
ޓްރަމްޕް ވިދާޅުވީ އޮޓަމެޓިކް މެޝިންތައް ބޭނުންކޮށްގެން ވޯޓުލުމަކީ ނަތީޖާ އޮޅުވާލުމަށް ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި ހެކަރުން މެޝިންަތަކަށް ވަދެގަތުމަށް މަގުފަހިވާނެ ކަމެއް ކަމަށްވެސް ވިިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި އިލެކްޓްރޯނިކް ނިޒާމުތަކަކީ ގައުމުން ބޭރުގައި ތިބޭ ބަޔަކަށް ވަދެގަންނަން ފަސޭހަ ނިޒާމެކެވެ. އޭގެ ބަދަލުގައި ކަރުދާހުގައި ވޯޓުލާނަމަ، އެނެމެންގެ ކުރިމަތީގައި އެކަމެއް ހިނގައި ނިމިދާނެ އެވެ.
ރިޕަބްލިކަން ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕަށް ބައިއަތު ހިއްޕަވައިގެން ހުންނެވި އެމެރިކާގެ ވިޔަފާރިވެރިޔާ އީލޮން މަސްކު ވެސް މިފަހުން ވަނީ މެޝިނުން ވޯޓުލުމަކީ އިންތިހާބުގެ މިނިވަންކަން ގެއްލިދާނެ ކަމެއް ކަމަށް ބުނެފަ އެވެ.
މަސްކް ވިދާޅުވީ އޭނާ އަކީ ކޮމްޕިއުޓަރު ސައިންސަށް އަދި ކޮމްޕިއުޓަރު މެޝިންތައް އޮޓަމެޓިކްކުރަން މަސައްކަތްކުރައްވާ އަދި އެކަމަށް ހިތްވަރު ދެއްވާ މީހެއް ކަމަށެވެ.
ނަމަވެސް ރިޔާސީ އިންތިހާބުގެ މުހިއްމު ކަމަށް ބަލައި، ކަރުދާހުގައި ފާހަގަޖަހާ ގޮތަށް ވޯޓުލާން އިލެކްޝަން ކޮމިޝަނަށް ގޮވާލައްވާ ކަމަށެވެ.
މެޝިނުން ވޯޓުލުމުގައި ފަސޭހަތަކެއް ހުރި ކަމަށް މަސްކް ވިދާޅުވި އެވެ. ނަމަވެސް އާންމު ރައްޔިތުންނަށް އެ މީހުންގެ ހައްގުތައް ކަށަވަރުވުމަކީ އަދި ވަކިން މުހިއްމު ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބާއި ދިމާކޮށް ހެކަރުންގެ އުދަގޫ އަބަދުވެސް ފޯރަ އެވެ. އެގޮތުން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމަލާ ހެރިސްގެ ކެމްޕޭނާ ގުޅުންހުރި ފަރާތްތަކުގެ ފޯނުތަކަށް ޗައިނާގެ ހެކަރުން ހެކްކުރަން މަސައްކަތްކޮށްފައިވާކަމަށް މިފަހުން ވަނީ ހާމަވެފަ އެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހެރިސްގެ އިތުރުން ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް އަދި އޭނާގެ ރަނިން މޭޓް ޖޭޑީ ވާންސްގެ ފޯނުތަކަށް ވެސް މި ހެކަރުން އަމާޒުކޮށްފައިވެ އެވެ.
ވޯޓުލުމުގައި ބޭނުންކުރެވޭ މެޝިންތައް ކޮމްޕިއުޓަރު ނެޓްވޯކެއްގައި ހުރުމަކީ އެ މެޝިންތަކަށް ވަދެގަތުމަށް ހެކަރުންނަށް ފުރުސަތު ބޮޑު ކަމެއް ކަމަށް އިލެކްޓޯރަލް މާހިރުން ވިދާޅުވެ އެވެ.
ވާދަވެރި ކެމްޕެއިނަށް ފަހު އަންގާރަ ދުވަހު ވޯޓުލާން ފަށާއިރު، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން -- ކަމަލާ ހެރިސް (ޑިމޮކްރެޓިކް) އަދި ޑޮނަލްޑް ޓްރަމްޕް (ރިޕަބްލިކަން) އާ ދެމެދު މާ ބޮޑު ތަފާތެއް އޮތް ކަމަކަށް ޚިޔާލު ހޯދުމުގެ ވޯޓުތަކުން ނުދައްކަ އެވެ.
ނަމަވެސް، އާންމުގެ ތެރޭގައި މަގުބޫލީ ކަމަލާ ހެރިސް އެވެ. ނަމަވެސް، ކަމަލާގެ ކިބާގައި ޓްރަޕްގެ ހުރި ވަރުގެ ސިޔާސީ ގާބިލުކަން ނެތުމަކީ ފަހަރެއްގައި ކަމަލާއަށް ވޯޓުން ތަފާތު ފެނިވަޑައިގެންފާނެ ކަމެކެވެ.