މި ޕްރޮގްރާމުގެ އަމަލީ މަސައްކަތް މަހެއްހާ ދުވަސް ތެރޭގައި ފެށޭނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވިއެވެ.
މި ޕްރޮގްރާމަކީ ކަރަންޓު ބިލަށް ކުރާ ހޭދަ ކުޑަކުރުމަށާއި ތެލުން އުފައްދާ ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށް އަމާޒުކޮށްގެން ސަރުކާރުން ހިންގާ ޕްރޮގްރާމެކެވެ. މިނިސްޓަރު ތޯރިގް ބުނީ މި ޕްރޮގްރާމުގެ ދަށުން ހަރުކޮށްދޭ ފުރަތަމަ 700 ޔުނިޓް މިހާރު ހުރީ އައުމުގެ މަގުމަތީގައި ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ޔުނިޓްތައް މިހާރު މާލޭގެ ބަނދަރުގައި ހުރި ކަމަށް ވެސް ވިދާޅުވިއެވެ.
މި ޕްރޮގްރާމުގެ ދަށުން ގޭބިސީތަކުގައި ހަރުކުރާ ސޯލާ ޕީވީ ނިޒާމުތަކަށް އިންސްޓޯލްމަންޓަށް ފައިސާ ދައްކާ ގޮތަށް ހަމަޖެހިފައިވެ އެވެ. އަދި މި ނިޒާމުތައް ހަރުކުރާނީ އެ ރަށެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ޔުޓިލިޓީ ކުންފުނިންނެވެ. މިނިސްޓަރު ތޯރިގް ވިދާޅުވީ މި މަސައްކަތް ކުރެވުމުން ކަރަންޓު ބިލު ކުޑަވެގެން ދާނެ ކަމަށެވެ.
ސަރުކާރުން މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޖުމްލަ ތިން މެގަވޮޓުގެ އަވިން ކަރަންޓު އުފައްދާ ނިޒާމުތައް ގޭބިސީތަކަށް ފޯރުކޮށްދޭނެ ކަމަށް ބުނެފައިވެ އެވެ. މި މަސައްކަތް ކުރަން ރާވާފައި ވަނީ ގޭގޭގެ ފުރާޅުތަކުގައި ތިން ކިލޯވޮޓާއި ފަސް ކިލޯވޮޓުގެ ނިޒާމުތައް ހަރުކޮށްގެންނެވެ.