ބުނާނެ އެއްޗެއް ނޭގި ގަބުވެފައި ހުރެ، ކިއާރާ ކޮށްލީ ސުވާލެކެވެ.
"އަހްސަންއަށް ތިހެން ތި ހެދީ ކީއްވެ..؟ އޭނާގެ ކުށަކީ ކޮބާ؟" މަޑުމަޑުން ކިއާރާ ސުވާލުކޮށްލި އެވެ.
"ފަހުން އޭނާއަށް ވިސްނައިދީ..! އޭނާއާއި ދޭތެރޭގައި އަހަރެން ވިސްނާކަށް ނެތިން.. މީގައި ފައިދާ ބޮޑީ އަހަރުމެން ދެމީހުންނަށް..! މި ކައިވެންޏަކީ ސައްހަ ކައިވެންޏަކަށް ނުވާނެ.. ހުރިހާ ލިޔެކިޔުމަކާއި ހުރިހައި ފޮޓޯއާއި ރަމްޒީ ހުރިހައި އެއްޗެއް ހުންނާނީ އަހަރެންގެ ނަމުގައި... އެކަމަކު އަނބިގަބޫލުކޮށްފީމޭ ބުނާވަގުތު އަހްސަން ގާތުގައި އިންނާނީ ކިއާރާ.. އެހެންވީމައި އެހިސާބުން އަހަރުމެން ދެމީހުންގެ ބޮލުރިހުންވެސް ކެނޑުނީ.. އަހަރެން ލީރާރްއާއެކު ދާނަން...! ކިއާރާގެ އަމިއްލަ ދުނިޔޭގައި އުޅެން ކިއާރާ ދާންވީ.." ޖެހިލުމެއް ނެތި މައިރާ ބުނެލި އެވެ. ކިއާރާ ވައްޓާލެވެނީ ކިހައި ފުން ވަޅުގަނޑަކަށްކަމެއް މައިރާ ހިތަށްވެސް ނާރަ އެވެ.
މައިރާގެ ވިސްނުމާއި ފިކުރު އެނގުމުން ބުނާނެ އެއްޗެއް ނޭގުނީ ކިއާރާއަށެވެ. އެކުގައި ވިހިބާވީސްއަހަރު ހޭދަކުރެވުނުއިރުވެސް މައިރާގެ މިސިފަ ނޭގުނީ ކީއްވެތޯ ކިއާރާގެ ސިކުނޑިއާއި ސުވާލުކުރާން ބޭނުމެވެ. ނަމަވެސް މިއީ އެކަމުގެ ވަގުތެއް ނޫނެވެ.
"ތިހިރީ ދުނިޔެއިން މޮޔަވެފައި.. އަހަރެން ތިކަމެއް ނުކުރާނަން.. މަށަކަށް ލާހިކެއްނޫން ތިވަރުގެ އޮޅުވާލުންގަނޑެއްގެ ތެރެއަށް ވަންނާކަށް.." ކިއާރާގެ ނިންމުން އޭނާ ބުނެލީ އެއްބަސްވެވެން ނެތީމަ އެވެ.
"އެންމެ ރަގަޅު.." ޖެހިލުމެއްނެތި މައިރާ ބުނެލިގޮތުން ކިއާރާއަށް ބަލައިލެވުނީ ސުވާލުއުފެދިފަ އެވެ.
ދާދިގާތުގައި ހުރި ކުޑަމޭޒުމަތީގައި ބަހައްޓާފައިވާ މޭވާތަކުގެ ކައިރީގައި އޮތް ވަޅިއެއް ނަގާފައި މައިރާގެ އަތުގެ މައިނާރުގައި ޖެއްސި އެވެ. ދެލޯބޮޑުވެ ތުރުތުރު އަޅަމުން ކިއާރާއަށް ތެޅިގަނެވުނެވެ. އަވަސްއަވަހަށް ވަޅީގައި ހިފާފައި އަތުލި އެވެ. އަދި އަތުކޮޅަށް ވަޅި ހޫރާލި އެވެ.
"މައިރާ ހަމަޖެހިބަލަ..! އެންމެ ރަގަޅު..! އަހަރެން ތިކަންވެސް ކޮށްދޭނަން.. މައިރާ ތިބުނީ ތެދެއް..! މިދުނިޔޭގައި ގެއްލޭނެ އެއްވެސް އެއްޗެއް އަހަރެންގެ ނެތް.. މިފަދަ އެކަނިވެރިޔަކު ދުނިޔޭގައި ވިސްނަންވީ ކޮންކަމަކާ..؟ މިރޭވެސް ފުރާނަ ގޮއްސިއްޔާ، ވަޅުލާނެ.. އެހިސާބުން އަހަރެންގެ ހަޔާތުގެ ސަފްހާ ނިމުނީ..! އަމިއްލަ ދުނިޔެ އާރާސްތުކުރުމަށް ދެ ލޯބިވެރިޔަކަށް އެހީވެގެން ދުނިޔޭގައި ލިބެން އޮތް ކޮންމެ ސަޒާއަކަށް އަހަރެން ތައްޔާރު.. ތިކަން ކުރުމަށް އެހީވުމަށް އަހަރެން ވައުދުވަން" އެއްބަސްވިޔަސް ކިއާރާގެ މޫނުމަތީގައި އެއްވެސް އަސަރެއް ނެތެވެ.
ލޮލުގައި އިހްސާސެއް ނެތްފަދަ އެވެ. މަންޒިލެއް، މިސްރާބެއް ނެތި އޭނާގެ ދެލޯ ހުއްޓިފައިވަނީ ކޮންދިމާއަކަށްކަން ބުނެދޭނީ ކިހިނެއް ހެއްޔެވެ؟
.................
މައިރާ ހިތްހަމަޖެހޭވަރަށް ނުހަނު އަވަސްއަވަހަށް، ކައިވެންޏަށް ކިއާރާ ތައްޔާރުކޮށްލި އެވެ. މޫނުމަތީން ސޮހިގެން ނުދާނެގޮތަށް ބޮލުން ފެށިގެން މޫނާއި އަދި މޭމައްޗާއި ހަމައަށް ފޮތިގަނޑު ތިރިކޮށްލި އެވެ. ތައްޔާރުކޮށް ނިމުމުން ނުތަނަވަސްކަމާއެކު މައިރާ ފުންނޭވާއެއްލި އެވެ. މިހެދެނީ ކިހައިވަރެއްގެ ބޮޑު ގޯހެއްކަން ސާފުކޮށް މައިރާއަށް އިގެ އެވެ. އެކަމަކު އަމިއްލަ ލޯބީގައި މައިރާގެ ދެލޯވަނީ ކަނުވެފަ އެވެ. މަޔަކާއި ނުލައި ބައްޕަޔަކު، ރާނީއެއް ފަދައިން ބަލައިބޮޑުކުރުމުގެ އެއްވެސް އަގެއް އެބައްޕައަށް ނުލިބުނީ އެވެ. އެންމެ ފަހަރަކުވެސް ބައްޕައާއި ހިއްސާކޮށްލައި ކޮޅެއްމެދެއް ފެނޭތޯ މައިރާ މަސައްކަތެއް ނުކުރެ އެވެ. ކިއާރާ މި ވައްޓާލެވެނީ ފުންމިން ނޭގޭ ފުންވަޅުގަނޑަކަށްކަން އެންމެ ރަގަޅަށް އެނގޭނީވެސް މައިރާއަށެވެ. ނަމަވެސް އެއިންކަމެއް ވިސްނާކަށް މިވަގުތު މައއިރާ ބޭނުމެއް ނޫނެވެ.
ކިއާރާގެ ލޮލުން ކަރުނަ ވިދާލި އެވެ. ލިބެމުންދިޔަ ނުތަނަވަސްކަމުގެ ހަގީގީ ސަބަބެއް އޭނާއަށް އޮޅުމެއް ނުފިލި އެވެ. ވަށައިގެން ހަ ފަރާތުން އޮތީ ނުރައްކަލެވެ. އެކަން ކަށަވަރެވެ. އަންގި ލައްވާފައި ހުއްޓަސް ހިމަހިމަ އިނގިލިތަކުގެ ތުރުތުރުއެޅުން ސާފުކޮށް ފެނެ އެވެ. މައިރާއަށްޓަކައި އެކުވެރިކަމުގެ އަގަކީ ފުރާނަކަމަށްވިޔަސް އެކަމަށް ކިއާރާ ތައްޔާރެވެ. މައިރާއަކީ ބޭނުންވެއްޖެ ކޮންމެ ކަމެއް އޭނާ ބޭނުންވާ ގޮތަށް ހާސިލްކުރާނެ ކުއްޖެކެވެ. އެކަން އެންމެ ރަގަޅަށް އެނގޭނީވެސް ކިއާރާއަށެވެ. ދެން މައިރާގެ ބައްޕައަށެވެ. މައިރާގެ ފުރާނައަށް ނުރައްކާވާފަދަ އެއްވެސް ކަމެއް ކުރުމަށް ކިއާރާ ފުރުސަތެއް ނުދޭނެ އެވެ.
މައިރާގެ ކައިވެނީގެ ހެދުމުގައި ކިއާރާ ފެންނަލެއް މާފުރިހަމަ އެވެ. ހެދުމުގެ ފުރިހަމަކަން ފާހަގަވީ އަދިކިރިޔާ އެވެ.
"ތިހެދުން އަހަރެންވެސް ލައިފިން.. އޭރު ހީވަނީ ހަތަރުތަށީގެ ތަށިބަރިއެއްހެން.. މިހާރު ކިހައި ނަލަ...! ވަރަށް ވަރަށް ފުރިހަމަ.. ވަރަށް ލޯބި... ބާއި ފްރެންޑް! ތެންކިޔު!" ކިއާރާގެ ގައިގައި ބައްދާލަމުން ވަދާއުގެ ސަލާމަށްފަހު މައިރާގެ ދަބަސް ހިފައިގެން ކުޑަދޮރުން ވަލުދޮރާއްޓާއި ދިމާއިން ފުންމާލި އެވެ.
ހަމައެވަގުތު ކޮޓަރީގެ ދޮރުހުޅުވީ ޒުވާންފުރައިގެ ދެއަންހެން ކުދިންނެވެ. ކިއާރާއަށް ބަލައިލެވުނީ މައިރާ ފެންނަން ހުރިތޯ އެވެ. ނަމަވެސް މައިރާ ވަރަށް ހުށިޔާރެވެ. ހަމައެވަގުތު ކިއާރާ މެސެޖެއްކޮށްލީ، އެހަފްލާގައި ތިބިކުދިންގެ ތެރެއިން އޭނާގެ އެކުވެރިޔަކަށެވެ. ކިއާރާގެ ގެއާއިޖެހިގެން އުޅޭގޭގައި ދިރިއުޅޭ އެކަނިވެރި އުމުރުން ދުވަސްވީ މާމަ ބަލިވެގެން ދާންޖެހުނީ ކަމަށް މެސެޖްގައި ބުނެފައިވެ އެވެ. ކިއާރާއެކޭ އެއްފަދައިން އެ މާމައަކީވެސް އެކަނިވެރިއެކެވެ. އެކަކު އަނެކެއްގެ އެހީތެރިންނަކީ ދެމީހުންނެވެ.
..........
މަޑުމަޑު ހިނގުމުގައި ކައިވެނީގެ މޭޒާއި ހިސާބަން ދެއަންހެންކުދިންގެ އެހީގައި ކިއާރާ ގެނެސް ބޭންދި އެވެ. އެހެންމީހުންގެ ނަޒަރުގައި އެއީ މައިރާ އެވެ. މައިރާގެ ރީތި ބައްޓަމާއި ހެދުމުގެ ފުރިހަމަކަމަށް ތައުރީފުނުކުރާ ދުލެއް އެ މެހެފިލްގައި ނެތެވެ.
"އަހަރެންގެ ލޯބިވާ ދަރިފުޅުގެ ފުރިހަމަކަން މިފެނުނީ މިރޭ... ދަރިފުޅު ވަރަށް ލޯބި! ކޮބާތަ އަހަރެންގެ ދެވވަނަ ދަރިފުޅު ކިއާރާ..؟ މައިރާއާއެކު ކިއާރާ ނައީ ކީއްވެ..؟" ހާސްވެފައި ނަސީރު ސުވާލުކޮށްލި އެވެ.
ކިއާރާގެ ނަން ދެފަހަރަކު އަޑުހަރުކޮށް އިވުމުން އަހާންގެ ސަމާލުކަން ހުއްޓުނީ އެދިމާއަށެވެ. އެތަން މިތަނުނން އަހާންގެ ދެލޯ ހޯދަމުންދިޔައީ ކިއާރާ އެވެ. ނަމަވެސް ކިއާރާގެ ހިލަމެއްވެސް އެތަނުގައި ނެތެވެ.
އިސްއުފުލާލާފައި ސިއްރުގޮތަކަށް ތުނި ފަރުދާގެތެރެއިން ކިއާރާއަށް ބަލައިލެވުނީ އަހާންއާއި ދިމާއަށެވެ. ނިއްކުރިއަށް ރޫއަރުވާލާފައި އަހާން ހޯދަމުންދިޔައީ ކާކުކަމެއް ކިއާރާއަކަށް ނޭގެ އެވެ. ކްރީމްކުލައިގެ ސޫޓްގައި އަހާންގެ ފިރިހެންވަންތަކަން އެ މެހެފިލްގެ ހުރިހާ ޖިންސުއްލަތީފުންގެ ހިތް ކަތިލަމުންދާކަމުގެ އިޝާރާތެއް އަހާންއަށް ވާހެނެއް ހިޔެއްނުވެ އެވެ. މުޅި އެ ހަފްލާގައިވެސް އެފަދަ ފުރިހަމަ އެހެން ފިރިހެނަކު ނެތެވެ. އެކަން ކިއާރާއަށް ޔަގީނެވެ. އެތައް ލޮލެއް އޭނާއަށް އަމާޒުވެފައިވިޔަސް އެކަމަށް ފަރުވާލެއް ނެތްކަން ސާފުކޮށް ފެނެ އެވެ.
ޒުވާން ފުރައިގެ ކުދިންގެ ތެރެއިން އަންހެން ކުއްޖަކު ކުރިއަށް ޖެހިލާފައި، ކިއާރާގެ މެސެޖްގެ ތަފްސީލް މައިރާގެ ބައްޕައާއި ހިއްސާކުރި އެވެ.
"ކޮންކަހަލަ ވާހަކައެއް ތިދައްކަނީ..؟ އަހަރެންގެ އެއްދަރިފުޅުގެ ކައިވެނިކުރެވިގެންދާ ވަގުތުގައި އަނެއް ދަރިފުޅު ހާޒިރުވެ ނެތުމަކީ ކޮންފަދަ ބޭއިންސާފެއް؟ އެމަންޖެގެ ހަބަރެއްނުބަލާ ހުންނާކަށްވެސް ނުވާނެ.. އަހަރެން ގުޅާލާނަން.." ކަންބޮޑުވެފައި ނަސީރު ބުންޏެވެ.
ކިއާރާގެ ނިއްކުރީން ދާހިއްލަން ފަށައިފި އެވެ. ދެ އަތް އައްސިވާހެންވެސް ހީވެ އެވެ. ނޭވާލާން އުނދަގޫވެސް ވާންފަށައިފި އެވެ.
ފަޓުލޫނުގެ ޖީބުން ފޯނު ނަގާފައި ގުޅަން އުޅުނުވަގުތު ނަސީރު ހިފެހެއްޓީ އޭނާގެ ގާތްއެކުވެރި އެވެ.
ކިއާރާ ބިރުން ތުރުތުރު އަޅަން ފަށައިފި އެވެ.
އަހްސަންގެ ދާދި ގާތުގައި ކިއާރާ އިށީނެވެ. އޭރުވެސް ތުރުތުރު އަޅަ އެވެ. އިރުއިރުކޮޅުން ކިއާރާއާއި ދިމާއަށް ހިނިތުންވެފައި އަހްސަން ބަލައިލަ އެވެ. އެފަދަ ބެލުމަކުން ދުވަހަކުވެސް މައިރާއަށް ބެލިފައިނުވާނެކަން އަހްސަންއަށްވެސް އެގެ އެވެ. ނަމަވެސް މިރޭ މައިރާ ވަރަށް ފުރިހަމަ އެވެ. ދެ ލޯ އެދެނީ ދެއަތުގެ ތެރޭގައި ބައްޓަން ރީތި މައިރާ ބޮނޑިކޮށްލާށެވެ.
ކައިވެނީގެ މަޖުލިސް ފެށީ އެވަގުތު އެވެ.
ކިއާރާގެ ނުތަނަވަސްކަމުގެ ސަބަބުން ކައިވެނީގެ ހުތުބާއާއި ގާޒީދެމުންދިޔަ ނަސޭހަތުގެ ކުޑަމިންވަރެއްވެސް އޭނާގެ ކަންފަތާއި ހަމައަށް ނުފޯރަ އެވެ. ދެކަންފަތް ބައްވެ، ނޭވާ ހިފެހެއްޓިފައިވާކަން އިހްސާސްވުމުން އަތަށް ލައްވާފައިވާ އަންގި ނަގަން މަސައްކަތްކުރެވުނެވެ. ގިސްލުމުގެ އަޑެއް ބޭރުވެދާނެތީ ދެތުންފަތުގައި ދަތްޕިލައިން ފިއްތާ ބާރުކޮށްފައިވުމުން ކިއާރާގެ ނުތަނަވަސްކަމަށް އަންނަމުންދިޔަ ބަދަލުތައް އަމިއްލައަށް ފާހަގަނުކުރެވި އެހެންމީހުންގެ ލޯތަކާއި ހަމައަށް އެހަރަކާތްތައް ފޯރައިފި އެވެ. އެއްޗެއް ނުބުނެ މައިރާގެ ބައްޕަ ކެތްތެރިވަމުންދިޔައީ ގާޒީގެ މަސައްކަތް ނިމޭނެ ވަގުތަކަށެވެ.
ހަމައެވަގުތު މީހުންތަކުގެ ތެރެއިން ދުވެފައި ގެއަށްވަނީ ސޯޓްބުރިއެއް ލައިގެން ހުސްގަޔާހުރި ކުޑަ ފިރިހެން ކުއްޖެކެވެ.
"މި އީ މަ އި ރާ ދަ އް ތަ އެ އް ނޫ ން.." ވަރުބަލިވެ މާނޭވާލަމުންވެސް އެސޮރުގެ ޖުމުލަ ފުރިހަމަކުރި އެވެ. އެތައް ލޮލެއް އަމާޒުވެފައިވަނީ އެސޮރުގެ ދެފަޔަށެވެ. ކަށިމައްޗާއި ދެފައިތިލައިގައިވެސް ތެތް ދޮންވެލީގެ ނިޝާން އޭރުވެސް ހުއްޓެވެ. އެ ސޮރު އެއަކީ ގޮނޑުދޮށުންތޯ އެވަގުތު ސުވާލުކުރާނީވެސް މޮޔައެކެވެ. މައިރާގެ ބައްޕަ ދެ ލޯ ވަށްކޮށްލާފައި ބަލައިލީ ތުރުތުރުއަޅަމުންދިޔަ ކިއާރާއަށެވެ.
"ކަލޯ.. ރޭގަނޑުގެ މިއޮތް އަނދިރިވަގުތު ގޮނޑުދޮށުގައި އުޅެއުޅެފައި އައިސް ކީކޭ ތިކިޔަކީ..؟ ކަލޯ މޮޔަވީތަ؟" އަހްސަންގެ ބައްޕަ،
މުހައްމަދު ޖާބިރުގެ އަޑު ހާޒިރީންގެ ސަމާލުކަން ހޯދި އެވެ.
"ބޮލާއި މޫނު ފޮރުވަން އޮޅާފައި އޮތް ފޮތިގަނޑު، ހަމަމިހަރު ނަގާ..!" ހަރުކަށިކަމާއެކު ނަސީރު އަމުރުކުރި އެވެ.
ލިބުނު ބިރުވެރި ޝޮކުގައި ކިއާރާއަށް ތެޅިގަނެވުނެވެ. އަންގި ނަގަށް ތިރިކޮށްލާފައި އޮތްތަންކޮޅުވެސް މައްޗަށް ދަމައިލެވުނީ ބިރުންނެވެ. ދާދި ގާތުން އެއްވެފައިވާ މީހުންތެރެއިން އަންހެނަކު ނިކުމެ، ކިއާރާގެ މޫނު ފަރުދާކޮށްފައިވާ ފޮތިގަނޑުގައިހުރި، ހުރިހައި ދަތިތައް ނައްޓާފައި އެ ފޮތިގަނޑު ކިއާރާގެ ބޮލުން ދަމައިގަތެވެ.
ހަފްލާގެ ތެރޭގައި އެއްއަޑަކުން ގުގުމާލީ..'އާހހހ'ގެ އަޑެވެ. އަނގަމީތައި އަތް އެޅި ކިތަންމެ މީހަކު އެތަނުގގައި ތިއްބެވެ. ލިބުނު ޝޮކްގައި ބުނާނެ އެއްޗެއްނޭގި ހުއްޓުން އަރާފައިވާ މީހުން މަދެއް ނޫނެވެ.
"މައިރާ ކޮބާ..؟" ބާރު އަޑަކުން ނަސީރު ސުވާލުކުރި އެވެ. ސީދާ ބަލަހައްޓައިގެން ހުރީ ކިއާރާއަށެވެ. އެންމެ ސިކުންތަކަށްވެސް ކިއާރާ އިސްއުފުލާނުލަ އެވެ.
"އަޅުގަނޑުގެ ލޮލުން ދުށިން މައިރާ ދައްތަ ޑިންގީއަކަށް އަރަނިކޮށް.. އެހެން ރަށެށްގެ ފިރިހެން ކުއްޖަކާއެކު ޑިންގީއެއްގައި ހަމަ ދެންމެ ފުރައިގެން އެދިޔައީ.." މިވަގުތު މުޅި ހަފްލާގައިވެސް އެންމެ ގިނަމީހުންގެ ސަމާލުކަން ހުއްޓިފައިވާ ކުޑަކުއްޖާ ބުންޏެވެ.
"މިއީ ކޮންފަދަ ކަމެއް ނަސީރު! ކަލޭގެ ދަރި އެހެން ރަށެށްގެ ސޮރަކާ ހިތާވެގެން އުޅޭތީ އޭގެ މަތިޖަހަން ތިއުޅުނީ އަހަރެންގެ ދަރި ބޭނުންކޮށްގެން.. ހިޔެއް ނުކުރަން، މިހައި ހަޑި ހުތުރު އަމަލެއް ހިންގާ ކުއްޖެއްކަމަކަށް ކަލޭގެ ދަރިޔަކީ.. ރަގަޅަށްވިއްޔާ ރަށްމެދަށް ބަލިވެ އިނދެގެން އެ ލަދު ފޮރުވައި މަގޭ ދަރި އެ މަޅީގައި ބައްދަން ކަލޭ ތިއުޅުނީ" އަހްސަންގެ ބައްޕަގެ ރުޅިގަނޑު ކޮންޓްރޯލްނުކުރެވި މަސްލަހަތު އިތުރަށް ގޯސްވަމުންދިޔައީ އެހެން މީހަކަށް އެކަން ހައްލުކުރަން ފުރުސަތެއް ނެތް މިންވަރަށެވެ.
ވާނުވާ ނޭގި، ސުވާލުމާކެއްގައި ތިބި ދެ ޒުވާނުންގެ ސަމާލުކަން ހުއްޓިފައިވަނީ ކިއާރާއަށެވެ. ވެގެން މިއުޅޭގޮތް ހަމައެކަނި އެނގޭނީ ކިއާރާއަށްކަން އެދެމީހުން ގަބޫލުކުރާކަން ޔަގީނެވެ.
ތުރުތުރު އަޅަމުންދިޔަ ކިއާރާގެ ކުރިމަތީގައި ނަސީރު ހުއްޓުނެވެ. މުޅި މާހައުލުވަނީ ހިމޭންވެފަ އެވެ.
"އަހަރެން މި އަހަނީ މައިރާ ކޮބާހޭ؟" އިހުނަށްވުރެން ބާރަށް ނަސީރު ސުވާލު ކުރި އެވެ. ކުރިމަތީގައި ހުރި ކިއާރާއަށް ނަސީރުގެ ރުޅިގަނޑު އިހްސާސްވެ އެވެ.
"އަޅުގަނޑަކަށް.. ނޭގެ.. މައިރާ.. ވީ .. ތަނެއް.." ހަގީގަތަށް ކިއާރާ ބުންޏެވެ. ޖުމުލަ ނިމުނުއިރު ކިއާރާ ވިއްސައިގެން ގޮސް ދުރުގައިހުރި ގޮނޑިއެއްގައި ޖެހިފައި އޭނާގެ ހަށިގަނޑު މައިތިރިވި އެވެ. ނަސީރުގެ އަތް ދަމާފައި ކިއާރާގެ މޫނުމަތީގައި އެހައި ބާރަށް ޖެހީ އެސްފިޔަޖަހައިލާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގަ އެވެ.
މަންޒަރު ބަލަންތިބި އެންމެންގެ ތެރެއިން އަހާން ކުރިއަށް ޖެހިލި އެވެ. ނަމަވެސް ދެފައިގައި ހިލިހިލާ އެޅުނނުފަދަ އެވެ.
ދިގުފިޔަވަޅުތަކުގައި ނަސީރުގޮސް، ކިއާރާގެ އިސްތަށިގަނޑުގައި ހިފައި ޖެހި ލުއްކިއެއްގައި އޭނާ ކޮޅަށް ނަގައިފި އެވެ.
"ހަޔާތްކުޑަ، ދޮގުވެރި މަކަރުވެރި ދަހި އިންސާނާ ..ކަލޭގެ ލަދު ކޮބާ..؟ އަމިއްލަ ދަރިއެއްފަދައިން އަހަރެން ކަލޭ ގެންގުޅުނީ..! އަހަރެންގެ އިއްޒަތާއި ގަދަރު ވެއްޔާމޮޑެލީ ކަލޭ ކޯންޗެއް ބޭނުންވެގެން.. ފައިސާއާއި އިއްޒަތްތެރިކަން ބޭނުންވަންޏާ، ބުނެލިނަމަ، ކަލޭ ބުނިވަރެއް ދިނީމުސް... ކީއްވެ ކަލޭ ތިހެން ތިހެދީ..؟" އަނެއްކާވެސް އިސްތަށިގަނޑުގައި ހިފާފައި ކިއާރާ ކޮށްޕާލި އެވެ.
މިފަހަރު ކިއާރާގޮސް ލައްވީ، ކައިވެނީގެ މަޖުލިސްބާއްވަމުންދިޔަ މޭޒުގެ ކަނުގަ އެވެ. ލިބުނު ވޭނުގައި ބަނޑުގައި އަތް އަޅާފައި ރޮއެގަތެވެ. އެއަޑު އިވޭމީހަކު އެތަނުގައި ހުރިހެނެއް ހިޔެއް ނުވެ އެވެ. އެކަކުވެސް ގުޑައި ނުލި އެވެ. ކިއާރާގެ ދިފާއުގައި ހިރިލާނެ ދިރޭ ފުރާނައެއް އެތަނުގައި ނެތް ފަދަ އެވެ.
"ކަލޭގެ ދަރި އެހެން މީހަކާ ހިތާވެގެން އުޅޭވާހަކަ އަހަރެން ކައިރީގައި ނުބުނީ ކަލޭ..! އަހަރެންނާއި އަހަރެންގެ ދަރިފުޅު އަދި އާއިލާ މިފަދަ ހަޑިހުތުރު ބަދުނާމަކުން ބޭޒާރުވެގެން މިދިޔައީ ހަމައެކަނި ކަލޭގެ ސަބަބުން..! އަހަރެންނަކީ މިރަށުގެ ކިހައި ބާރުހހުރި މީހެއްކަން ކަލެއަށް ނޭގުނީތަ؟ ނޫނީ އެކަން އަންގާލަން ވީތަ؟" އިންޒާރުގެ ރާގުގައި ޖާބިރު ބުނެލި އެވެ. ހުރިހައި ތުހުމަތެއް ކުރަމުންދިޔައީ ނަސީރަށެވެ. ނަސީރުގެ ހުރިހާ ރުޅިއެއް ބާލަމުންދިޔައީ ކިއާރާ އަށެވެ. ތެދެކެވެ. ޖާބިރަކީ ރަށުގެ ހުރިހައި ވިޔަފާރިއެއް ކޮންޓްރޯލްކުރާ 'ސޭޓް' އެވެ.
"އެކަމުގެ ހަބަރެއް ޒައްރެއްގެ މިންވަރު އަހަންނަށް އެނގިފައިވީނަމަވެސް މިހެން ވެގެން ނުދާނެ.. އަހަރެން މިއަދު ލަދުގަނެ، ބޭޒާރުވެފައިވާ މިންވަރު ކަލޭއަށް އިހްސާސްނުވަނީތަ؟" ޖާބިރަށްވުރެން ބާރަށް މިފަހަރު ނަސީރު ހަޅޭއްލަވައިގަތެވެ. (ނުނިމޭ)