ފުލުހުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއު (ބްލޫ ހައުސިން)ގެ އޮޑިޓް ރިޕޯޓުތައް ދިރާސާކުރަން މަޖިލީހުން އުފައްދާފައިވާ ޚާއްސަ ސަބް ކޮމިޓީގައި، ދާއޫދަށް ކުރެވޭ ތުހުމަތުތަކުގެ ވާހަކަދެއްކެވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ.
އޭނާ ވިދާޅުވީ 2023 ވަނަ އަހަރާއި 2024 ވަނަ އަހަރާ ދެމެދު އޭސީޕީ ދާއޫދުގެ އެކައުންޓަށް ގޮތް ނޭނގޭ ގިނަ އަދަދެއްގެ ފައިސާ ވަދެފައިވާ ކަމަށާއި އެ ފައިސާއިން 14.6 މިލިއަން ރުފިޔާގެ އެސެޓް އުފައްދާފައިވާ ކަމަށެވެ.
ނާޒިމް ވަނީ، އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓުގައި ވެސް ދާއޫދުގެ ނަން އޮތް ކަމަށް ވިދާޅުވެފަ އެވެ.
ނާޒިމްގެ މި ވާހަކަތަކާއި ގުޅިގެން ދާއޫދު ތަމްސީލުކުރާ ލޯކްރާފްޓު ލޯފާމުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ދާއޫދުގެ އެކައުންޓަށް ގޮތް ނޭނގޭ އެއްވެސް ފައިސާއެއް ވަދެފައި ނުވާނެ ކަމަށާއި ގާނޫނާ ހިލާފު އެއްވެސް މުއާމަލާތެއް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ދާއޫދު އެކައުންޓް މެދުވެރިކޮށް ހިނގާފައި ނުވާނެ ކަމަށެވެ.
އެމްއެމްޕީއާރްސީ އާ ގުޅޭ އެއްވެސް ފައިސާއެއް ދާއޫދަށް ލިބިފައި ނުވާކަން ދައުލަތުގެ ފަރާތުން ކުރިއަށް ގެންދިޔަ ތަހިގީގުތަކުންނާއި ތަހުގީގަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދީފައިވާ ބަޔާންތަކުން އެނގި ސާފުވާނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ އޮފިސަރަކާ ގުޅޭ ގޮތުން ނާޒިމް ހަގީގަތާ ހިލާފު ވާހަކަތަކެއް ދެއްކުމަކީ ރައްޔިތުންގެ މެދުގައި ތަންފީޒީ އިދާރާތަކާމެދު އޮންނަ އިތުބާރު ގެއްލިގެންދާނެ ކަމަކަށްވާތީ މިފަދަ ވާހަކަތައް ދެއްކުމުން ދުރުހެލިވުމަށް އިލްތިމާސްކުރާ ކަމަށް ދާއޫދުގެ ވަކީލުން ބުނެފައިވެ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ބޮޑެތި ތުހުމަތުތަކެއް އަމާޒުކޮށްފައިވާ ދާއޫދު އެސިސްޓެންޓް ކޮމިޝަނަރު ކަމަށް ޕްރޮމޯޓުކުރީ މި ސަރުކާރުގައި 17 ސެޕްޓެންބަރު 2024 ގައެވެ. އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްއަކީ ފުލުހުންގެ މުއައްސަސާއިން ޕްރޮމޯޝަން ލިބިގެން އާދެވޭ އެންމެ މަތީ މަގާމެވެ.
މީގެ ކުރިން ދާއޫދުވަނީ ފުލުހުންގެ ހެޑް އޮފް ރޯޑް ޕޮލިސްގެ މަގާމާއި ޑިޓެކްޓިވް އިންވެސްޓިގޭޝަން އޮފިސަރުގެ މަގާމު އަދައިކުރައްވައިފަ އެވެ. އަދި، ޑްރަގް އެންފޯސް ޑިޕާޓްމެންޓް (ޑީއީޑީ)ގެ ޑެޕިއުޓީ ހެޑުގެ މަގާމު ވެސް ދާއޫދު ވަނީ އަދައިކުރައްވައިފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދާއޫދަށް ކުރެވިފައިވާ ތުހުމަތުތަކާ ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވަނީސް އޭނާވަނީ ކުއްލި ޗުއްޓީއެއް މިއަދު ނަންގަވާފަ އެވެ. އަދި އޭނާ ޗުއްޓީ ނެގުމުން އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރައްވާނީ މިއަދުން ފެށިގެން، އަހުމަދު މުހައްމަދެވެ. އަހުމަދު މުހައްމަދަކީ ޕޮލިސް ބޯޑުން 2021 ވަނަ އަހަރު ނިންމި ނިންމުމަކާ ގުޅިގެން ވަޒީފާއިން ވަކިކޮށް އެކަމަކު ދާދި ފަހުން ފުލުހުންގެ ވަޒީފާ އަނބުރާ ދިން ބޭފުޅެކެވެ.