ގާސިމް ވިދާޅުވި ގޮތުގައި އެހެން އޮފީސްތަކުގައި މުސާރަ ބޮޑުވުމާ ގުޅިގެން ހުނަރުވެރި މުވައްޒަފުން އަމިއްލަ ކުންފުނިތަކަށާއި އެހެނިހެން ތަންތަނަށް ބަދަލުވަމުންދާކަމަށެވެ. މިކަމުގެ ސަބަބުން އޮޑިޓް އޮފީހުގެ މަސައްކަތްތަކަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"އޮޑިޓް އޮފީހުގައި ހުނަރުވެރި މުވައްޒަފުން ދަނީ މަދުވަމުން،" ގާސިމް ވިދާޅުވިއެވެ.
އޮޑިޓް އޮފީހުގެ ބަޖެޓާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އޮޑިޓް ރިޕޯޓުތައް ނިންމުމުގައި ލަސްތަކެއް އަންނަ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި 2012، 2013 އަދި 2018 ވަނަ އަހަރުގެ ބައެއް ރިޕޯޓުތައް ވެސް ލިބިފައިވަނީ 2023 ނުވަތަ 2024 ވަނަ އަހަރުކަމަށެވެ.
މާލިއްޔަތު ކޮމިޓީން އޮޑިޓް އޮފީހުގެ 2025 ވަނަ އަހަރުގެ ބަޖެޓް 114 މިލިއަން ރުފިޔާއަށް ފާސްކޮށްފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ. އޭގެ ތެރެއިން ރިކަރަންޓް ހަރަދުގެ ގޮތުގައި 80 މިލިއަން ރުފިޔާ ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޮޑިޓް އޮފީހުގެ މަސައްކަތްތައް ހަރުދަނާކޮށް، ހުނަރުވެރި މުވައްޒަފުން ހިފެހެއްޓުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ގާސިމް ފާހަގަކުރެއްވިއެވެ.