ads
ރައީސްގެ މާލީ ސިޔާސަތަށް ޕީއެންސީން މަރުހަބާ ކިޔުން
ރައީސްގެ ނިންމެވުމަށް ވެރިކަންކުރާ ޕީއެންސީން ޝުކުރު އަދާކޮށް ބަޔާން ނެރެފި
ކުރިއަށް އޮތް 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވައި، ދިވެހިރާއްޖޭގެ ރައީސްގެ މަޤާމުގައި ހުންނެވީތީ ލިބިވަޑައިގަންނަވާ މުސާރައިގެ 50 އިންސައްތަ ނުނަންގަވާގޮތަށް ނިންމަވާފައިވާކަމަށް، ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވަނީ ހާމަކުރައްވައިފަ އެވެ.
Advertisement

އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި، މުސާރައާއި ގުޅޭ ކަންކަމުގައި މައިގަނޑު 4 ފިޔަވަޅެއް، 2 އަހަރު ދުވަހުގެ މުއްދަތަށް އެޅުއްވުމަށް ރައީސް ވަނީ ނިންމަވާފަ އެވެ. އެގޮތުން؛

1. ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމާއި،
2. ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމާއިއެކު، ބައެއް ކުންފުނިތަކުގެ މުސާރައިގެ އޮނިގަނޑު މިވަގުތު އޮތް ގޮތުން އެއް ލައްކަ ރުފިޔާއަށްވުރެ ބޮޑު މުސާރަ ލިބިވަޑައިގަންނަވާ ވެރީން ތިއްބެވިއިރު، ކުންފުނިތަކުގެ ވެރީންނަށް ދެވޭނެ އެންމެ ބޮޑު މުސާރައަކީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުމާއި،
3. މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް، ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން،
4. ޝަރުއީ ދާއިރާގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް، އެ ފަރާތްތަކުގައި އެދިވަޑައިގަތުމަށް ނިންމަވާފައިވާކަމަށް ރައީސް ވަނީ ހާމަކުރައްވާފަ އެވެ.

ދައުލަތުގެ ހަރަދުތައް ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރުމަށާއި، ސަރުކާރުގެ ހިންގުން ހަރުދަނާ ކުރެއްވުމަށް ރައީސް މިހާރުވެސް ގެންދަވަނީ މާލީ ދާއިރާގެ ތެރެއިން އިސްލާހީ ބޮޑެތި ބަދަލުތަކެއް އިއުލާންކުރައްވަމުންނެވެ.

ހަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި މިހާރު ތިބި 228 މުވައްޒަފަކު މަގާމުން ވަކިކުރަން ވެސް ރައީސް ވަނީ މިދިޔަ ހަފުތާގައި ނިންމަވައިފަ އެވެ.  

ރައީސްގެ ނިންމެވުން ތަކަށް މަރުހަބާ ކިޔައި ޕީއެންސީން މިރޭ ނެރުނު ބަޔާނުގައިވަނީ އެ މަނިކުފާނު ނިންމެވީ ހަރުދަނާ އަދި ހިތްވަރުގަދަ ނިންމުންތަކެއް ކަމަށެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވެފައިވާއިރު، ޕީއެންސީން ތުހުމަތުކުރާ ގޮތުގައި އެ ކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހެނީ މިދިޔަ ސަރުކާރުންނެވެ.

ޕީއެންސީން ބުނީ، މިދިޔަ ސަރުކާރުން ސިޔާސީ ސަބަބުތަކަށް ޓަކައި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ނާޅައި އޮތް ނަމަވެސް، ރައީސް މުއިއްޒު އެ ފިޔަވަޅުތައް ފެއްޓެވީ ސީދާ އެ މަނިކުފާނާ ހިސާބުން ކަމަށެވެ.

"މިއީ މި ވަގުތު ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ދިވެހި މާލިއްޔަތުގެ ދެމެހެއްޓެނިވިކަން ޔަގީންކޮށްދެއްވުމަށް ރައީސް އަޅުއްވަން ނިންމެވި ހަރުދަނާ ފިޔަވަޅުތަކެކެވެ. ސިޔާސީ ގޮތުން އުނދަގޫ، އެހެން ނަމަވެސް ގައުމުގެ ހައްގުގައި ނިންމަވަންޖެހޭ ނިންމެވުމެކެވެ،" އެ ބަޔާނުގައިވެ އެވެ.

ރާއްޖޭގެ ދަރަނީގެ ނިސްބަތް ބޮޑުވެ ސަރުކާރުގެ ހަރަދުތައް އިތުރުވެ އިގްތިސާދީ ހާލަތު އޮތީ ނާޒުކު ފައްތަރެއް ގަ އެވެ. އެ ހާލަތު ބަދަލުކޮށް އިގްތިސާދު ދުޅަހެޔޮ ކުރުމަށް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. 

ނަމަވެސް އިދިކޮޅު އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި ސަރުކާރުން ހަރަދު ކުޑަކުރުމުގެ ގޮތުން ސިޔާސީ މަގާމުތަކުގެ މުސާރަ ކުޑަ ކުރުމަށް ފިޔަވަޅު އެޅީ އިހުލާސްތެރި ނިޔަތެއްގައެއް ނޫނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް