ކޮމިޓީން ފާސްކުރި ބިލުތަކުގެ ތެރޭގައި ޓީޖީއެސްޓީ އާއި ގްރީން ޓެކްސް އަދި އެއާޕޯޓު ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކްސް ހިމެނެ އެވެ. މި ބިލުތަކުގެ ދަށުން އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން ޓީޖީއެސްޓީ 16 ޕަސަންޓުން 17 ޕަސަންޓަށް ބޮޑުވާނެ އެވެ.
ގްރީން ޓެކްސްގެ ގޮތުގައި ކުރިން ހަ ޑޮލަރު ދައްކަމުން އައި ތަންތަނުން 12 ޑޮލަރު ދައްކަން ޖެހޭނެ އެވެ. އަދި ތިން ޑޮލަރު ދައްކަމުން އައި ތަންތަނުން ހަ ޑޮލަރު ދައްކަން ޖެހޭނެ އެވެ. މިއީ ކުރިން ދައްކަމުން އައި އަދަދަށް ވުރެ 100 ޕަސަންޓު އިތުރު އަދަދެކެވެ.
އެއާޕޯޓު ޓެކްސްގެ ގޮތުގައި އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބިދޭސީންގެ އަތުން 50 ޑޮލަރު ނެގުމަށް ވަނީ ފާސްކޮށްފަ އެވެ. އަދި ބިޒްނަސް ކްލާހުގައި ދަތުރުކުރާ ފަރާތްތަކުން 120 ޑޮލަރު، ފަސްޓް ކްލާހުން 240 ޑޮލަރު އަދި ޕްރައިވެޓް ޖެޓުން ދަތުރުކުރާ ފަރާތްތަކުން 480 ޑޮލަރު ނެގުމަށް ވަނީ ނިންމައިފަ އެވެ.
މި ބިލުތައް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ އިއްތިފާގުންނެވެ. މި ބިލުތަކުގެ ސަބަބުން ދައުލަތަށް އިތުރު 200 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.