ޑރ. ޝަޒްރާ އަދި ޝާދިޔާގެ މައްޗަށް ދެ ދައުވާއެއް އުފުލައިފި
އަލީ މިދުހަތު
05 ނޮވެންބަރ 2024 - 23:38:19
ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި މުޒާހަރާކުރަމުންދަނިކޮށް ހައްޔަރުކުރި އާއިޝަތު ޝާދިޔާއާއި ޑރ. ޝަޒްރާ އިބްރާހީމްގެ މައްޗަށް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ން ދެ ދައުވާއެއް ކޮށްފި އެވެ.
އެ ދެ މީހުން ހައްޔަރުކުރީ އިސްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އެމްބަސީތަކުގެ ކައިރީގައި އަޑުއުފުލަމުން ދަނިކޮށް އޮގަސްޓް މަހުގެ 28ވަނަ ދުވަ ހެވެ. އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ގަވައިދާ ހިލާފަށް ނެރުނު އަމުރެއްކަމަށް ކަނޑައަޅައި، އެ އަމުރު ހައިކޯޓުން ބާތިލް ކުރީ މިދިޔަ އޮކްޓޫބަރުމަހުގެ އަށްވަނަ ދުވަހުގަ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު އަބްދުލްމާނިއު ހުސައިނެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުޒައިފާ އެވެ.
ޕީޖީ އޮފީހުން ޝަޒްރާ އަދި ޝާދިޔާގެ މައްޗަށް އުފުލި ދެ ދައުވާ:
- ގާނޫނުލްއުގޫބާތުގެ 533 ވަަނަ މާއްދާގެ ދަށުން - ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ (އަސާސީ އަދަބު: ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން).
- ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ ދަށުން - އާންމު ތަނެއްގައި ހުރި މީހަކު، އެ މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން، ނުވަތަ ބިރު ހީވާނެކަން އެނގިހުރެ، އެކަށީގެން ނުވާ ވަރަށް އަޑުގަދަކުރުމުގެ ކުށުގެ ދައުވާ. (އަސާސީ އަދަބު: އެއް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން).
ޝަޒްރާ އާއި ޝާދިޔާގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވެއްޖެނަމަ، ދެ މީހުންގެ މައްޗަށް ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް