ads
ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީ
ހަސަން ސަސްޕެންޑްކޮށްފައި ހުންނަތާ ހަތް މަސް- މައްސަލައިގެ ކޮޅެއް މެދެއްވެސް ނޭނގޭ
ޖުޑީޝަލް ސަރވިސް ކޮމިޝަނުން، ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީ ސަސްޕެންޑްކޮށްފައި ހުންނަތާ ހަތް މަސް ވެއްޖެއެވެ. ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީ ސަސްޕެންޑްކޮށްފައިވަނީ 2019 އަހަރުގެ ސެޕްޓެމްބަރު މަހުގެ ސޯޅަ ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން ސަސްޕެންޝަނަށް ހަތް މަސް ދުވަހަށް ވުރެ އިތުރު ވެގެން ދިޔައިރުވެސް މައްސަލައިގެ ކޮޅެއް މެދެއްވެސް ނުފެނެއެވެ.

ފަނޑިޔާރު ހަސަން އަލީ ސަސްޕެންޑްކޮށްފައިވަނީ، ވަގަށް ނެގުމަށް ފަހު މަރާލާފައިވާ ކަމަށް ބުނާ ނޫސްވެރިޔާ އަހުމަދު ރިލްވާން ރާއްޖޭން ބޭރަށް ގޮސް ހަނގުރާމައެއްގައި އުޅެނިކޮށް މަރުވެފައިވާކަން ދައްކަން އުޅުނު ކަމަށް ތުހުމަތުކުރާ މައްސަލަގައެވެ. ހަސަން ސަސްޕެންޑްކޮށްފައި ހުންނަތާ ހަތް މަސްވީއިރުވެސް މި މައްސަލައިގާ ޖޭއެސްސީން އަދި މިހާތަނަށް އެއްވެސް ގޮތެއް ނިންމާފައެއް ނުވެއެވެ. ސަސްޕެންޝަންގައި ހަސަން އަލީ ހުންނެވިއަސް އޭނާއަށް ބަރާބަރަށް ދައުލަތުން މުސާރަ ދެއެވެ. މާނައަކީ، މިދިޔަ ހަތް މަސް ދުވަހުގެ ތެރޭގައި ބައި މިލިއަނެއްހާ ރުފިޔާ މުސާރައިގެ ގޮތުގައި ދައުލަތުން ހަސަނަށް ދީފައިވުމެވެ.

ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީ ސަސްޕެންޑްކޮށް ގިނަ ދުވަސްތަކެއް ވެފައިވާއިރު، އަދިވެސް ޖޭއެސްސީން އެކަމުގައި ވަކިގޮތެއް ނިންމާފައި ނުވާއިރު، ޖޭއެސްސީގެ މަސައްކަތަކަށް ވެރިކަންކުރާ އެމްޑީޕީގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ. މީގެ ކުޑަ ދުވަސްކޮޅެއް ކުރިންވެސް، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި އެމްޑީޕީގެ ޗެއަރޕަސަން އަދި ރައްޔިތުންގެ މަޖިލީގުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުވަނީ ޖޭއެސްސީއަށް ފާޑު ވިދާޅުވެފައެވެ.

"ޖުޑީޝަލް ސާވިސް ކޮމިޝަނަށް ދަންނަވަން ކިހިނެތްތޯ ތި ހައްދަވަނީ ތިތާނގައި ތިއްބަވައިގެން. ސުޕްރީމް ކޯޓުން އަމުރުތަކާއި އެއްޗެހި ނެރެގެން، އިރުޝާދުތަކާ އެއްޗެހި ނެރެގެން ސާކިއުލާއެއްގެ ގޮތުގައި ހުރިހާ ކޯޓަކަށް ނުފޫޒު ފޯރުވަމުން ދާއިރު އެ ބޭފުޅުން އެ ތާނގައި އެ ތިއްބަވަނީ ކީއްކުރަންތޯ؟،"

ހައިކޯޓުގެ ފަނޑިޔާރު ހަސަން ސަސްޕެންޑް ކުރި އިރު ޖޭއެސްސީން ބުނީ ރިލްވާން ރާއްޖެ އިން ބޭރަށް ފުރާފައިވާކަން ދެއްކުމަށްޓަކައި އިންޓެލިޖެންސްގެ ދެ ފުލުހަކާ ގުޅިގެން، އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި ހަސަން އަލީ ހުންނެވި އިރު މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ، މަރާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން ތަހުގީގުކުރަމުން އަންނަކަން އަންގާފައިވާ ކަމަށެވެ. އެހެންވެ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމަށާއި ވަޒީފާއަށް ނުނިކުމެ މަޑުކުރަން އެންގުމަށް، އެ ކޮމިޝަނުން ނިންމި ކަމަށް ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހު ޖޭއެސްސީން ބުންޏެވެ. 

ހަސަން ސަސްޕެންޑްކޮށްފައި ހުންނަތީ އެ މައްސަލަ ނިންމައިދިނުމަށް އެދި ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު އުސްމާނު ވަނީ ޖޭއެސްސީގައި އެދިފައެވެ. ހަސަނުގެ މައްސަލަ އަވަހަށް ނިންމައިދިނުމަށް ޝުޖާޢު ޖޭއެސްސީގައި އެދުނު އިރު ޝުޖާޢުގެ ގިނަ މައްސަލަތަކެއްވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އޭގެ ތޭރެގައި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ރައީސް ޔާމީންއާ އެކު ޝުޖާޢު ހަރަކާތްތެރިވި މައްސަލަވައެއް ހިމެނޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފަނޑިޔާރުންނާއި ގުޅޭ ގިނަ މައްސަލަތަކެއް ޖޭއެސްސީގައި ހުއްޓިފައި އެބަހުއްޓެވެ. ސަސްޕެންޑްކޮށްފައިވާ ފަނޑިޔާރު ހަސަންގެ މައްސަލައިގެ އިތުރުން ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު އުސްމާނުގެ ވެސް ގިނަ މައްސަލަތަކެއް ޖޭއެސްސީން ބަލަމުން އައި ނަމަވެސް މިހާތަނަށް އެއިން އެއްވެސް މައްސަލައަކާއި މެދު ގޮތެއް ނިންމާފައެއް ނުވެއެވެ. ޖޭއެސްސީން އެކަމަކު މިއަދުވަނީ ކްރިމިނަލް ކޯޓުގެ ޤާޟީ ހަސަން ނަޖީބު ސަސްޕެންޑްކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް