ސައުދީ ސަފީރުކަމަށް ސަރީރަށް މަޖިލީހުން ރުހުން ދީފި
ގުފްތަގް އަޖީރު
29 އޮކްޓޯބަރ 2024 - 16:45:20
ދިވެހިރާއްޖެއިން ސަޢުދީ އަރަބިއާއަށް ކަނޑައަޅާ ސަފީރުކަމަށް އަހުމަދު ސަރީރު ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ރުހުން ދީފިއެވެ.
މަޖިލީހުގެ ވޯޓުގައި ބައިވެރިވި 86 މެންބަރުން ވަނީ ސަރީރުގެ ނަންފުޅަށް ތާއީދު ކޮށްފަ އެވެ.
ސަރީރުގެ ނަން މަޖިލީހަށް ފޮނުވީ މި މަހުގެ 15 ވަނަ ދުވަހު އެވެ. މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ ސަރީރަކީ އެ މަގާމަށް ގާބިލު ބޭފުޅެއް ކަމަށް ފާހަގަކޮށްފަ އެވެ.
ސަރީރަކީ 1986 އިން ފެށިގެން ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އޭގެ ތެރޭގައި އެމެރިކާ އާއި ބަންގްލަދޭޝްގެ ސަފީރުކަމާއި އދ. އަށް ކަނޑައެޅި ދާއިމީ މަންދޫބުކަން ހިމެނެ އެވެ. މިހާރު ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑަރު އެޓް ލާޖުގެ މަގާމުގަ އެވެ.
އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަސިޓީން ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ސަރީރު ވަނީ އޯއައިސީގެ ޑިރެކްޓާ އޮފް އޭޝިއަން އެފެއާޒްގެ މަގާމު ވެސް ފުރުއްވާފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް