މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު އަވަހާރަކޮށްލަން ހަމަލާ ދިން ކަމަށް ފުލުހުން ތުހުމަތު ކުރި އިބްރާހިމް އަބްދުﷲ (ގައްބަރޭ) މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކުރީ، ކްރިމިނަލް ކޯޓުން ބުދަ ދުވަހު އެވެ.
ނުރައްކާތެރި ހަތިޔާރަކުން މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު އަވަހާރަކޮށްލަން އުޅުނުކަމަށް ތުހުމަތުކުރެވިގެން ގައްބަރޭ ގިނަ ދުވަސްތަކެއް ވަންދެން ހައްޔަރުކޮށްފައިވެސް ހުއްޓެވެ. އެ މައްސަލަ ހައިކޯޓާއި ސުޕްރީމް ކޯޓާ ހަމައަށްވެސް ދިޔައެވެ.
ޒަރީރަށް ހަމަލާދިން މައްސަލައިގައި ދައުވާ ކުރީ ނުރައްކާތެރި ހާނިއްކައެއް ލިބޭ ގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އެވެ. މި މައްސަލައިގައި އިތުރު ދެ މީހެއްގެ މައްޗަށް އެކަމުގައި ބައިވެރިވެފައިވާތީވެސް ދައުވާ ކުރިއެވެ. ގައްބަރޭ މައްސަލައިގައި ކުށް ސާބިތުނުވާ ކަމަށް ހުކުމް ކުރީ އިސްގާޒީ އާދަމް މުހައްމަދެވެ.
މަޖިލީސް މެންބަރު ޒަރީރަށް ހަމަލާދިން މައްސަލައިގައި ގައްބަރޭ ހައްޔަރުކުރީ އޭނާ ފިލައިގެން އުޅުމަށް ފަހު އަމިއްލައަށް ފުލުސް އޮފީހަށް ދިޔުމުންނެވެ.
ގައްބަރޭ ހައްޔަރު ކޮށްފައި ވަނީ ގްރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކުރުމަށްޓަކައި ކަމަށް ފުލުހުން ބުނި ނަމަވެސް ކުރެވޭ ތުހުމަތުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.