މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވި 80 މެންބަރުން ވެސް ވަނީ އެކަމަށް ތާއީދުކޮށްފަ އެވެ. ބަޖެޓު ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ބަޖެޓާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އެމްއެމްއޭގެ ގަވަނަރު އަހުމަދު މުނައްވަރު އަދި އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ މިއަދު ކޮމިޓީއަށް ހާޒިރުކުރުމަށް އިއްޔެ ވަނީ ނިންމާފަ އެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި މި އަހަރަށް ފާސްކޮށްފައިވާ 50 ބިލިއަން ރުފިޔާގެ ބަޖެޓު ހަރަދުކޮށް ނިމުމުގެ ކުރިން، މާލިއްޔަތު ގާނޫނުގައިވާ ގޮތުގެ މަތިން ކުރިއަށް އޮތް މަސްތަކުގައި ހިނގާނެ ކަމަށް ލަފާކުރާ ހަރަދުތައް ކުރިއާލާ މަޖިލީހަށް ހުށަހެޅުމަށް ޓަކައި މި ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅީ އެވެ.