މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑުގެ ހަ ފަނޑިޔާރުން އެހެން ވިދާޅުވީ، އެ ބޭފުޅުން ސޮއިކުރައްވައި މިރޭ ނެރުއްވި ބަޔާނެއްގަ އެވެ.
ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފުލާގައި "އަދަދު" އޮންލައިންގެ "ސްކީލާން" ޑޮކިއުމެންޓްރީއަށް އެވޯޑަށް ނޮމިނޭޓުވި މައްސަލައިގައި ގިނަ ފާޑުކިޔުންތަކެއް މީޑިއާ ކައުންސިލަށް އަދި ފަނޑިޔާރުންނަށް އަންނަނީ އަމާޒުވަމުންނެވެ.
6 ފަނޑިޔާރުން ސޮއިކުރައްވާ ނެރުއްވި ބަޔާނުގައި ވިދާޅުވީ ތަހުގީގީނޫސްވެރިކަމުގެ އެވޯޑް ދީފައިވާ އުފެއްދުމަކީ ދިވެހި މީޑިޔާގެ އަހުލާގީ މިންގަނޑުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ބެލުމެއްނެތި ޝާއިއުކޮށްފައިވާ ކޮންޓެންޓެއްކަން މޯލްޑިވްސް މީޑިއާ ކައުންސިލަށް ފާހަގަވެ، އެ ކައުންސިލުން މީގެ ކުރިން ބަޔާނެއްވެސް ނެރެފައިވާ ކަމަށެވެ.
އަދި މި އުފެއްދުން ބަލައިގަނެ، އެވޯޑަށް ނޮމިނޭޓުކޮށް ފަނޑިޔާރުންގެ މޭޒަށް ހުށައަޅާފައިވަނީ ކައުންސިލުން ބަލަން ވާވަރަށް ނުބަލައިކަމަށްވެސް ބަޔާނުގައިވެ އެވެ. އެހެންކަމުން މި އުފެއްދުން ކައުންސިލުން ބަލައިގަތް ނިޔަތާމެދު ސުވާލު އުފެދޭކަމަށް ފަނޑިޔާރުންގެ ބަޔާނުގައިވެ އެވެ. މީޑިއާ ކައުންސިލުން ދޭ އެވޯޑުތަކަކީ އެ ކަމަށް ހާއްސަ އެވޯޑު ކޮމިޓީގެ މެމްބަރުން ފިޔަވައި ކައުންސިލުގެ އެއްވެސް މެމްބަރަކަށް ވެސް އެވޯޑަށް ހުށަހަޅާ ހުށަހެޅުންތަކާއި ނޮމިނޭޝަންތައް އަދި ލިބޭ ފަރާތްތައް ވެސް ސިއްރުކުރެވިގެން ދޭ އެއްޗެއް ކަމަށް މީޑިއާ ކައުންސިލުން ބުނެ އެވެ.
އެ ޑޮކިއުމެންޓްރީ އަށް އިންސާފު ކޮށްދިން ފަނޑިޔާރުން ވަނީ އެ ބޭފުޅުން ނެރުއްވި ބަޔާނުގައި ހަތް ކަމެއް ފާހަގަކުރައްވައިފަ އެވެ.
އެއްކަމެއްގެ ގޮތުގައި ފަނޑިޔާރުން ވިދާޅުވީ، އެ ޑޮކިއުމެންޓްރީއަކީ ދިވެހި މީޑިއާގެ އަހުލާގީ މިންގަނޑުގައި ބަޔާންކުރާ އުސޫލުތަކަށް ބެލުމެއް ނެތި އާންމު ކޮށްފައިވާ ޑޮކިއުމެންޓްރީއެއްކަން އެމްއެމްސީ އަށް ފާހަގަވެގެން އެކަން އެ ގޮތަށް ނުކުރަން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 28 ގައި ނޫސްބަޔާން ނެރެފައިވުމެވެ.
ފަނޑިޔާރުން ވިދާޅުވީ، އެ ޑޮކިއުމެންޓްރީ އެމްއެމްސީ އަށް ބަލައިގަނެ، ފަނޑިޔާރުންނާ ހަމައަށް ގެންދިޔައީ ބަލަންވާ ވަރަށް ނުބަލައި ކަމަށެވެ.
އެވޯޑަށް އިންސާފު ކުރެއްވި ފަނޑިޔާރުން ނެރުއްވި ބަޔާނުގައި އިތުރަށް ބުނީ އޯޑިއޯ، ވީޑިއޯ ދާއިރާއިން ތަހުގީގީ ނަޒަރަކުން އުފެއްދުމަށް އިންސާފު ކުރެވޭނެގޮތް ވަރަށް ބޮޑަށް މީޑިޔާ ކައުންސިލުން އޮތީ ހަނިކޮށްފައި ކަމަށެވެ. އެގޮތުން ރުބްރިކުގައި 80 އިންސައްތަ ފަރުމާކޮށްފައި އޮތީ ވީޑިއޯ އުފެއްދުމުގެ ޓެކްނިކަލް ކޮލިޓީސްތަކަށް މާކްސް ދޭންޖެހޭ ގޮތަށްކަމަށާއި ތަހުގީގީ ނޫސްވެރިކަމުގެ ނަޒަރިއްޔާތަކުން މާކްސް ދެވޭނެ އެއްވެސް ގޮތެއް ނެތްކަމަށް ފަނޑިޔާރުންގެ ބަޔާނުގައިވެ އެވެ.
އެހެންކަމުން އޯޑިއޯ ވީޑިއޯ ބައިން ތަހުގީގީ ނޫސްވެރިކަމުގެ އެވޯޑު މިއަހަރު ދީފައިވަނީ އިނާމް ދިނުމުގެ އުސޫލާ ހިލާފަށްކަމަށް އެވޯޑަށް އިންސާފުކުރެއްވި ފަނޑިޔާރުންގެ ބަޔާނުގައިވެ އެވެ.
މި ފަހަރުގެ އެވޯޑަށް އިންސާފުކޮށްދިން ފަނޑިޔާރުން:
1- މުހައްމަދު ސަލީމް
2- ފާތިމަތު އަޝްމާ ފަހީމް
3- އަބްދުﷲ އަޒްމީން
4- ފާތިމަތު އަޝްމާ ފަހީމް
5- ޝަމްއާން ޝާކިރު
6- ހަސަން އާމިރު
އެމްއެމްއެސީ އެވޯޑް ނައިޓްގެ ހަފުލާ ދައުލަތުގެ މީޑިއާ ޕީއެސްއެމުން ލައިވްކޮށްފައިވާއިރު، "ސްކީލާން" ޑޮކިއުމެންޓްރީ ވެސް ވަނީ ލައިވްކޮށް ދައްކައިފަ އެވެ. އެއީ ޕީއެސްއެމުން ގެންގުޅޭ މިންގަނޑާ ހިލާފު ވީޑިއޯއެއް ކަމަށް ވާތީ އެ ވީޑިއޯ ލައިވް ކުރި މައްސަލާގައި އެމްއެމްސީގެ ރައީސް އަހުމަދު މުސްތަފާ ވެސް ރޭ ޕީއެސްއެމްގެ ވަޒީފާ އިން ވަކިކުރި އެވެ.
ޕީއެސްއެމް އިން ވަކި ކުރިއިރު، މުސްތަފާ ހުންނެވީ ނިއުސް އޮޕަރޭޝަންސް މެނޭޖަރުގެ މަގާމުގަ އެވެ. އިއްޔެ ވަޒީފާއިން ވަކި ކުރިއިރު، ޕީއެސްއެމްގައި އޭނާ 30 އަހަރު ވަނީ ހިދުމަތްކޮށްދީފަ އެވެ.
އެކަމަކު، މުސްތަފާ ވަޒީފާ އިން ވަކިކުރި ކުރުން ޕީއެސްއެމްގެ ބޯޑުގައި މުރާޖައާ ކޮށްދިނުމަށް އެދިވަޑައިގަތުމުން ވަޒީފާ މިރޭ ވަނީ އިޔާދަކޮށްދީފަ އެވެ.
ޕީއެސްއެމް އިން ބުނީ މުސްތަފާއަށް އަލުން ވަޒީފާ ދިނީ އޭނާ ވަކި ކުރަން ނިންމި ނިންމުން ބޯޑަށް އެޕީލް ކުރުމުން އެކަން ބެލުމަށްފަހު ކަމަށެވެ. އަދި އެ ކުންފުނިން ބުނީ މުސްތަފާއަށް އަލުން ވަޒީފާ ދިނީ، އިއްޔެ ވަޒީފާއިން ވަކި ކުރިއިރު، ނޭނގޭ ކަންތައްތައް އެނގުމުން ކަމަށެވެ.
ޕީއެސްއެމްއިން ތުހުމަތުކުރާ ގޮތުގައި މިއީ އެމްއެމްސީއިން ދުރާލާ ރާވައިގެން ގަސްތުގައި ކުރި ކަމެކެވެ. އަދި އެކަން ކުށްވެރިކޮށް، ޕީއެސްއެމްއިން ވަނީ އެ ކުންފުނީގެ ތަސައްވުރު ރައްޔިތުންގެ ކުރިމަތީގައި ގެއްލޭފަދަ އަމަލެއް އެމްއެމްސީއިން ހިންގާފައިވާ ކަމަށް ބުނެ، އެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.
"ޖީ ސްކީލާން" އަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބައްޕާފުޅު އަވަހާރަވި ފަހުން ބައްޕާފުޅުގެ އަނބިކަނބަލުން މާލެ ވަޑައިގަތުމަށް މަސައްކަތް ކުރުމުން ރާއްޖެ ނާރުވައި ޑީޕޯޓްކޮށްލި މައްސަލައަށް ތައްޔާރުކޮށްފައިވާ ތަހުގީގީ ޑޮކިއުމެންޓަރީއެކެވެ.
މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ނެރުނު އެ ޑޮކިއުމެންޓްރީގައި ކުރާ ތުހުމަތުތައް ރައީސް މުއިއްޒުގެ ފަރާތްޕުޅުން އޭރު ވެސް ވަނީ ދޮގު ކުރައްވައިފަ އެވެ.