އޭޖީ އުޝާމް މިހެން ހާމަކުރީ މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
މިފަހުން މޯލްޑީވްސް ޕޮލިސް ސާވީސް އާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ގުޅިގެން އެކްސަސައިޒްތަކެއް ކުރިއަށް ގެންދިޔަކަަމަށް އުޝާމް ވިދާޅުވި އެވެ.
ވާނުވާ މައްސަލައަށް ހައްލެއް ހޯދުމަކީ ރައީސް ޑރ.މުއިއްޒުގެ ވަރަށް ބޮޑު ވައުދުފުޅެއްކަމަށް ފާ ހަގަކޮށް އުޝާމް ވިދާޅުވީ ބެލި ބެލުމުން ފާހަގަކުރެވުނީ ވާނުވާ ބަންދުގައި ތިބި މީހުންނަކީ ކުޑަ ކުދިންނާ ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހުންނާއި، ޓެރަރިޒަމްގެ މައްސަލަތަކުގެ ތުހުމަތުގައި ތިބި މީހުންނާއި، ބޮޑެތި މާރާމާރިއާ މީހުން މެރުމުގެ ކުށުގައި އަދި މަސްތުވާތަކެތި އެތެރެކުރުމުގެ ބޮޑެތި މައްސަލަަތަކުގެ ކުށުގައި ތިބި މީހުންންކަމަށް އޭޖީ ވިދާޅުވިއެވެ. ޖުމްލަގޮތެއްގައި ވާޏުވާ ބަންދުގައި ތިބީ ޖިނާއި ބޮޑެތި ކުށްތައް ކުރުމުގެ ތުހުމަތުގައި ބަންދުކުރެވިފައި ހުރި މީހުން ކަަމަށް އޭޖީ ފާހަގަކުރެއްވި އެވެ.
އެފަދަ މީހުން މުޖްތަމައުއަށް ދޫކޮށްލުމަކީ އޭގެ ސަބަބުން މުޖްތަމައުއަށާއި އާންމު ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއްކަމަށާއި ގާނޫނު އިސްލާހު ކުރިކަމުގަިއ ވީނަމަވެސް މިކަންކަމަަށް އެންމެ އެދެވޭ ހައްލެެއް އައިިސްފާނުވާކަން އެޓޯނީ ޖެނެރަލް ފާހަގަކުރެއްވި އެވެ.
ވޭތުވެދިޔަ 10 ވަރަކަށް އަހަަރަށް ބެލި ކަމުގައި ވީނަމަވެސް ، ޖާގައިގެ މައްސަލައަށް އެކަށީގެންވާ މައްސަަލައެއް ނުހޯދޭ ކަަމަށާއި މި ސަރުކާރުން ހަވާލުވި ހިސާބާ މި މައްސަލައަށް ރަންގަޅު ހައްލެއް ހޯދުމަށްޓަކައި މިހާރު ހުޅުމާލޭގައ ކްރިމިނަލް ކޯޓަށް ޖާގައެއް ހަމަޖެއްސުމުގެ މަސައްކަތް އެބަ ކުރިއަށް ދާކަމަށް އުޝާމް ވިދާޅުވިއެވެ.
އެތަނުގެ މިވަގުތު ކުރިއަށްދަނީ ކޮންސްޓްރަކްޝަން މަސައްކަތް ކަަމަށާއި އަންނަ އަހަރުގެ ކުރީކޮޅަށް އެ މަސައްކަތް ނިންމާލެވޭނެ ކަމުގެ އުއްމީދު އޭޖީ ދެއްވިއެވެ. އަދި ކްރިމިނަލް ކޯޓު އެތަނަށް ބަދަލު ކުރެވުނީމާ، ކްރިމިނަލް ކޯޓުގެ ޖާގައިގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދައިދެވޭނެ ކަމުގެ ޔަގީންކަން އުޝާމް ވަނީ ދީފަ އެވެ.
އެ މައްސަލަތައް ހައްލުކުރަން ކޯޓު ތަކަާވެސް ވާހަކަދައްކާއިރު އަބަދުވެސް ލިބޭ ޝަކުވާއަކީ މިދެންނެވި ޖާގައިގެ ޝަކުވާ އަދި ވަސީލަތްތައް ނެތުމުގެ މައްސަލަ ކަމަށް އޭޖީ ވިދާޅުވިއެވެ. އަދި އެކަންތައް ފޯރުކޮށްދިނުމަށްފަހު މި މައްސަލައަށް އެކަށީގެންވާ ސަމާލުކަން ދީގެން މަސައްކަތް ކުރާނެކަމަށްވެސް އޭޖީ ވިދާޅުވި އެވެ.