ބަޖެޓު ދިރާސާ ކުރި ކޮމިޓީން މިގޮތަށް ފާސްކުރަން ހުށަހެޅުއްވީ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމެވެ. މި ހުށަހެޅުމަށް ތާއީދުކުރެއްވީ ވެލިދޫ ދާއިރާގެ މެމްބަރު މެމްބަރު މުހައްމަދު އައްބާސް އެވެ. މި ހުށަހެޅުން ފާސްވީ އެ ވަގުތު ކޮމިޓީގައި ތިއްބެވި މެމްބަރުންގެ އިއްތިފާގުންނެވެ.
ސަޕްލިމެންޓަރީ ބަޖެޓު ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކުރީ، ފިނޭންސް މިނިސްޓްރީ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއި އޮޑިޓާ ޖެނެރަލް އޮފީހުގެ ބޭފުޅުން ހާޒިރުކޮށްގެން ބޭއްވި ކޮމިޓީ ބައްދަލުވުން ނިންމާލަމުން ކަން ވެސް ފާހަގަކޮށްލެވެ އެވެ.
ސަޕްލިމެންޓަރީ ބަޖެޓާ އެކު، މި އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދު 55 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.
ސަޕްލިމެންޓްރީ ބަޖެޓުން އެންމެ ބޮޑު ބައެއް ހޭދަކުރަނީ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށެވެ. ފަސް ބިލިއަން ރުފިޔާގެ ބަޖެޓުން ދެ ބިލިއަން ކަނޑައަޅާފައިވަނީ ޕީއެސްއައިޕީ މަޝްރޫއުތަކަށެވެ. އަދި ދެވަނައަށް އެންމެ ބޮޑު އަދަދެއް ހުށަހެޅީ ސަބްސިޑީއަށެވެ.
ސަބްސިޑީގެ ހަރަދުތައް އިތުރުވީ، ކުރިން ބަޖެޓުގައި ކަނޑައަޅާފައިވާ ރިފޯމާ އެއްގޮތަށް ހަރަދުތައް ކުޑަކޮށްފައި ނުވާތީ އެވެ. ކުރިން ބަޖެޓުގައި ސަބްސިޑީއަށް ކަނޑައަޅާފައިވަނީ 2.8 ބިލިއަން ރުފިޔާ ކަމަށް ވީ ނަމަވެސް، ސަޕްލިމެންޓްރީ ބަޖެޓާއެކު އެ އަދަދު 3.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެވެ އެވެ.
ސަޕްލިމެންޓަރީ ބަޖެޓާ އެކު މި އަހަރުގެ ބަޖެޓު ޑެފިސިޓު 18 ބިލިއަން ރުފިޔާއަށް އަރާނެ އެވެ. އެއީ، އުފެއްދުންތެރިކަމުގެ ނިސްބަތުން 16 އިންސައްތައެވެ.
އެހެންވެ، އަހަރު ނިމޭއިރު ދަރަނި ހުންނާނީ އުފެއްދުންތެރިކަމުގެ ނިސްބަތުން 118 އިންސައްތައިގައި ކަމަށް ވަނީ ލަފާކޮށްފަ އެވެ.