ads
ރައީސް މުއިއްޒުގެ ދެކަނބަލުންނަށް އިންޑިއާ އިން ރަސްމީކޮށް މަރުހަބާ ދަންނަވަން މިދިޔަ ހޯމަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ގައުމުގެ ރައީސާއި ބޮޑުވަޒީރު ރައީސް މުއިއްޒުގެ ދެކަނބަލުންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
އިންޑިއާ ދަތުރުގެ މަގުސަދު ހާސިލު ވެއްޖެ: ރައީސް ޑރ. މުއިއްޒު
އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއްކަމަށާއި، ދަތުރުފުޅުގެ މަގުސަދު ހާސިލްވެއްޖެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާގެ ބެންގަލޫގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސްގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

މި ދަތުރުފުޅުގައި ރައީސް އާއި ދިވެހި ވަފުދުގެ ބޭފުޅުން އިންޑިއާގެ ވިފަރާރިވެރިންގެ މަންދޫބުންނާ ވަނީ ބައްދަލުކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ، ދިވެހީން ރާއްޖޭން ބޭރުގެ ގައުމުތަކަށް ދަނީ އެކިއެކި ބޭނުންތަކަށް ކަމަށާއި ދިވެހީން އިންޑިއާއަށް އަންނަ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ބޭސްފަރުވާގެ ކަންކަމާއި ތައުލީމީ ކަންކަމުގެ އިތުރުން ވިޔަފާރީގެ ބޭނުންތަކަށް ކަމަށެވެ. މިކަހަލަ އެއްވެސް ކަމެއްގައި އިންޑިއާއަށް ވަޑައިގަންނަވާ ބޭފުޅުން، ރާއްޖޭގެ ސަރުކާރުގައި އެކަންކަމަށް އެދިގެން އިންޑިއާ ސަރުކާރަށް އަންގައިގެން އެކަންކަން ފަހިކޮށްދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މިދަތުރުގެ ފަހު ދުވަހާއި ހަމައަށް އާދެވިފައިވާއިރު، މިދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށާއި ހާސިލު ކުރަން ބޭނުންވި ކަންކަން ހާސިލުކުރެވިފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ މި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއްކަމަށާއި، ދަތުރުފުޅުގެ މަގުސަދު ހާސިލްކުރެވިއްޖެކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ފަހިކޮށްދޭންޖެހޭ ކަންކަން، އަދި ރައްޔިތުންގެ ހައްގުގައި އެތައްކަމަކަށް މަގު ކުރުވެގެން ގޮސްފިކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"މި ދަތުރުން އެމަގަށް ކަންކަން ފަހިވެއްޖެ. ހާރިޖީ އިގުތިސާދީ އަދި އިޖުތިމާއީ ގޮތުންވެސް ކަންކަން ފަހިވެއްޖެ. އިޖުތިމާއީ ދާއިރާއިންނޭ މިދެންނެވީ ސިއްހީ ދާއިރާއިން ޑޮކްޓަރުން ތަމްރީން ހޯދުމަށް ކުރިއަށް ދިއުން، ތައުލީމާ ކުޅިވަރު މިފަދަ ދާއިރާތައް" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިންޑިއާ ދަތުރުފުޅުން ގެދޮރު ބިނާކުރުމަށާއި، މަސްވެރިކަމާއި އެނޫންވެސް ދާއިރާތަކުންނާއި، އިންވެސްޓްމަންޓްތައް ގެނައުންފަދަ ދާއިރާތަކުންވެސް ކަންކަން ފަހިވެގެން ގޮސްފައިވާކަމަށެވެ.

މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، ދަރަނީގެ ގޮތުގައި 20 ބިލިއަން ރުފިޔާ އޮތްއިރު، އެ ދަރަނި ދެއްކުމަށާއި އިގްތިސޯދީ ހާލަތުން އަރައިގަނެ، ހާލަތު ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތަށް މިދަތުރުން ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ދަތުރުފުޅުގައި މިހާރު ވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ވެސް ސޮއިކުރަން ނިންމައި އޭގެ ކަރުދާހުގެ މަސައްކަތްތައް ފަށަން އެއްބަސްވެފަ އެވެ.

އިންޑިއާގެ ވިޔަފާރިވެރިން ބުނާ ގޮތުގައި އެއީ ދެ ގައުމަށް ވެސް ވަރަށް ބޭނުންތެރި އަދި އަވަސް ނިންމުންތަކެއް ނިންމަން ޖެހޭ ކަމެކެވެ.

ރައީސް މުއިއްޒުގެ ދަތުރުފުޅުގައި ދިއްލީ އާއި މުމްބާއީގައި ވެސް އިއްޔެ ވަނީ ބިޒްނަސް ފޯރަމެއް ބާއްވައިފަ އެވެ. އަދި އިންޑިއާގައި ވިޔަފާރީގެ މައި ހަބުގެ ގޮތުގައި ބަލާ ބެންގަލޫރުގައި ވެސް މިއަދު ހަވީރު ވަނި އެ މަނިކުފާނު ބައިވެރިވެވަޑައިގެން ބިޒްނަސް ފޯރަމެއް ބާއްވާފައި އެވެ. 

ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތަކާއި ލުއިތައް އަދި ރާއްޖޭގެ އިގުތިސާދު ޑައިވާސިފައި ކުރަން ނިންމާފައިވާ ކަންކަން ދިވެހި ސަރުކާރުގެ ފަރާތުން ހުށަހަޅަ އެވެ. އަދި ދިވެހި ސަރުކާރުގެ އިސްވެރިން އިންޑިއާގެ ވިޔަފާރިވެރިންނާ ވަކިން ބައްދަލުކޮށް ވެސް ތަފާތު މަޝްވަރާތައް ބައްދަލުވުމުގެ ހަވާސާ ތެރެއިން ކުރިއަށް ގެންގޮސްފައި ވެ އެވެ.

މި ސަރުކާރު ހިންގާ ޕީއެންސީ އިދިިކޮޅުގައި އޮތްއިރު ހިންގި "އިންޑިއާ އައުޓް" ކެމްޕޭނާއި އަދި ސަރުކާރުގެ ކުރީކޮޅު ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ކުޑައިމީސްކުރުމުގެ ސަބަބުން ދެ ގައުމުގެ ހާރިޖީ ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. އޭގެ ފަހުން، ރައީސް ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހުގައި ވެސް އިންޑިއާއަށް އަމާޒުކޮށް ބަހުގެ ހަމަލާތަކެއް ރައްދުކުރެއްވި އެވެ.

އެކަމަކު، އޭގެ ފަހުން ދެ ގައުމުގެ ގުޅުން ވަނީ ރަނގަޅުވެފަ އެވެ. އަދި ރައީސް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަށް ފަހު ރާއްޖެ-އިންޑިއާ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ފޮރިން ލެންގުއޭޖްގެ ދިރާސާވެރިން ގަބޫލުކުރައްވަ އެވެ.

މިއީ ރައީސް މުއިއްޒު މިދިޔަ ނޮވެމްބަރު މަހުގެ 17 ގައި މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އެ ގައުމަށް ކުރައްވާ ފުރަތަމަ ފުރަމާާނަ ދަތުރުފުޅެވެ. އެކަމަކު، ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިދިޔަ ޖޫން މަހު ވެސް ރައީސް މުއިއްޒު އިންޑިއާ އަށް ވަޑައިގަތެވެ. އެ ދަތުރުފުޅުގައި މޯދީއާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރުމުގެ މަޝްވަރާތައް ދެ ބޭފުޅުން ކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް