ދިވެހިރާއްޖޭގައި ދުންފަތުގެ އަގުބޮޑު ކުރި ދުވަސްވަރާ ދިމާކޮށް، ބޮލީވުޑުގެ ސުޕަ ސްޓާ ޝާހުރުކް ހާން ދުންފަތުން ދުރުވެފައިވާކަން އިއުލާނުކޮށްފިއެވެ.

Advertisement
ނޮވެމްބަރު 2 ވަނަ ދުވަހު ބޭއްވުނު ޝާހުރުކް ހާންގެ 59 ވަނަ އުފަންދުވަހުގެ ހަފްލާގައި ޝާރުކް ހާން ވަނީ އޭނާ ސިނގިރެޓް ބުއިން މުޅިން ހުއްޓާލައިފައިވާ ކަމަށް ބުނެފަ އެވެ.
ޝާރުކް ހާން ޔުނިވާސް ނަމަކަށް ކިޔާ ފޭން ޕޭޖަކުން ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ޝާރުކް ހާން ވަނީ މިހާރު ސިނގިރެޓް ނުބުއިކަމަށް ބުނެފަ އެވެ.
"ރަނގަޅު ކަމެއް - އަހަރެން މިހާރު ސިނގިރެޓެއް ނުބޮއޭ، އެކުވެރިންނޭ،" ޝާރުކް ހާން ބުންޏެވެ. އޭނާ އިތުރަށް ބުނީ ސިނގިރެޓް ބުއިން ހުއްޓާލުމުން ނޭވާލާން ފަސޭހަވާނެ ކަމަށް އުންމީދުކުރި ނަމަވެސް، އަދިވެސް އެކަން ނުވާކަމަށެވެ. "އަހަރެން ހިތަށްއެރީ ނޭވާލާން އުނދަގޫ ނުވާނެ ކަމަށް، އެކަމަކު އަދިވެސް އުނދަގޫވޭ،" ޝާރުކް ހާން ބުންޏެވެ. ނަމަވެސް އޭނާ އުންމީދާއެކު ބުނީ އިރާދަކުރެއްވިއްޔާ އެކަންވެސް ރަނގަޅުވާނެ ކަމަށެވެ.
މީގެ އިތުރުން، ޝާރުކް ހާންގެ އުފަންދުވަހާ ގުޅިގެން އޭނާގެ ދަރިފުޅު ސުހާނާ އާއި އަންހެނުން ގައުރީ ވަނީ ސޯޝަލް މީޑިއާގައި ތަހުނިޔާ ފޮނުވާފަ އެވެ. ސުހާނާ ވަނީ ކުރީގެ އާއިލީ ފޮޓޯތަކެއް ޕޯސްޓްކޮށް، އުފަންދުވަހުގެ ތަހުނިޔާ ފޮނުވާފަ އެވެ.