އަންނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އެ ބަޖެޓުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޭން ހިމަނާފައިވަނީ 1.4 ބިލިއަން ރުފިޔާ އެވެ.
ގާނޫނުގައި ބަޖެޓުގެ 5 ޕަސެންޓް ދިނުމަށް ބުނާ އިރު، އެއީ ގާތްގަނޑަކަށް 2.8 ބިލިއަން ރުފިޔާއަށް ވާން ޖެހޭނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޕެޓް ކެއާ ފެސިލިޓީ ހުޅުވުމަށް ހުޅުމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަކީ ވައުދު ފުއްދާ ސަރުކާރެއް ކަމަށާއި ސަރުކާރުގެ އަމަލާއި ބަހާ ދިމާވާނެ ކަމަށެވެ. އަދި މި ސަރުކާރުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ކުރުމުގައި އަބަދުވެސް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުންވެސް ގާނޫނުގަ ލިޔެވިފަ އޮތަސް ލޯކަލް ކައުންސިލްތަކާ ހަވާލުނުކުރެވި ހުރި ގިނަ ކަންތައްތަކެއް ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭ އިއުލާނުކުރައްވާ އެކަންކަން ކައުންސިލްތަކާ ހަވާލުކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް ތަފުސީލަކަށް ވަޑައެއް ނުގައްނަވަ އެވެ.