މިކަން މިއަދު އިއުލާން ކުރެއްވީ ފައިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރުގެ ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ މިއީ ރައީސް މުއިއްޒުގެ ތަސައްވުރު ކަމަށެވެ. އަދި މިކަން ހާސިލު ކުރުމަށް ވަޒީރުންގެ މަޖިލީހުން ވަނީ އިގްތިސާދީ އިސްލާހީ އެޖެންޑާއެއް ފާސްކޮށްފައި ކަމަށް ވެސް ބުންޏެވެ.
މި އެޖެންޑާގެ ދަށުން ރާއްޖޭގެ އުތުރާއި ދެކުނުގައި އިގްތިސާދީ މަރުކަޒުތަކެއް ގާއިމުކުރާނެ ކަމަށާއި އަދި އެކި ސަރަހައްދުތަކުގައި އާބަން ސެންޓަރުތައް ހަދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން އަންހެނުންނާއި ޒުވާނުންނަށް ވަކިން ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ތައުލީމާއި ވިޔަފާރީގެ އިތުރު ފުރުސަތުތައް ހުޅުވައިލާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ދިވެހިންނަކީ ފަންނުވެރި ބަޔަކަށް ހަދައި، ދިވެހިންގެ އުފެއްދުންތަކާއި ހިދުމަތްތައް ދުނިޔޭގެ ބާޒާރަށް ނެރުމަކީ ވެސް މި އެޖެންޑާގެ މުހިންމު އަމާޒެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް މި ތަސައްވުރު ހާސިލު ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މިހާރު ހީނަރުވެފައިވާ މާލީ ހާލަތް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މިކަން ހައްލު ކުރުމަށް 2025 ވަނަ އަހަރުގެ ބަޖެޓުގައި ގިނަ ފިޔަވަޅުތަކެއް ހިމަނާފައިވާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖެއަކީ ތެޔޮ އިމްޕޯޓު ކުރާ ގައުމެއްގެ ގޮތުގައި އޮތުން ނިމުމަކަށް ގެނެސް، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަކީ ވެސް މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.
ފާއިތުވި އަހަރުތަކުގައި ސަރުކާރުގެ ހަރަދު ކުޑަ ނުކުރުމުގެ ސަބަބުން ދައުލަތުގެ ދަރަނި އިތުރުވެފައިވާ ކަމަށާއި އެކަން ހައްލު ކުރުމަށް ނިޒާމީ ބަދަލުތަކެއް ގެންނަން މަޖުބޫރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.