ads
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް
ފައްޔާޒަށް ތުހުމަތުވާ ގޮތަށް އިހުސާން ދެއްކި ވާހަކަތައް ބަލައިދޭން އޭނާ އެދިއްޖެ
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ތުހުމަތު ކުރައްވާ ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ދެއްކެވި ވާހަކަތައް ދޮގު ކުރައްވާ އެ ތުހުމަތުތައް ބެއްލެވުމަށް ކަމާބެހޭ އިދާރާތަކަށް ފައްޔާޒު ހުށައަޅުއްވައިފިި އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިހުސާން ވަނީ މިދިޔަ ސަރުކާރުގައި 60 ރަށެއްގައި ޕޮލިސް ސްޓޭޝަން އަޅަން ހަވާލު ކުރި އިންޑިއާގެ އިންދިރާ ޕްރްޖެކްޓްސް ކުންފުނިން، އެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒުގެ އާއިލީ މަސްލަހަތު އޮންނަ ބިގް ކުންފުނީގެ ހިއްސާ ގަތުމަށް ފަހު މާލޭގޭ ގަލޮޅުގައި ހުންނަ މޫނިމާގެ އިމާރާތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

އިހުސާންގެ އެ ވާހަކަތަކާ ގުޅިގެން ފައްޔާޒު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި ފުލުހުންގެ ހިދުމަތަށް ސިޓީއެއް ފޮނުވާފަ އެވެ.

މި މައްސަލާގައި މީގެ ކުރީން ވެސް އެކި ފަހަރު މަތީން މިނިސްޓަރު އިހުސާން ވަނީ ފައްޔާޒަށް ތުހުމަތުވާ ގޮތަށް ވާހަަކަ ދައްކަވާފަ އެވެ.

އިހުސާންގެ އެ ތުހުމަތާ ގުޅިގެން ފައްޔާޒް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިހުސާންގެ ވާހަކަތަކާ ގުޅިގެން ދޭން ޖެހޭ ޖަވާބުތައް އެކި ޕްލެޓްފޯމްތަކުގައި ދެއްވާފައިވާ ކަމަށެވެ. ތަހުގީގީ އިދާރާތަކުގެ ބެލެނިވެރި ވަޒީރަކަށް އިހުސާން ހުންނަވާތާ އަހަރެއްވާ އިރު، އެ މުއްދަތުގައި އެއްވެސް ތަހުގީގެއް ނުކޮށް، ދައުވާއެއް ނުއުފުލައި މިފަދަ ތުހުމަތުތަކެއް ކުރަމުން ދިއުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

"މި ވާހަކަ އިހުސާން ދެން ދައްކަވަން ވަނީ ރައްޔިތުންގެ ފަރާތުން ހަވާލުކޮށްފައިވާ ޒިންމާ އަދާކުރެއްވުމަށް ފަހު،" ފައްޔާޒު ވިދާޅުވި އެވެ.

އެ ސިޓީތަކުގައި ފައްޔާޒު ވިދާޅުވީ އެ ތުހުމަތުތަކާ ގުޅޭގޮތުން މިހާތަނަށް ލިބިފައިވާ މައުލޫމާތުތައް ހިއްސާކުރިއަސް އަސްލު ސަރުކާރުން އޮޅުވާލަމުންދާ ކަމަށެވެ.

އެ ތުހުމަތުތައް ކުރާތާ އަހަރަކާ ކައިރިވެފައިވިއަސް ރައްޔިތުންގެ ފައިސާއާ ގުޅޭ މި ފަދަ މުހިއްމު ކަމެއްގައި މިހާތަނަށް ރަސްމީކޮށް އެއްވެސް ސުވާލެއް އަދި ތަހުގީގެއް ނުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

އިންދިރާ ޕްރޮޖެކްޓް ޖޮއިންޓްވެންޗާ ކުންފުންޏާއެކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 61 ރަށެއްގައި ފުލުހުންގެ އިމާރާތް އަޅަން 41 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކުރި އެވެ. އެކަމަށް އެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ދިވެހި ސަރުކާރުން އޭރު 3.6 މިލިއަން ޑޮލަރު ދިނެވެ.

ޕޮލިސް ސްޓޭޝަން އަޅަން މިދިޔަ ސަރުކާރުން ދިން މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަން މިދިޔަ މާޗު މަހު ހާމަ ކުރި އެވެ. ނަމަވެސް އެކަމާ ގުޅިގެން މިހާތަނަށް އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް