ads
ރާއްޖެ އާއި ޔޫއެންޑީޕީގެ ގުޅުމަށް 45 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ ތަރައްގީގެ އަމާޒު ބައްޓަންކުރުމުގައި ޔޫއެންޑީޕީގެ ދައުރު މުހިއްމު: ރައީސް
ރާއްޖޭގެ ތަރައްގީގެ އަމާޒު ބައްޓަންކުރުމުގައި ޔޫއެންޑީޕީން މުހިންމު ދައުރެއް އަދާކޮށްފައިވާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ ރާއްޖޭގައި ޔޫއެންޑީޕީ ހަރަކާތްތެރިވާން ފެށިތާ 45 އަހަރުވުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ތަރައްގީވަމުންދާ ގައުމުތަކުގެ ލިސްޓަށް ރާއްޖެ ކުރިއަށް ޖެހިލިއިރު ޔޫއެންޑީޕީގެ ދައުރު ރާއްޖޭގެ ތަރައްގީގައި ވަރަށް މުހިއްމު ކަމަށެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖޭގައި މީގެކުރިން ނެތް އަސާސީ އެތައް ހިދުމަތްތަކެއް މިއަދު ރާއްޖޭގައި އެބަހުރި ކަމަށެވެ. ދިވެހި ރައްޔިތުންނަށް މި ހިދުމަތްތައް ހޯދައިދިނުމަށް ޔޫއެންޑީޕީގެ ތެރެއިން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"އިގްތިސާދު ސިންދަފާތު ކުރުމާއި އިޖުތިމާއީ ރައްކާތެރިކަމާއި އަންހެނުން ބާރުވެރިކުރުވުމާ ހިސާބުން ފެށިގެން ދިވެހިންގެ ތަރައްގީ ބައްޓަން ކުރުމަށް ޔޫއެންޑީޕީން މުހިއްމު ދައުރެއް އަދާކުރި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފާއިތުވެދިޔަ މާޒީގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ގޮތަށް، ޤައުމުގެ ތަރައްގީއަށް މިހާރު ކުރަމުންދާ މަސައްކަތުގައިވެސް ޔޫއެންޑީޕީގެ އެހީތެރިކަން ލިބިގެންދާނެކަން ޔަގީން ކުރައްވާކަމަށެވެ.

"ވޭތުވެދިޔަ 45 އަހަރަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި އެކުގައި ހިންގުނު ކޮންމެ މަޝްރޫއަކުންނާއި، ކޮންމެ އިސްނެގުމަކުންނާއި ކޮންމެ ކާމިޔާބަކުން ހާމަކޮށްދެނީ އަޅުގަނޑުމެން އެކުގައި ކޮށްފައިވާ މަސައްކަތުން އައިސްފައިވާ ހެޔޮ ބަދަލުތަކުގެ އަސަރު،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ.މުއިއްޒު ވަނީ ޑިޖިޓަލް އިގްތިސާދާއި ދެމެހެއްޓެނިވި ތަރައްގީ އަށް ވަރަށް ބޮޑަށް ސަމާލުކަންދީ، 2040 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް އެމަނިކުފާނުގެ ވެރިކަމުގައި ގެންގުޅުއްވާ ތަސައްވުރުތަކާ ގުޅޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވައިފަ އެވެ.

"މި ލަނޑުދަނޑިތައް ހާސިލް ކުރުމަށް ޔޫއެންޑީޕީގެ އެއްބާރުލުން ބޭނުންވޭ. ކުރިއަށް އޮތް 20 އަހަރަށް އެކަށައަޅަން ފަށާފައިވާ ތަރައްގީގެ ޕްލޭނާއި ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭން އެކުލަވާލުމަށް ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު ދަންނަވަން. މި ދެކަންތައް ވެސް ހާސިލް ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށް އެބަދޭ،" ރައީސް ވިދާޅުވި އެވެ.

your imageރާއްޖެއާއި ޔޫއެންޑީޕީގެ ގުޅުމަށް 45 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު. - ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ، ގޮންޖެހުންތައް ގިނަ ނަމަވެސް ވިލުންވެރި، އެންމެން ޝާމިލްވާ ރާއްޖެއެއް ބިނާކުރުމަށް ކުރާ ދަތުރުގައި ޔޫއެންޑީޕީ ރާއްޖެއާ އެކުގައިވާ ނަމަ، ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ޔޫއެންޑީޕީގެ އޮފީހެއް ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވީ 1978 ވަނަ އަހަރު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް