އެމަނިކުފާނު މިފަދައިން ވިދާޅުވީ ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓްރަ ޕްލޭން 2024-2034 އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވަނީ އަދުގެ ސަރުކާރުން ތަރައްޤީކުރުމަށް އިއުލާންކޮށްފައިވާ ތެލެސީމިއާ ހޮސްޕިޓަލު ގާއިމްކުރުމުގެ ފަހުމުނާމާގައި ސޮއިކޮށްފަ އެވެ.
ނައިބު ރައީސް ވިދާޅުވީ ތެލެސީމިއާ ހޮސްޕިޓަލެއް ރާއްޖޭގައި ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަން އިއުލާންކުރެއްވި މަސައްކަތްތެއް ކަމަށާއި އެ ހޮސްޕިޓަލު ގާއިމުވެގެންދިޔުމާއެކު ތެލެސީމިއާ ކުދިންނަށް ފަރުވާ ކަށަވަރުވެގެންދާނެކަމަށެވެ.
ތެލެސީމިއާ ކުދިންނަކީ މުޖުތަމައުގައި އެއްބައި ކަމަށާއި އެފަދަ ކުދިންނަށް ހަމަހަމަ ފުރުސަތުތައް ފޯރުކޮށްދޭންޖެހޭކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ އެކަމުގައި ކަމާއިގުޅޭ މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ، ތެލެސީމިއާ ކޮންޓްރޯލް ކުރުމަށް ދިހަ އަހަރުގެ މާސްޓާ ޕްލޭނެއް އެކުލަވާލުމަކީ ދިވެހީންގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ.
އެގޮތުން، "ބަލިމަޑުކަމަކުން ސަލާމަތްވެ ތިބުން" ބިނާ ވަނީ ގުޅިލާމެހިފައިވާ ނިޒާމެއްގެ ތެރެއިން ކުރެވޭ ގިނަ މަސައްކަތްތަކެއްގެ މައްޗަށް ކަމަށާއި ތެލެސީމިއާ މަސްޓާ ޕްލޭނަކީ މުޅި ސިއްހީ ނިޒާމަށް ރިއާޔަތްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ތެލެސީމިއާ ދަފްތަރުގައި މިދިޔަ އަހަރު އަލަށް ރަޖިސްޓްރީވީ 10 ކުދިންނެވެ. އޭގެ ކުރިން، 2022 ވަނަ އަހަރު އެ އަދަދު ހުރީ 16 ގަ އެވެ.
އެ ދަފްތަރުގައި މިހާތަނަށް 944 ކުދިން ވަނީ ރަޖިސްޓްރީކޮށްފަ އެވެ. އޭގެ ތެރެއިން ދުނިޔޭގައި ތިބީ 659 ކުދިންނެވެ.