މި މައާފުގެ މެސެޖު ފޮނުވާފައިވަނީ ކުރިން އިންޒާރު ދިން ވަޓްސްއެޕް އެކައުންޓުންނެވެ.
މިދިޔަ ހަފުތާގައި ސަލްމާން ހާނަށް އިންޒާރު ދެމުން ބުނެފައިވަނީ، ލޯރެންސް ބިޝްނޯއީއާ އޮތް މައްސަލަ ހައްލުކުރުމަށް 5 މިލިއަން ރުފިޔާ ދޭން ޖެހޭނެ ކަމަށެވެ. މި މެސެޖު ފޮނުވާފައިވަނީ މުންބާއީ ޓްރެފިކް ޕޮލިސްގެ ކޮންޓްރޯލް ރޫމްގެ ވަޓްސްއެޕް ނަންބަރަށެވެ. އިންޒާރު ދިން މީހާ ބުނެފައިވަނީ އެއީ ބިޝްނޯއީ ގޭންގާ ގުޅުން ހުރި މީހެއް ކަމަށެވެ. އަދި ފައިސާ ނުދައްކައިފިނަމަ، މި މަހުގެ ކުރީކޮޅު މަރާލި ސިޔާސީ ލީޑަރު ބާބާ ސިއްދީގީއަށް ވުރެ ގޯސްކޮށް ސަލްމާން ހާނަށް ދިމާވާނެ ކަމަށެވެ.
އިންޒާރު ދިނުމަށްފަހު ދުވަސްކޮޅެއް ފަހުން، އެ ނަންބަރުން އަނެއްކާވެސް މެސެޖެއް ފޮނުވާފައިވެއެވެ. މި މެސެޖުގައި އެ މީހާ ވަނީ އިންޒާރުގެ މެސެޖަކީ އޮޅުމަކުން ފޮނުވުނު އެއްޗެއް ކަމަށް ބުނެ މައާފަށް އެދިފައެވެ. ޕޮލިހުން ބުނާ ގޮތުގައި މި މެސެޖު ފޮނުވި މީހާގެ ލޮކޭޝަން ޓްރޭސް ކުރުމުން ދައްކާފައިވަނީ ޖާރުކަންޑަރެވެ. އަދި އެ މީހާ ހައްޔަރު ކުރުމަށް ޕޮލިސް ޓީމެއް ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ.
ފާއިތުވި މަސްތަކުގައި ސަލްމާން ހާނަށް ބިޝްނޯއީ ގޭންގުން ވަނީ ތަކުރާރުކޮށް އިންޒާރު ދީފައެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އޭނާގެ ގެ ކައިރިން ދެ މީހަކު ފަސް ފަހަރު ބަޑި ޖެހި ހާދިސާވެސް ހިމެނެއެވެ. މި މައްސަލައިގެ އަސްލަކީ 1998 ވަނަ އަހަރު ސަލްމާން ހާން ބިޝްނޯއީ މުޖުތަމައުއިން މުގުދޫސްކަން ދޭ ދެ ބްލެކްބަކް ފުއްލާއެއް ޝިކާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. މި މައްސަލަ އަދިވެސް ކޯޓުގައި އޮތް ނަމަވެސް، ލޯރެންސް ބިޝްނޯއީ ވަނީ ސަލްމާން ހާނުން ބަދަލު ހިފާނެ ކަމަށް ބުނެފައެވެ.
މި އިންޒާރުތަކާ ގުޅިގެން ސަލްމާން ހާނަށް ވަނީ "ވައި+" ސެކިއުރިޓީ ދީފައެވެ. އަދި އޭނާ ދިރިއުޅޭ ގެލެކްސީ އެޕާޓްމަންޓްސް ކައިރީގައި ޕޮލިހުން ވަރުގަދަ ސެކިއުރިޓީއެއް ގާއިމުކޮށްފައިވެއެވެ. މީގެ އިތުރުން، މުންބާއީ ޕޮލިހުން ވަނީ އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން މޫނު ދެނެގަނެވޭ ހައި-ރެޒޮލިއުޝަން ސީސީޓީވީ ކެމެރާތައް ބެހެއްޓުމަށްފަހު ސެކިއުރިޓީ އިތުރަށް ވަރުގަދަ ކޮށްފައެވެ.