ގްރީން ޓެކްސް ނަގާ އަދަދު ދެ ގުނަ ބޮޑުކުރަން ނިންމައި އިތުރު ދެ ޓެކްސްއެއް ބޮޑުކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ހުށަހަޅައިފަ އެވެ.
ސަރުކާރުން މި ބަދަލުތައް ގެންނަން ނިންމާފައިވަނީ ފިސްކަލް ރީފޯމް އެޖެންޑާގެ ދަށުންނެވެ. އެގޮތުން މި ބަދަލާއެކު ޖުމްލަ 2.6 ބިލިއަން ރުފިޔާގެ އިތުރުވުމެއް އާމްދަނީއަށް އަންނާނެކަމަށް މާލީ ފިނޭންސުން ލަފާ ކުރެ އެވެ.
އެމްޑީޕީން މިރޭ ބޭއްވި "ހަވަރު ބެރު" ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުން ފަތުރުވެރިކަމާ ގުޅޭ ޓެކްސްތައް ބޮޑުކުރުމުން ރާއްޖޭގެ ފަތުރުވެރިކަމަށާއި ރިޒޯޓުތަކަށް ފައިދާއެއް ނުވާނެކަމަށެވެ.
ފައްޔާޒު ވިދާޅުވީ، ފަސް އަހަރު ފަހުން ފަތުރުވެރިކަމާ ގުޅޭ ޓެކްސް ބޮޑުކުރީ އެމްޑީޕީ ސަރުކާރުގައި ކަމަށެވެ. އެއީ 14 ޕަސަންޓުން 16 ޕަސަންޓަށްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، އެ ޓެކްސް އެމްޑީޕީ ސަރުކާރުން ބޮޑުކުރީ ވަރަށް ބޮޑަށް އެކަމާ ވިސްނައި ފިކުރުކޮށްފައި ކަމަށެވެ.
ޓެކްސްތަކަކަށް ސަރުކާރުން ބަދަލު މި ގެންނަނީ ދަރަނި މެނޭޖުކުރަން ރާއްޖެއަށް ދަތިތަކާ ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ. ވޯލްޑް ބޭންކުން މިދިޔަ ހަފުތާގެ ތެރޭގައި ވެސް ވަނީ ރާއްޖޭން އިސްލާހީ ފިޔަވަޅުތައް ނާޅާކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.