މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައްޔިތުން މަޖިލީހުގައި މި ފައިސާއަށް ވީ ގޮތާއި ގުޅޭގޮތުން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫފްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު އިހްސާން ވިދާޅުވީ ކުރީ ސަރުކާރުން ރާއްޖޭގައި 60 އަކަށް ޕޮލިސް ސްޓޭޝަން އެޅުމުގެ މަސައްކަތް ހަވާލުކުރީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ އިންދިރާ ޕްރޮޖެކްޓަށް ކަމަށެވެ. އަދި މި މަސައްކަތް ކުރުމަށް ދިވެހި ދައުލަތުން އެ ކުންފުންޏަށް 3.6 މިލިއަން ޑޮލަރު ދީފައިވާކަމަށް އިހްސާން ވިދާޅުވިއެވެ. އެހެންނަމަވެސް އެ ކުންފުނިން ކުރި އެއްވެސް މަސައްކަތެއް މިހާތަނަށް ބެލިބެލުމުން ފެންނަން ނެތްކަމަށާއި ފެނުނީ ބިގް ކިޔާ ކުންފުންޏެއްގެ ހިއްސާގަނެ މޫނުމާގެ ކިޔާ ގެއެއް ވަރަށް ބާރަށް ހަދަމުން އަންނަތަންކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.
ބިގް ކުންފުންޏަކީ މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ އައިލީ ކުންފުންޏެކެވެ. އަދި މޫނިމާގެއަކީ އެ ކުންފުނިން ގަނެފައިވާ ބިމެއްކަމަށް ވަނީ އެނގިފައެވެ.