާއިރާއިން ކާމިޔާބުވި ކަންކަން ހިމެނޭކަމަށް ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުންނަށް ކަންކަން ފަހިވެގެންދާ ގޮތަށް، ދިވެހިރައްޔިތުންގެ ހައްގުގައި ރައްޔިތުންނަށް މުހިންމު ކަންތައްތަކަކަށް މަސައްކަތް ފެށި މަގު ހުޅުވިގެން ދިޔައިމަ،" ރައީސް ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާއެކު ވަގުތުހޭދަކުރައްވައި، އެފަރާތްތަކުގެ އެކިއެކި ބޭނުންތަކާއި އިހުސާސުތައް އަޑުއައްސަވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި، ބައިވެރިވި ދިވެހިންނާއެކު ރައީސްގެ ދެކަނބަލުން ހަނދާނީ ފޮޓޯއެއް ނަންގަވާފައިވެ އެވެ.

ރައީސްގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. 

މި ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު ވަނީ، އިންޑިއާގެ ރައީސްގެ އިތުރުން ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި އިންޑިއާ ސަރުކާރުގެ މުހިންމު ބައެއް ބޭފުޅުންނާ ބައްދަލުކުރައްވާފަ އެވެ. އަދި އިންޑިއާގެ ނިއުދިއްލީގައި ބޭއްވި އިންޑިއާ މޯލްޑިވްސް ބިޒްނަސް ފޯރަމުގައި ވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް