ads
ކުރީގެ ހެލްތު މިނިސްޓަރު އަހްމަދު ނަސީމް
ވޭޕް މަނާކުރުމަށް ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް: ކުރީގެ ހެލްތު މިނިސްޓަރު
ވޭޕު ކުރުމަށް ބޭނުން ކުރާ ތަކެއްޗާއި އޭގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރެ ކުރުމާއި ބޭނުން ކުރުމާއި ވިޔަފާރި ކުރުން މަނާކުރުމަށް ރައީސް ޑރ. މުއިއްޒު މިއަދު ނިންމެވި ނިންމެވުމަކީ "ވަރަށް ރަނގަޅު ނިންމެވުމެއް" ކަމަށް ކުރީގެ ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މިއަދު އެކްސްގައި އިއުލާންކުރެއްވި ގޮތުގައި ވޭޕްކުރަން ބޭނުންކުރާ ހުރިހާ ބާވަތްތަކެއް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ގެންގުޅުން މަނާކުރުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން މިއަދު ކަމާ ބެހޭ ފަރާތްތަކަށް ވަނީ އަންގައިފަ އެވެ.

އެފަހުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ނަސީމް ވިދާޅުވީ ވޭޕް މަނާކުރުމަށް ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށެވެ.

ކުރީގެ ހެލްތު މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު ކުރީގެ ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުވެސް ވަނީ ރައީސްގެ ނިންމެވުން ރަނގަޅުކަމަށް ވިދާޅުވެފަ އެވެ.

ރައީސްގެ މި ނިންމެވުމާއި ގުޅިގެން މަހްލޫފް ވިދާޅުވީ، މަސްތުވުމާއި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ވަބާގައި ޖެހިފައިވާ އެތައް ޒުވާނުންނެއް އަދި އެތައް ކުޑަކުދިންނެއް މިއަދު ރާއްޖޭގައި ތިބިކަމީ ހަގީގަތެއް ކަމަށެވެ. އަދި ހާއްސަކޮށް ވޭޕުކުރާ ކުޑަކުދިން އިންތިހާއަށް އިތުރުވާކަން، ސުކޫލުތަކުން ހޯދާ ވޭޕުގެ އަދަދުތަކުން ޔަގީންވާ ކަމަށްވެސް މަހްލޫފް ވިދާޅުވެފައި ވެއެވެ.

"ވޭޕު ކުރުން ހުއްޓުވުމުގެ މަގުސަދުގައި، ވޭޕުކުރަން ބޭނުންކުރާ ސާމާނާއި އޭގެ ވަކިވަކި ބައިތައް އެތެރެކުރުން ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ނިންމެވި ނިންމުމަކީ ރަނގަޅު ކަމެއްކަމަށްދެކި މަރުހަބާ ކިޔަން،". މަހްލޫފް ވިދާޅުވެފައިވެ އެވެ.

ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރުމަށް ރައީސް ޑރ. މުއިއްޒު މިއަދު ނިންމެވި ނިންމެވުމަށް ތާއީދުކޮށް އެތައް ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެމަނިކުފާނަށް ތައުރީފު ކުރަމުންނެވެ.

ވޭޕް މަނާކުރުމަށް ރައީސް ނިންމެވުމާއި ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވެސް ވަނީ ރައީސްގެ ނިންމެވުމަށް އޭނާގެ ޕާޓީން ތާއީދުކޮށް މަރުހަބާ ވިދާޅުވެފައި އެވެ.

ރާއްޖޭގައި ވޭޕު މަނާކުރަން ރައީސް މުއިއްޒު ނިންމަވާފައި މިވަނީ ރާއްޖޭގައި ވޭޕު މަނާ ކުރަން ގޮވާލައި ބައެއް ޖަމިއްޔާތަކުން ގޮވާލައިފައި ވަނިކޮށެވެ. އެ ފަރާތްތަކުން ގޮވާލައިފައި ވަނީ ވޭޕުގެ އިތުރުން އީ ސިނގިރޭޓު ވެސް މަނާ ކުރުމަށެވެ.

ނަމަވެސް ރައީސްގެ ޕޯސްޓުގައި ވޭޕުގެ އިތުރުން އެހެން ބާވަތެއްގެ އެއްޗެއް މަނާ ކުރަން ނިންމިކަން ހާމަކޮށްފައެއް ނުވެ އެވެ.

ވޭޕު ކުރުމަކީ ދުނިޔޭގެ 34 ގައުމެއްގައި މިހާރު ވެސް މުޅީން މަނާ ކަމެކެވެ. އަދި، 73 ގައުމެއްގައި ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓު ފަދަ ތަކެތި ބޭނުން ކުރުމުގައި ވަކި އުސޫލުތަކަކަށް ތަބާވުން ލާޒިމު ކޮށްފައިވެ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބަށް ބަލާއިރު މި އަހަރުގެ ޖެނުއަރީން ފެށިގެން މިދިޔަ ޖުލައި މަހާ ހަމައަށް އެކަނިވެސް 19.7 މިލިއަން ރުފިޔާގެ ވޭޕް ރާއްޖެ އެތެރެކޮށްފައިވެ އެވެ. ވޭޕް އަކީ ސިއްހަތަށް ގެއްލުން ހުރި އެއްޗަކަށްވާތީ 50 ގައުމަކަށް ވޭޕް އެތެރެކުރުން މިހާރުވެސް މަނާކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް