
މިކަން ހާމަވީ މި މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އެންގުމާއި ގުޅިގެންނެވެ.
ފިނޭންސް މިނިސްޓްރީން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ 2015 ވަނަ އަހަރު ޗައިނާގެ އެގްޒިމް ބޭންކުން ނެގި 378 މިލިއަން ޑޮލަރުގެ ލޯނުގެ ތެރެއިން 75 މިލިއަން ރުފިޔާ ދެއްކުމަށް އަލުން ލޯނެއް ނަގަން ޖެހުނީ ބޭރު ފައިސާގެ ދަތިކަން ބޮޑުވެ، މާލީ ހާލަތު ހީނަރުވެފައިވާތީ ކަމަށެވެ. މި އައު ލޯނުގެ އިންޓަރެސްޓު ރޭޓަކީ ދެ ޕަސަންޓެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ކުރީކޮޅު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ވެވުނު އެއްބަސްވުމެއްގެ ދަށުން، 2022 ވަނަ އަހަރުން ފެށިގެން ދައްކަމުން އައި ލޯނަށް ކުރިއަށް އޮތް ތިން އަހަރު ފައިސާ ދައްކާކަށް ނުޖެހޭނެ އެވެ. ނަމަވެސް 2027 ވަނަ އަހަރުން ފެށިގެން އަލުން ލޯނު ދައްކަން ފަށަން ޖެހޭނެ އެވެ.
ފިނޭންސް މިނިސްޓްރީން އިތުރަށް ބުނީ ޗައިނާއިން ނަގާފައިވާ ލޯނު ދެއްކުން ތިން އަހަރަށް ފަސްވުމުން މާލީ ހާލަތުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރަން ފަސޭހަވާނެ ކަމަށެވެ. އެހެންނަމަވެސް، ދައުލަތުގެ ޖުމުލަ ދަރަނި މިހާރު 126 ބިލިއަން ރުފިޔާގައި ހުރިއިރު، ކުރިއަށް އޮތްތަނުގައި އެ އަދަދު 130 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.