ads
މެންބަރު މީކައިލް ނަސީމް
2025 އަށް ރައްޔިތުން މިދަނީ ކަނު އަނދިރީގައި: މީކާއިލް
ސަރުކާރުން އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި ރައްޔިތުންނަށް ބޭނުންވާ އެއްވެސް މައުލޫމާތެއް ނެތްކަމަށް ބުނެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ފާޑުކިޔައިފި އެވެ.
Advertisement

މަޖިލީހުގައި މިއަދު ބަޖެޓު ބަހުސްގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ ސަބްސިޑީތައް ކުއްލިއަކަށް ކަނޑާލަން ނިންމާފައިވާއިރު، އެކަމަށް އެއްވެސް ރޭވުމެއް ނެތް ކަމަށެވެ. އަދި ޓާގެޓެޑް ސަބްސިޑީ ދޭނެ ފަރާތްތައް ކަނޑައަޅާނެ ދަފްތަރެއް ވެސް ސަރުކާރުން އެކުލަވާލާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކަރަންޓާއި ކާބޯތަކެތިން ސަބްސިޑީ ކަނޑާލާއިރު، ޑައިރެކްޓް ސަބްސިޑީ ދޭނީ ކޮން ބަޔަކަށްކަން ރައްޔިތުންނަކަށް ނޭނގޭ. 2025 ވަނަ އަހަރަށް ރައްޔިތުން މިދަނީ ކަނު އަނދިރީގައި ތިބެގެން،" މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ މި އަހަރު ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓު ކުރި 12 ބިލިއަން ރުފިޔާ ހޭދަކުރި ގޮތުގެ އެއްވެސް ތަފްސީލެއް ސަރުކާރުން ހާމަކޮށްފައި ނުވާ ކަމަށެވެ. އަދި އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ގެއްލުވާލާ ބަޖެޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސަބްސިޑީ ނިޒާމަށް އަންނަނީ ކޮން ބަދަލެއް؟

ސަރުކާރުން މިހާރު ދެމުން އަންނަ އިންޑައިރެކްޓް ސަބްސިޑީތައް އުވާލުމަށްފަހު، އެންމެ ފަގީރު 20 ޕަސަންޓު ގޭބިސީތަކަށް ކޮންމެ މަހަކު 2،450 ރުފިޔާ ދޭން ފަށާނެކަން ފިނޭންސް މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިހާރު ދެމުން އަންނަ ކަރަންޓު، ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ތެޔޮ، ކާޑު އަދި ނަރުދަމާގެ ހިދުމަތަށް ދެމުން އަންނަ ސަބްސިޑީތައް އުވާލުމަށްފަހު، އެ ފައިސާ ސީދާ ގޭބިސީތަކުގެ އެކައުންޓަށް ޖަމާކުރާ ގޮތަށް ހަމަޖެހިގެންދާނެ ކަމަށެވެ.

މި ބަދަލާ އެކު އެންމެ ފަގީރު 20 ޕަސަންޓު ގޭބިސީތަކުގެ ހަރަދު މަހަކު އެވްރެޖްކޮށް 1،770 ރުފިޔާއިން އިތުރުވެގެންދާނެ ކަމަށް އަންދާޒާކުރެވުނު ނަމަވެސް، ކޭޝް ޓްރާންސްފާގެ ގޮތުގައި އެ ގޭބިސީތަކަށް މަހަކު އެވްރެޖްކޮށް 2،450 ރުފިޔާ ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ސަބްސިޑީ ލިބޭ ގޭބިސީތައް ކަނޑައަޅާނީ އެ ގޭބިސީއަކަށް ލިބޭ އާމްދަނީއަށް ބިނާކޮށް ނުވަތަ ޕްރޮކްސީ މިންސް ޓެސްޓް (ޕީއެމްޓީ) މޮޑެލްއެއް ބޭނުންކޮށްގެން ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އަދި މި ނިޒާމުގެ ދަށުން އަންނަ އަހަރު 900 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި މި ނިޒާމު ތަންފީޒުކުރަން ފަށާނީ އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް