ads
އެމްޑީޕީ
ބަޖެޓުން ކައުންސިލްތަކަށް ދޭ ފައިސާ މަދު ކަމަށް އިދިކޮޅުން ބުނެފި
2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ފައިސާ ދިނުން މަދުކޮށްފި ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ މެމްބަރުން ނުރުހުން ފާޅު ކޮށްފި އެވެ.
Advertisement

އަންނަ އަހަރަށް 56.6 ބިލިއަން ރުފިޔާގެ ބެޖެޓެއް ސަރުކާރުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާއިރު، ކައުންސިލްތަކަށް ބޮލޮކް ގްރާންޓަށް ދިނުމަށް ހިމަނާފައި ވަނީ 1.4 ބިލިއަން ރުފިޔާ އެވެ. ނަމަވެސް، މިއަހަރަށް ކަނޑައަޅާފައި އޮތް ބަޖެޓުގައި ކައުންސިލްތަކަށް ބޮލޮކް ގްރާންޓަށް 2.2 ބިލިއަން ދޭން ހިމަނާފައިވެ އެވެ. އެހެންކަމުުން ދެ ގުނަ ވަނީ އަންނަ އަހަރަށް މަދުވެފަ އެވެ.

އެކަމާ ގުޅުވައި ބައެއް ކައުންސިލަރުން އަދި އިދިކޮޅުން ކަންބޮޑުވުން ފާޅު ކުރަމުން އަންނައިރު، ދުރާލާ އެއްވެސް އިޝާރާތެއް ނެތި ކައުންސިލްތަކުގެ ބޮލޮކް ގްރާންޓު ކުޑަކުރުމަކީ ކަންބޮޑުވުމެއް ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވެސް ވަނީ ވިދާޅުވެފަ އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ ދައުލަތުގެ ބަޖެޓްގެ މަދުވެގެން ފަސް ޕަސެންޓް ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ހަމަޖެހިފައިވާ އިރު، އަދި 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ހުށަހަޅާފައިވާ އިރު، ކައުންސިލްތަކަށް ލިބެންވާ އަދަދުގެ ތެރެއިން ތިންބައިކުޅަ އެއްބައި މަދުވުމަކީ ކައުންސިލްތަކަށް ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ.

"ކައުންސިލްތަކަށް ގާނޫނުން ކަނޑައޅިފަވާ ބަޖެޓްގެ ފަސް ޕަސެންޓް ސަރުކާރުން ދިރުވާލާ އިރު، އަދި ރައްވެހި ހިދުމަތްތައް ހުއްޓެންދާ އިރު ވެސް ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރާނެ ކަމަށް ބުނި މަޖިލިސް މެމްބަރުންތައް ހައްގު ބަސް ނުބުނެވި ގަނޑުވެފަ ކަތީބުންގެ ސިފައިގައި ފިތިފައި ތިބުމަކީ ލަދުވެތި ކަމެއް." އޭނަ ވިދާޅުވި އެވެ.

ބަޖެޓާމެދު ކަންބޮޑުވުންފާޅު ކުރައްވާ ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފު ވިދާޅުވީ ދައުލަތުގެ ބަޖެޓުގެ ފަސް ޕަސެންޓަށް ބަލާނަމަ، 2025 ވަނަ އަހަރު ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓްގެ ގޮތުގައި 2.83 ބިލިޔަން ރުފިޔާ ބަޖެޓްގައި އޮންނަންވާނެ ކަމަށެވެ.

"އެހެން ނަމަވެސް ހުށަހަޅާފައިވާ ބަޖެޓްގައި ކައުންސިލްތަކަށް އޮތީ 1.4 ބިލިޔަން ރުފިޔާ. މިއީ ދޭންޖެހޭ އަދަދުގެ ގާތްގަނޑަކަށް 50 ޕަސެންޓް މަދު އަދަދެއް،" އާތިފު ވިދާޅުވި އެވެ.

ފުވައްމުލަކުގެ މޭޔަރު އިސްމާއީލް ރަފީގުވެސް ވަނީ އެ ސިޓީގެ ކައުންސިލްގެ ބަޖެޓުން 17 މިލިއަން ރުފިޔާ މަދުވެފައިވާކަން ފާހަގަކުރައްވާަ އެވެ.  

"ރަށްފުށުގެ ކުރިއެރުމާއި ތަރައްގީއަށް ކައުންސިލްތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި ބަޖެޓް ކަނޑާލުމަކީ ކަންބޮޑުވާ ކަމެއް،" އިސްމާއީލް ރަފީގު ވިދާޅުވި އެވެ.

އޭނާ ވަނީ ކައުންސިލްތަކަށް ކަނޑައަޅާފައިވާ ބަޖެޓު އެކަށީގެންވާ ވަރަށް ބޮޑުކުރުމަށް ގޮވާލާފަ އެވެ.  

ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ފައިސާ ދިނުން މަދުކޮށްފައިވަނީ ރައްޔިތުން "ނިކަމެތި" ކޮށްލަން ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ރޭ ވަނީ ނުރުހުން ފާޅު ކުރައްވައިފަ އެވެ.

ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކައުންސިލްތަކަށް ގާނޫނުން ދޭން ކަނޑައަޅާފައިވާ ފައިސާއާއި، ކައުންސިލްތައް ހިންގަން ބޭނުންވާ ބަޖެޓުގެ ބައެއް އުނިކޮށް ބަޖެޓު ހެދުމަކީ އެ ތަންތަނުން ކައުންސިލްތަކަށް ދޭ ހިދުމަތްތައް ހުއްޓުވުން ކަމަށެވެ. 

އެ ފަރާތްތަކަށް ދައުލަތުގެ ބަޖެޓުން ދޭ ގްރާންޓު ކުޑަކޮށްފައި ވުމަކީ ރައްޔިތުން ނިކަމެތި ކުރުމަށް ކޮށްފައިވާ ކަމެއްގެ ގޮތުގައި ޝާހިދު ވަނީ ސިފަކުރައްވާފަ އެވެ. އޭގެއިތުރުން، އެ ކަމަކީ ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ އިތުރު ފިޔަވަޅެއް ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފަ އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، ކައުންސިލްތަކަށް ލިބިދޭ ބަޖެޓުގެ ނިސްބަތް މަދު ކޮށް، އެ ފައިސާ އެހެން ކަންކަމަށް ޚަރަދު ކުރުމުގެ ގާނޫނީ ބާރެއް ސަރުކާރަށް ލިބިގެން ނުވެ އެވެ.

ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ލާމަރުކަޒީ ކޮމެޓީގެ މުގައްރިރުކަން ކުރެއްވި އިދިކޮޅު އެމްޑީޕީގެ މެންބަރު އަލީ ނިޔާޒު ވަނީ ބްލޮކް ގްރާންޓުގެ ގޮތުގައި ދޭން ކަނޑައަޅާ ހިމަނާފައި އޮތް އަދަދު ކުޑަކޮށް ބަޖެޓުގައި ޖެހިފައިވަނީ އޮޅުމަކުންތޯ ސުވާލު އުފައްދަވައިފަ އެވެ.

"ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމަށް ދައުލަތުން މިދިޔަ 5 އަހަރު ދިން އަދަދަށް ވުރެ މަދު އަދަދެއް މި ފަހަރު ބަޖެޓްގައި ޖަހާފައި އެ އޮތީ އޮޅުމަކުންތޯ؟ ޖުމްލަ ބަޖެޓް އަދަދު ބޮޑުވާ ވަރަކަށް %5 އިން ލިބޭ ބައި ވެސް އިތުރު ވާންޖެހޭނެ ނޫންތޯ؟" އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް "ބްލޮކް ގްރާންޓް" ނުވަތަ ހިލޭ އެހީ ކަނޑައަޅައި އެންމެ ފުރަތަމަ ފައިސާ ދޫކުރަން ފެށީ 2020 ވަނަ އަހަރުގެ ބަޖެޓާ އެކު އެވެ.

އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ރޭ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ނިމިދިޔަ 19 ވަނަ މަޖިލީހުގައި ލާމަރުކަޒީ ގާނޫނަށް މުހިންމު ބޮޑެތި އިސްލާހުތަކެއް ގެނެސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި މިނިވަންކަމާއެކީގައި ކައުންސިލްތައް ހިންގޭނެ ހުރިހާ ގޮތަކަށް ގާނޫނުން ކައުންސިލްތަކަށް މުތްލަކަގަށް ބާރުދީފައިވާނެ ކަމަށެވެ.

އޭގެ ތެރޭގައި ކަނޑައެޅޭ މިންވަރެއް ގާނޫނުގެ ތެރެއިން ދޭންޖެހޭނެކަމަށާއި، ވަރަށް ސާފުކޮށް އެވާހަކަ ލިޔެފައި އޮންނާނެ ކަމަށެވެ. އަދި ބްލޮކް ގްރާންޓުގެ ގޮތުގައި ބަޖެޓުގެ 5 އިންސައްތަ ދޭންޖެހޭނެ ވާހަކަ ލިޔެފައި އޮންނާނެ ކަމަށެވެ. 

ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން، ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޭން ބަޖެޓުގައި ހިމަނަނީ އެ އަހަރަކަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ މިންވަރުގެ މަދުވެގެން %5 އެވެ.

ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޭން ހިމަނާފައިވާ އަދަދު މި އަހަރަށް ވުރެ މަދުކަމުން ދަ ޑިމޮކްރެޓްސް އިން ވެސް ވަނީ އެކަން ކުށްވެރިކުރުން ބަޔާނެއް ނެރެފަ އެވެ.

އެ ބަޔާނުގައި ބުނީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި، ދިވެހި ވެރިކަމުގެ އެންމެހައި ބާރުތައް ފެށިގެން އަންނާނީ އަދި އެބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގާ ކަމަށް ކަނޑައަޅާފައި ވާއިރު، އަދި އެ ގާނޫނުއަސާސީގެ 8 ވަނަ ބާބުގައި ދިވެހިރާއްޖެ ހިންގާންވާނީ ލާމަރުކަޒީ އުސޫލުންކަމަށް ކަނޑައަޅާފައި ވާއިރު، މި އުސޫލު ހިފެހެއްޓުމާއި ކުރިއެރުވުމާއި ޑިމޮކްރެޓިކް ހިންގުން އަށަގަންނެވުމާއި ކުރިއެރުވުމަކީ މުޅި ދައުލަތުގެ ޒިންމާއެއް ކަމަށެވެ.

އަދި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި، ކައުންސިލްގެ އިހުތިސާސް ކަނޑައެޅި، ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ރައްޔިތުންނަށް ފޯރުވައިދޭންޖެހޭ ރަށްވެހި ހިދުމަތްތައް ފޯރުވައިދިނުމަށް، ދައުލަތުގެ ބަޖެޓުގެ ޖުމްލަ އާމްދަނީގެ މަދުވެގެން %5 ކައުންސިލްތަކަށް ދޭންވާނެކަމަށް ކަނޑައަޅާފައި ވަނިކޮށް، ކަނޑައެޅިގެން ލާމަރުކާޒީ ގާނޫނާ ހިލާފަށް ކައުންސިލްތަކަށް ހައްގުވާ ބްލޮކް ގްރާންޓުން ވަރަށް ބޮޑު މިންވަރެއް އުނިކޮށް، މާލީ ވަޒީރު ގާނޫނާ ހިލާފުވެފައި ވުމަކީ ދަ ޑިމޮކްރެޓްސް އިން ނުހަނު ކަންބޮޑުވެ ކުށްވެރިކުރާ ކަމަށް ބަޔާނުގައި ބުންޏެވެ.

ލާމަރުކަޒީ އުސޫލު ކުރިއަރުވައި ބާރުވެރިކުރުމުގެ ޒިންމާއަކީ ވަޒީރަކަށް ނުވަތަ ވެރިޔަކަށް ނުވަތަ މުއައްސަސާއަކަށް ވިޔަސް އޮތް އިހުތިޔާރީ ކަމެއް ނޫން ކަމަށާއި އެއާ ހިލާފަށް އެއީ ދުސްތޫރީ އަދި ގާނޫނީ ވާޖިބެއް ކަމަށް ޑިމޮކްރެޓްސް ދެކެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް