ދިވެހި ގައުމީ ޓީމު އެންމެ ފަހުން މެޗެއް ކުޅުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހުއެވެ. މާލޭގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗަށް މާދަމާ އަހަރުވާއިރު، އޭގެ ފަހުން ގައުމީ ޓީމު މެޗެއް ނުކުޅެއެވެ.
އަހަރެއް ފަހުން ގައުމީ ޓީމުގެ މެޗުތަކެއް ކުޅުމަށް އެފްއޭއެމުން ރާވަމުން އަންނައިރު، އެފްއޭއެމުން މަސައްކަތް ކުރަނީ އަންނަ މަހު އޮންނަ ފީފާ އިންޓަނޭޝަނަލް ބްރޭކުގައި މެޗުތައް ކުޅޭށެވެ.
އަންނަ މަހު ފީފާ ބްރޭކް އޮތީ ނޮވެމްބަރު 11-19 އަށެވެ. އެހެންކަމުން، އެ މުއްދަތު ތެރޭގައި ރާއްޖޭން މި އަހަރު ކުޅޭ ފުރަތަމަ މެޗުތައް އޮންނާނެ ކަމަށް ބެލެވެއެވެ. އެހެންނަމަވެސް ރާއްޖޭން ކުޅޭނީ ކޮން ބަޔަކާކަމެއް އަދި ނޭނގެއެވެ. ނޮވެމްބަރު މަހު، ގައުމީ ޓީމުން ކުޅޭ މެޗުތަކުގައި ވެސް ޓީމަށް އިރުޝާދުދޭނީ ކޯޗު އަލީ ސުޒޭން އެވެ.