މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނުގައި ފާހަގަކޮށްފައިވާ އޯފް-ޝޯ ފައިނޭންސިން ހިދުމަތްތަކުގެ އިތުރުން، އޮން-ޝޯ ފައިނޭންސިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވައިލުމަށެވެ.
މީގެއިތުރުން ރާއްޖޭގައި އޯފް-ޝޯ/އޮން-ޝޯ ޑިވެލޮޕްމަންޓް ބޭންކުތަކާއި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމުކުރުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ރާއްޖޭގެ މާލީ ބާޒާރު ތަރައްގީކޮށް ވާދަވެރި ނިޒާމެއް ގާއިމުކުރުމަށް ހުރި ގާނޫނީ އަދި އިދާރީ ހުރަސްތަކަށް ޒަމާނީ ހައްލުތައް ހޯދުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމަކީ މިއިދާރާ ގާއިމުކުރެއްވުމުގެ ބޭނުމެކެވެ.
އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވަނީ، އެ އޮތޯރިޓީއަށް ސީއީއޯއެއް ހޯދަނީ ފަސް އަހަރު މުއްދަތަށް ކަމަށާއި އެ މަގާމުގެ މުސާރައާއި އިނާޔާތްތައް ކަނޑައަޅާނީ ދެ ފަރާތުން މަޝްވަރާކޮށް، މަސައްކަތުގެ ތަޖުރިބާއާއި ފެންވަރަށް ބެލުމަށް ފަހުގައި ކަމަށެވެ.
އެ މަގާމަށް ކުރިމަތިލާ ފަރާތަކުން ފެންވަރު ރަނގަޅު ބިޒްނަސް ސުކޫލަކުން އެމްބީއޭ ހާސިލްކޮށްފައިވާން ޖެހޭއިރު، ފައިނޭންސް އިކޮނޮމިކްސް ނުވަތަ ޕަބްލިކް ޕޮލިސީއާ ގުޅޭ ދާއިރާއަކުން ފަސްޓް ޑިގްރީ ހާސިލްކޮށްފައިވާން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީ އިން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މިދިޔަ ޖެނުއަރީ 21 ވަނަ ދުވަހު އުފައްދަވާފައިވާ މި އިދާރާ އަކީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުންދާ އިދާރާ އެކެވެ.
އެމްއައިއެފްއެސްއޭގެ ޗެއާޕާސަން އަކީ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު އެވެ.