ހެލްތް މިނިސްޓްރީން ބުނީ މި ބައްދަލުވުން ކުރިއަށް ގެންދިޔައީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ދުންފަތް ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރާ މަދަނީ ޖަމްއިއްޔާއެއް ކަމަށްވާ މޯލްޑިވްސް ފެމިލީ ފައުންޑޭޝަނާ ގުޅިގެން ކަމަށެވެ.
މިއަދު ފެށި މަޝްވަރާ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނު ގައި ބަޔާންކުރާ ހައްގުތަކާ ޒިންމާތަށް ކަށަވަރުކުރުމުގެ ގޮތުން އެ ގާނޫނު ތަންފީޒުކުރުމަށް ހަދަންޖެހޭ ގަވައިދުތަކުގެ ތެރެއިން "ދުންފަތުގެ ބާވަތްތައް އިޝްތިހާރު ކުރުމާބެހޭ ގަވާއިދު" އަދި "ދުންފަތުގެ ބާވަތްތަކުން ވިޔަފާރީގެ މުއާމަލާތް ކުރުމާބެހޭ ގަވާއިދު" އެކުލަވާލުމާއި ގުޅޭގޮތުން ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މީގެއިތުރުން ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ، މި ގަވާއިދުތައް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމުގެ ކުރިން، މިކަމާ ގުޅުންހުރި ދައުލަތުގެ މުއައްސަސާތަކާއި މަސްލަޙހަތު ހިމެނޭ އެހެނިހެން ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހޯދުން ކަމުގައި ހެލްތް މިނިސްޓްރީން ބުނެއެވެ. އަދި ގަވާއިދު އިތުރަށް ފުރިހަމަ ކުރުމަށާއި ތަންފީޒު ކުރުމުގައި އެ ފަރާތްތަކުގެ އެއްބާރުލުމާއި ބައިވެރިވުން ހޯދުމަކީވެސް މި ބައްދަލުވުމުގެ މުހިންމު އަމާޒެކެވެ. މި ބައްދަލުވުމުގައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި މަދަނީ ޖަމްއިއްޔާ ޖަމާއަތްތައް ހިމެނޭހެން ގާތްގަނޑަކަށް 50 ބައިވެރިން ހިއްސާވެވަޑައިގަންނަވާނެކަން ލަފާކުރެވޭކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
"ދުންފަތުގެ ބާވަތްތައް އިޝްތިހާރު ކުރުން މަނާ ކުރުމާބެހޭ ގަވާއިދު" އަކީ ރާއްޖޭގައި ދުންފަތުގެ ބާވަތްތައް އިޝްތިހާރުކުރުން މަނާކުރުމަށްޓަކައި، ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނު ގެ 37 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދެކެވެ. އެ ގަވާއިދުގެ މައިގަނޑު މަގްސަދަކީ ގަނޫނާ ހިލާފަށް އެކި ގޮތްގޮތުން ދުންފަތުގެ ބާވަތްތަކާއި ދުންފަތުގެ ވިޔަފާރިއާއި ދުންފަތުގެ އިސްތިއުމާލުކުރުން ޕްރޮމޯޓް ކޮށް އިޝްތިހާރު ކުރުމަށް ކުރަމުންދާ ކަންކަން ހުއްޓުވައި ދުންފަތުގެ އިސްތިއުމާލުކުރުން މަދުކޮށް، އާންމު ސިއްހަތު ރައްކާތެރި ކުރުން ކަމުގައިި ހެލްތް މިނިސްޓްރީން ފާހަގކުރެއެވެ.
މި ދެ ގަވައިދު ގެޒެޓް ކޮށް ތަންފީޒުކުރަން ފެށުމަކީ، ގާނޫނުގެ މުޅި މަގްސަދު ހާސިލުކުރުމަށް ސަރުކާރުން މިހާރު ފަށާފައިވާ މަސައްކަތްތަކަށް އަދި ދުންފަތުގެ ވަބާއިން ދިވެހިން ރައްކާތެރކުރުމަށް ކުރާ މަސައްކަތަށް އިތުރުކުރިއެރުން ލިބޭނެކަމެއްކަން ހެލްތް މިނިސްޓްރީން ފާހަގަކުރެއެވެ.