އެރިސޯޓުން ވާހަކަދެއްކި މުވައްޒަފަކު ނަން ހާމަނުކުރުމަށް އެދި ބުނި ގޮތުގައި 300 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ އެ ރިސޯޓުން ވަނީ ގިނަ މުވައްޒަފުންތަކެއް 25 ޕަސެންޓު މުސާރައާއެކު "ކޮވިޑް ލީވް" ކަމަށް ބުނެ ޗުއްޓީއަށް ފޮނުވާލަން ނިންމާފަ އެވެ.
ރިސޯޓު ހިންގުމަށް 35 މުވައްޒަފުން ބައިތިއްބަން ނިންމާފައިވާއިރު މި މުވައްޒަފުންނަށް 80 ޕަސެންޓުގެ މުސާރައެއްގައި މަސައްކަތް ކުރަން އަންގާފައިވާ ކަމަށްވެ އެވެ.
"ދެން އަނެއްކަމަކީ ޕްރޮބޭޝަންގައި ތިބި ހުރިހާ މުވައްޒަފުން ކަނޑާލަން ނިންމާފަވަނީ ކުރިންވެސް. އެކަމަކު ޕްރޮބޭޝަންގައި ހުރި އެއް މުވައްޒަފެއް އެބަ ބަހައްޓާ. މިއީ އިންސާފެއް ކަމަށް ގަބޫލެއް ނުކުރެވޭ،" އެ މުވައްޒަފުން ބުންޏެވެ.
އެ މުވައްޒަފު ކިޔައިދިން ގޮތުގައި ރިސޯޓުން މުވައްޒަފުންނާ ދޭތެރޭ ކަންކަން ކުރާ ގޮތް އާންމު ނުކުރުމަށް ވެސް އެގްރީމަންޓެއްގައި ސޮއިކުރަން ރިސޯޓުން ވަނީ އެދިފަ އެވެ.
މިކަމާއި ގުޅިގެން ރިސޯޓުގެ ފަރާތުން ބަހެއް ހޯދުމަށް ސީއެންއެމް އިން މަސައްކަތްކުރި ނަމަވެސް މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެ އެވެ.
ސިއްރު ފެންފުށި ރިސޯޓަކީ އިޓަލީގެ ފެއާމޮންޓް ރިސޯޓްސް އެންޑް ހޮޓެލް ޗެއިން އިން ށ. އަތޮޅުގައި ހިންގާ ރިސޯޓެކެވެ. ރިސޯޓު ހިންގާ ށ. ގާކޮށިބީ އަކީ ސިންގަޕޫރުގެ އެސްސީ ކެޕިޓަލް ގްރޫޕު ހިއްސާވާ ޖީބީއެޗް މޯލްޑިވްސް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ދަށުގައިވާ ރަށެކެވެ.
ފެއާމޮންޓް ހިންގާ ފަރަންސޭސި ކުންފުނި ކަމަށްވާ އެކޯ ހޮޓެލްސް އަކީ ޔޫރަޕުގެ އެންމެ ބޮޑު ހޮސްޕިޓާލިޓީ ކުންފުންޏެވެ. އަދި މުޅި ދުނިޔެއިން ވެސް ހަ ވަނައަށް އެންމެ ބޮޑު ހޮސްޕިޓާލިޓީ ކުންފުންޏެވެ.
ސިއްރު ފެންފުށި ރިސޯޓުން 2018 ވަނަ އަހަރު ވަނީ ބޮޑު ހަރަދެއް ކޮށްގެން "ސެމީ ސަބްމާޖްޑް ސްކަލްޕްޗާ ގެލަރީ" އެއް ބަހައްޓާފަ އެވެ. ނަމަވެސް އެގެލަރީގައި އިންސާނުންގެ ސިފަ ދައްކުވައިދޭ ބުދުތަކެއް ބަހައްޓާފައިވާކަމަށް ބުނެ ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުންގެ ފާޑުކިޔުން އަމާޒުވުމުން، މިގެލަރީ ވަނީ ފުލުހުންގެ އެންގުމަށް ތަޅާލާފަ އެވެ.
މިގެލަރީ ބެހެއްޓުމަށް ރިސޯޓުން ކުރި ހަރަދަކީ ކިހާވަރެއް ކަމެއް ރިސޯޓުން އިއުލާން ކޮށްފައެއް ނުވެ އެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ރިސޯޓު ހިންގާ ބޮޑެތި ހޮޓެލް ޗެއިންތަކުން ވެސް ދަނީ މުވައްޒަފުންނަށް މުސާރަ ނުދީ ޗުއްޓީއަށް ފޮނުވާލަމުންނެވެ.