މި ބައްދަލުކުރެއްވުމުގައި ފަސްޓް ލޭޑީ ވިދާޅުވީ ދަރިމައިވުމުގެ މައްސަލައަކީ ރާއްޖޭގެ ގިނަ އަންހެނުންނަށް ދިމާވެފައިވާ މައްސަލައެއް ކަމަށާއި މިކަމަށް ހައްލު ހޯދުމަކީ ރައީސް މުހައްމަދު މުއިއްޒުގެ މުހިންމު ވައުދެއް ކަމަށެވެ.
މެކް ފައުންޑޭޝަނުގެ ސީއީއޯ ވިދާޅުވީ އަންހެނުންގެ ބާރުވެރިކަން އިތުރުކުރުމާއި ބަލިތަކަށް ފަރުވާ ދިނުމުގައި އެ ފައުންޑޭޝަނުން ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި އެ ފައުންޑޭޝަނުން ހިންގާ ސްޕެޝަލިސްޓް ތަމްރީނު ޕްރޮގްރާމްތަކުގެ މައުލޫމާތުވެސް ފަސްޓް ލޭޑީއާ ހިއްސާކުރި އެވެ.
މި ބައްދަލުކުރެއްވުން ބޭއްވީ މެކް ފައުންޑޭޝަން އޭޝިއާ އެފްރިކާ ލޫމިނަރީގެ 11 ވަނަ އަހަރީ ކޮންފަރެންސްގެ ޝަރަފްވެރި މެހެމާނުގެ ހައިސިއްޔަތުން ފަސްޓް ލޭޑީ ޓެންޒޭނިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރޭގައެވެ.
ބައްދަލުކުރެއްވުމުގައި އަންހެނުންނަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ހައްލު ހޯދުމަށް ފައުންޑޭޝަނުން އިތުރަށް މަސައްކަތްކުރެވިދާނެ ގޮތްތަކާ މެދުވެސް މަޝްވަރާކުރެވުނެވެ.