ads
އިސްރާއީލުން ގާޒާގެ ރެފިއުޖީ ކޭމްޕަކަށް ދިން ހަމަލާއެއްގައި މިފަހުން ޝަހީދުވި ބައެއްގެ ކަށުނަމާދު ކުރަނީ
ގާޒާއިން ޝަހީދުވި މީހުންގެ އަދަދު 43000 އިން މައްޗަށް
ހައްދުފަހަނަ އަޅާފައިވާ އިޒްރޭލުން ފާއިތުވި 387 ދުވަހުގެ ތެރޭގައި ދިން ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނީންގެ އަދަދު 43،050 އިން މައްޗަށް ހިނގައްޖެ އެވެ.
Advertisement

ގާޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނީ އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި 17000 ކުޑަކުދިންނާއި 10200 އަންހެނުން ހިމެނޭ ކަމަށެވެ. އަދި އޭގެތެރޭގައި 100 ނޫސްވެރިންނާއި 610 ސިއްހީ ހިދުމަތްތެރިން ވެސް ހިމެނޭ ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.

އެ އަދަދަކީ އިޒްރޭލުގެ ހަމަލާތަކުގައި ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ އަޑީގައި ވަޅުލެވިފައި ތިބި މީހުންނާއި ހޮސްޕިޓަލުތަކަށް ރިކޯޑު ނުކުރެވޭ މަރުތައް ނުހިމަނާ ގުނާ އަދަދަކަށް ވާތީ ގާޒާގައި ޝަހީދުވި މީހުންގެ އަސްލު އަދަދު އެއަށްވުރެ ވެސް އެތައް ގުނައެއް އިތުރުވާނެ ކަމަށް އެ ސިޓީގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާ ހަވާލާދީ ބީބީސީގައި ރިޕޯޓު ކޮށްފައިވެ އެވެ.

ދިގުމިނުގައި 41 ކިލޯމީޓަރު އަދި ފުޅާމިނުގައި 10 ކިލޯމީޓަރު ހުންނަ ގާޒާއަށް ހަނގުރާމަ ފެށުނީއްސުރެ މިމަހުގެ މެދާ ހަމައަށް އިޒްރޭލުން 70،000 ބޮން އަޅާފައިވާ ކަމަށް އެމެރިކާގެ އިންޓެލިޖެންސް އެސެސްމެންޓުތަކާ ހަވާލާދީ ސީއެންއެންއިން ރިޕޯޓުކޮށްފައިވެ އެވެ. އެ ނޫހުން ރިޕޯޓުކޮށްފައި ވަނީ އޭގެތެރެއިން 40-45 އިންސައްތަ ހަމަލާ އިޒްރޭލުން ދީފައި ވަނީ ވަކި ތަނަކަށް އަމާޒު ނުކޮށް ކަމަށެވެ.

އިޒްރޭލުން ގާޒާއަށް ހަމަލާދޭން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ގާޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުން އިސްވެ އިޒްރޭލަށް ދިން ކުއްލި ހަމަލާގައި އިޒްރޭލުގެ 1200 މީހުން މަރާލުމާ ގުޅިގެންނެވެ.

އިސްރާއީލުން މިހާރު އެންމެ ވަރުގަދަޔަށް ހަމަލާ ދެމުން ދަނީ ގާޒާގެ އުތުރަށެވެ.

އދ.އިން ބުނީ ގާޒާގެ އުތުރުގައި ތިބި ފަލަސްތީނުގެ އާންމުންގެ ހާލަތަކީ ކެތް ނުކުރެވޭނެ ހާލަތެއް ކަމަށާއި އެ ހަމަނުޖެހުން ކުރިއަށް ގެންދަނީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނުގެ ޝަރުތުތަކަށް މާބޮޑު ފަރުވާލެއް ނުބަހައްޓާ ކަމަށެވެ.

ކާބޯތަކެއްޗާއި ބޭހާއި، ކޮންމެހެން ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ހުރަސް އަޅަމުންދާތީ، މީހުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް އދ.އިން ބުނެ އެވެ.

އެ ހަމަލާއާ ގުޅިގެން ހަމާސްއާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް ފާއިތުވި 12 މަސްދުވަހުގެ ތެރޭގައި އިޒްރޭލުން ގާޒާއަށް ދިން ހަމަލާތަކުގައި ގާޒާގެ 90 އިންސައްތައަށް ވުރެ ގިނަ އިމާރާތްތައް އެއްކޮށް ސުންނާފަތި ކޮށްލާފައިވެ އެވެ. ހަނގުރާމައިގެ ސަބަބުން 2.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގާޒާގައި ބައިލައްކައަށްވުރެ ގިނަ ފަލަސްތީނީން ވަނީ މަގުމަތިވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް