ރައީސް ސާލިހް މިހެން ވިދާޅުވީ ބޮޑު ދެ އިންތިހާބުން ބަލިވުމަށްފަހު ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި އެކު ފުރަތަމަ ފަހަރަށް މިރޭ އާޓިފިޝަލް ބީޗްގައި ބެއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
ސަރުކާރަށް ފާޑު ވިދާޅުވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ މި ސަރުކާރަކީ ސިއްރު ދޮގުވެރި ސަރުކާރެއްކަމަށެވެ. އަދި މި ވެރިކަމަށް އަންނަކުރި ވައުދުތަކާއި ސަރުކާރުން ހިލާފުވެފައިވާކަމަށް ސާލިހް ވިދާޅުވިއެވެ.
އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ މިނިވަން މުވައްސާތަކުގެ ވެރިން އައްޔަންކުރުމުގެ ބާރު ރައީސަށް ލިބޭގޮތަށް ހަދަން ސަރުކާރުން މަސައްކަތް ކުރަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބު އޮޅުވާލާ ފޭރިގަންނަންކަމަށެވެ. އަދި ބާރުތައް ދޫކޮށްލުމަކީ ހުދުމހުތާރު ވެރިންނަށް ދަތިކަމެއްކަމަށްވެސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވިއެވެ.
މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.