"އޯކޭ.. އޯކޭ.. އަހަރެން ވަރަށް ލޯބިވޭ ކިއާރާދެކެ..! އެކަމަކު ކިއާރާ އަހާންދެކެ ލޯބިވާ މިންވަރާއި ގާތަށްވެސް އަހަންނަށް ކިއާރާދެކެ ލޯބިވެވިފައެއް ނެތް.. އަދި އަހާން ކިއާރާދެކެ ތިވާ ލޯތްބާއި ގާތަށްވެސް އަހަރެންނަށް ލޯތްބެއް ނުވެވޭނެ" ޝިމާން ބުނެލީ ފުން ނޭވާއެއް ލަމުންނެވެ.
"ދުނިޔޭގައި އަހަރުމެން ލޯބިވާ މީހަކު، އަހަރުމެންނާއި އެއްވަރަށް ލޯބިދިނުމަކަށް މަޖުބޫރެއް ނުކުރެވޭނެ.. އެކަމަށް އެދި އާދޭސްކުރިޔަސް ކާމިޔާބެއްވެސް ނުވާނެ.. މި ދިރިއުޅުމުގައި އަހަރެން ކުރި ހޯދިޔަސް އަހަރުމެން ތިން މީހުންކުރެ އެކަކަށްވެސް އުފާވެރިކަމެއް ނުލިބޭނެ..! ކިއާރާއަށް އަހާން ނޫން މީހަކުދެކެ ލޯތްބެއް ނުވެވޭނެ.. ކައިވެންޏަކީ، 'ހާސިލްވާނެ ކަމަށް' ގަބޫލުކޮށްގެން ލޯތްބަށް ސަލާމްޖެހުމެއް ނޫން.. ކިއާރާއަކީ ކޮންމެ ފިރިހެނަކު ހިތްއެދޭނެފަދަ ހުރިހައި ސިފައެއް ލިބިގެންވާ މާތް އަންހެން ކުއްޖެއް.. އަހަރެންގެ ނަސީބުގައި އެފަދަ އުފަލެއް މާތް ﷲ މިންވަރުކުރައްވާފައި ނުވަނީކަމަށްވެސް ވެދާނެ.. އަނބިގަބޫލުކުރުމުގެ އިންޗިއެއްހާ ގާތްވެފައި، އެ ނަސީބު އަހަރެންގެ ކިބައިން ބީވެގެން އެދިޔައީ އަހަރެންގެ ތަގުދީރުގައި ކިއާރާ ލިބެން ނެތީމައި.. އަހާންގެ ހަޔާތުގައި މިހާތަނަށް ލިބިފައި ނެތް އުފަލާ ލޯތްބަކީ ކިއާރާ..! އެކުވެރިޔާ.. ފިނޑިޔަކަށް ނުވޭ..!! ގޯ އެންޑް މީޓް ޔޯ ބޭބީ ގަރލް..! ޔޫ ބޯތް ނީޑް ޓު ޓޯކް..!"
އަހާންގެ ކޮނޑުގައި ދެތިންފަހަރަކު ޖަހާލާފައި ކިއާރާގެ ކޮޓަރިއާއި ދިމާއަށް މަޑުމަޑުން ޝިމާން ކޮށްޕާލި އއެވެ. ނަމަވެސް ކޮޓަރިއާއި ދިމާއަށް މިސްރާބުޖެހުމުގެ ބަދަލުގައި އެކުވެރިޔާގެ މުލައްދަނޑީގައި ހިފާފައި ގެނެސް އަހާންގެ އަތުގެ ތެރޭގައި ފިއްތާލި އެވެ.
"މާބޮޑަށް އަހަރެން ރޮއްވަން ނޫޅޭ.. މިތަނުން ރީތިކުއްޖަކު ފެނުނަސް މަށަށް ކުރާނީ މަލާމާތް.. ދެ ފިރިހެނުން ބައްދަބައްދާފަ ރޮނީއޭ ކިޔާފައި ލިބެން އޮތް މިންވަރުވެސް މަށަށް ގެއްލޭނީ.." ދެމީހުން އެކުގައި ކަރުނަ ފޮހެލަމުން ބާރުގަދަ ހިނިގަނޑެއް ޖަހައިލި އެވެ.
"ހަނދާންކުރާތި، ދެން ދުވަހަކުވެސް ކިއާރާ ނުރޮއްވާތި.. އެދުވަހަކުން އަހާން ފެންނަ ހިސާބބަށްވެސް ނުގެނެސް ކިއާރާ ގޮވައިގެން އަހަރެން ފިލާނީ.." އެއް ލޯ މަރައިލަމުން ޝިމާން ބުންޏެވެ.
...........
ކިއާރާ ބާއްވާފައި އޮތް ޕްރައިވެޓް ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވާލާފައި އަހާން އެތެރެއަށް ވަނެވެ. ބޭރުން ފެންނަމުންދިޔަ ބަގީޗާ ގަސްތަކަށް ބަލަހައްޓައިގެން ކިއާރާ އިނީ ދޮރާއި ދިމާއަށް ފުރަގަސްދީގެންނެވެ.
"ކިއާރާ.." ވަރަށް މަޑުމަޑުން އަހާން ގޮވާލި އެވެ. ނަމަވެސް އެ އަޑުއިވޭކަމުގެ އެއްވެސް އިޝާރާތެއް ކިއާރާގެ ކިބައިން ނުފެނުނެވެ.
މަޑުމަޑުން ހިނގާލާފައި ގޮސް ކިއާރާއާއި ދާދި ގާތުގައި، ހަމަ އެ އެނދުގައި އަހާން އިށީނެވެ.
"ކި އާ... ކި އާ ރާ.." ވަރަށް ލޯތްބާއެކު އެހެނަސް، ޖެހިލުންވެހުރެ އަހާން ގޮވައިލި އެވެ. ހިމޭންކަން ނޫނީ ކިއާރާގެ ކިބައިން ނުލިބުނެވެ. އަހާންގެ ސަމާލުކަން ހުއްޓުނީ ކިއާރާގެ އަތުގައި އޮޅާފައިވާ ބެންޑޭޖްއަށެވެ. މަޑުމަޑުން ފިރުމާލާފައި ކިއާރާގެ އަތް ނަގައި އަހާންގެ އަތުގެ ތެރޭގައި ބާއްވާލިއެވެ.
"މިހާވަރުގެ ނުރައްކާކަމެއް ކިއާރާ ތި ކޮށްލީ ކީއްވެ..؟ މިހަށީން ފުރާނަ ބީވެގެން ދިޔަހެން ހީވި ކިތަންމެ ވަގުތެއް ތަހަންމަލް ކުރިގޮތް ކިއާރާއަށް އިހްސާސްވޭތަ..؟" ވަކިވަކީން ކިއާރާގެ އިނގިލިތަކުގައި ފިރުމާލަމުން އަހާން ވާހަކަދެއްކީ ލޯތްބާއެކު އއެވެ.
"ސޮރީ..! އަހަރެންގެ ސަބަބުން އަހާންއަށް އެއްވެސް އުނދަގުލެއް ވާކަށް ބޭނުމެއްނުވޭ.. އެހެންވެ އެނޫން ވިސްނުމެއް ނައ.." ކިއާރާ އިސްޖަހައިގެން އިނދެ ބުންޏެވެ.
"ވަޓް..!!!"
"އަހާންއާއި އަހަރެން ވަކިކުރާނަމަ، އަހަރެން ބޭނުންވީ ދުވަހަކުވެސް ދެން ބައްދަލުނުވާނެ ވަކިވުމަކުން އަލްވވަދާއުކިޔަން.. އެކަމަކު އަހަރެންގެ ނަސީބު ދެކިބަލަ..! އަނެއްކާވެސް މި ތިބީ ދިމާވެފައި.. އަހާން އެހެން ދިރިއުޅުމެއްގައި އުޅޭތަން ބަލާކަށް އަހަންނަށް ފަސޭހައެއް ނުވާނެ.. އެމަންޒަރު ބަލާކަށް ބޭނުމެއްވެސް ނޫން" ކިއާރާ ގިސްލަމުން ބުންޏެވެ. އިތުރު ވާހަކަ ދައްކަން ކިއާރާ ބޭނުންވާކަން އިނގޭތީ އަހާން އެއްޗެއް ނުބުނެ ހިތްވަރުކުރި އެވެ.
"އަހާން ކަންބޮޑުވާކަށް ނުޖެހޭނެ.. އަހަރެން ގަސްދުކުރަނީ ވަރަށް ދުރަށް ދާން.. އަހާންއަށް އުނދަގޫކުރަން އަހާން ފެންނަ ހިސާބުގައިވެސް ނުހުންނާނަން.." ކިއާރާގެ ގިސްލުމަށް ބަދަލެއް ނައެވެ.
"ކީކޭ..؟ އުނދަގޫކުރަން؟ ކިއާރާގެ ފަރާތުން އަހަންނަށް އުނދަގުލެއް ވާނެތަ..؟ ނޯ ނޯ ޕްލިޒް ކިއާރާ.. އައި އެމް ރިއަލީ ވެރީ ސޮރީ..! އަހަންނަށް ހެދިފައިމިވަނީ މައާފް ނުލިބޭފަދަ ބޮޑު މިސްޓޭކެއް.. ކިއާރާގެ ލޯބި ދެނެގަންނާން ނޭގުނީ އަހަންނަށް.. މީގަ އަހަރެންގެ ކުށަކީ ކޮބާ..؟ ދުވަހަކުވެސް އަހަރެން ދެކެ އެއްވެސް މީހަކު ހަގީގީ ލޯބި ވެފައެއް ނެތް.. ދެން ކިއާރާގެ އެފަދަ އިޝާރާތްތަކެއް ނުވަތަ އެފަދަ ބާރުގަދަ އިހްސާސްތަކެއް އަހަރެން ތަރުޖަމާކުރާނެ ގޮތެއް ކިއާރާ ބުނެދީބަލަ..!" އަހާންގެ ދިފާއު އޭނާ ހޯދި އެވެ.
ތަފާތު ނަޒަރަކުން އަހާންއާއި ދިމާއަށް ކިއާރަ ބަލައިލި އެވެ.
"ލޯބި..!! ކޮން ލޯތްބެއް..؟؟؟ އަހަރެން އަހާންދެކެ އެއްވެސް ލޯތްބެއް ނުވޭ.. ތިއީ އަހާންއަށް ހީވާގޮތް..! ހާސްވެފައި، ވަރަށް އަވަސްއަވަހަށް ކިއާރާ ބުނެލި އެވެ.
ލޯތި ގޮތަކަށް އަހާން ހީލުމުން ކިއާރާ ހައިރާންވި އެވެ.
"ކީއްވެ ތި ހެނީ..؟ މިއީ މަޖަލަކަށް ބުނި އެއްޗެއް ނޫން.. އަހަރެން ބޭނުމީ އަހާންއަށް ދުވަހަކުވެސް ނުފެންނަ ހިސާބަށް ވަރަށް ދުރަށް ދާން..! ކިއާރާގެ ރުއިމުގެ ސަބަބުން ނޭފަތާއި ދެ ކޯ ރަތްވެއްޖެ އެވެ.
"އައި އެމް ސޮރީ.. ވެރީ ސޮރީ.. އަހަރެންގެ މޮޔަކަމުން ކަންކަން މިހިސާބަށް މި ދިޔައީ.. ދެން ނުރޮއި ހުއްޓާލާ..!" ލޯތްބާއެކު ކިއާރާގެ ކަރުނަ ފޮހެލައިދިނީ އަހާން އެވެ.
ކިއާރާގެ ކޯތާފަތުގައި އަތް ބާއްވާލާފައި ނިއްކުރީގައި އަހާންގެ ތުންފަތް ޖައްސައި ބާރުކޮށްލި އެވެ. ދެމީހުންގެ ނިއްކުރި ޖައްސާލާފައި އަހާން ލޯމަރައިލި އެވެ. އިހްތިޔާރަކާއި ނުލައި ކިއާރާގެ އެސްފިޔަތައްލެއްޕިގެން ދިޔައީ ހަމަހިމޭންކަމާއެކު އެވެ.
"އައި ޑޯންޓް ވޯންޓް ލޫޒް ޔޫ.." ވަރަށް މަޑުމަޑުން އަހާން ބުނެލި އެވެ. ހަމަ އެވަގުތު އަހާންއާއި ދުރަށް ކިއއާރާ ޖެހިލުމުން އަހާން ހައިރާންވި އެވެ.
"ބަޓް ޔޫ ޑޯންޓް ވޯންޓް ކީޕް މީ އެއިދަރ.. ޑޫ ޔޫ..؟" ވަގުތުން ކިއާރާ ސުވާލުކޮށްލި އެވެ. އަހާންގެ މުޅި ހަނށިގަނޑު ހަރުވެ، ގަނޑުވެއްޖެ އެވެ. ނުރުހުމާއި ޝަކުވާ އަދި ހިތްދަތިކަމުން ކިއާރާގެ ދެ ލޯ ވަށްކޮށްލި އެވެ.
"މީގެ ދެ ދުވަސްކުރިން ތި ސުވާލު ކުރިމަތިކުރިނަމަ އަހަރެން ޖަވާބެއް ނުދިނީސް.. އެކަމަކު ނޮޓް ޓު ޑޭ..! މިއަދު ކޮންމެ ސުވާލެއްގެ ޖަވާބަށް އަހަރެން ތައްޔާރު!" ކިއާރާގެ އަތުގައި އަހާން ފިރުމާލި އެވެ.
"އަހަރެން ކިއާރާ ބޭނުން..! އިންތިހާއަށް ބޭނުން.. އަހަރެންގެ އެންމެ ގާތުގައި ކިއާރާ ބަހަށްޓައިގެން އަހަރރެންގެ މި ކަޅު އަނދިރި ދިރިއުޅުން އަލިކޮށް އުޖާލާކުރަން އަހަރެން ބޭނުން..!" ޔަގީންކަމާއެކު އަހާން ބުންޏެވެ.
ކިއާރާގެ ދެ ލޯ މަރައިލިވަގުތު ފޯނެއްގެ ރިންގު އަޑަށް ދެމީހުން ދިޔައީ ސިއްސައިގެންނެވެ. ޝިމާން ހުރީ ކޮޓަރީގެ ދޮރުން އެތެރޭގަ އެވެ. ދޮރު ހުރީ ލެއްޕިފަ އެވެ. ދެކެވުނު ވާހަކަތައް އަލުން ޝިމާއަށް ކިޔައިދޭން ނުޖެހޭކަން އަހާންއަށް ވިސްނުނެވެ.
"ހެލޯ ސަރ... ކިއާރާއާއި އަހާންގެ ވަރީގެ ސެޓްފިކެޓް ލިބިފައި އޮތީ... ސަރގެ މޭޒުމަތީގައި ބައްވާފައ އޮންނާނެ..!" ޝިމާންގެ ސެކްރެޓަރީ ބުންޏެވެ.
"އޭގެ އެއްވެސް ބޭނުމެއް ނެތް މިހާރަކު.. އޭތި ވީދާލާފައި ކުދިކުދިކޮށްލާފައި ޑަސްބިންއަށްލާ..! ގާޒީއަށް ގުޅާފައި ބުނޭ އަހަރެން ބުންޏޭ، އެކަމުގެ ހުރިހައި ރެކޯޑެއް ކްލީން ކޮށްލާށޭ.." ފޯނުން އިތުރަށް ދެއްކި ވާހަކައެއް އަޑުއެހުމެއްނެތި ޝިމާން ފޯނު ކަނޑާލި އެވެ.
އެނދުމަތީގައި ގާތްގޮތަކަށް ބަލަހައްޓައިގެން ތިބި ދެމީހުންނަށް ބަލައިލާފައި އެއްވެސް އެއްޗެއް ނުބުނެ ޝިމާން ނިކުމެގެން ހިގައްޖެ އެވެ.
............
މާލޭގެ ހަލަބޮލި މަގުތަށް ތޮއްޖެހި އެންމެ ބާރުބޮޑު އެއް ވަގުތެވެ. އޮފީސް ނިމިގެން މިގަޑީގައި ގެއަށް އައުމމަކީ އަހާން ފަރިތަވެފައިވާ ކަމެއް ނޫނެވެ. ނަމަވެސް ކިއާރާގެ ހައްގުގައި ކޮންމެ ކަމެއްކުރާންވެސް އަހާން މިހާރު ތައްޔާރެވެ.
އިވެމުންދިޔަ ބަރުގޮނުގެ އަޑާއި ގުޑާނުލައި އޮތް ވެހިކަލްތަކުގެ މެދުގައި ތާށިވެފައި އިންނާން ޖެހުމުން އަހހާންގެ ކޯ ކަށިގަނޑުން މިހާރު ވިންދުޖަހަން ފަށައިފި އެވެ. ނަމަވެސް އިންޗިއެއްވެސް ކާރު ކުރިއަށް ޖެއްސޭނީ އޮފީސްތައް ނިމިގެން ތެޅިފޮޅޭ މީހުންނާއި ސްކޫލްތަކުން ނިމިގެން ނިކުންނަ ކުދިންތަކާއި ބެލެނިވެރިންގެ ހަރަކާތްތައް އަވަސްވެގެންނެވެ.
"ޑްރއިވަރ އަންކަލް... ދެން މިމަގަށް ނުވަންނާތި.." ފޫހިކަމާއެކު އަހާން ބުންޏެވެ.
"މާލޭގެ ހުރިހައި މަގެއްވެސް މިގަޑީގައި މިފަދަ.." ޑްރައިވަރ އަދަބުވެރިކަމާއެކު ބުންޏެވެ.
ފަހަތު ސީޓުގައި ބޮލުން ދެފަހަރަކު ޖަހާލާފައި އަހާން ލޯ މަރައިލި އެވެ.
................
ހޮސްޕިޓަލުން ގެއަށްއައިފަހުން ހަތް ދުވަސް ފާއިތުވީ އެވެ. ކޮންމެހެން ނިކުންނާން ޖެހިގެން ނޫނީ ކިއާރާ ކޮޓަރިން ނުނިކުމެ އެވެ. އަހާންއާއި ވާހަކަ ދައްކަނީ، ބުނާއެއްޗަކަށް ޖަވާބު ދޭން ޖެހިއްޖެނަމަ އެވެ. ދެމީހުން ދެމެދުގައިވާ ދުރުކަމަކީ އަހާންއަށް ވޭނަކަށްވިޔަސް އެކަމާއި ސުވާލުކުރާން ޖެހިލުންވަނީ އެވެ.
އަހާން އޮފީހުން އައިސް ގެއަށް ވަންވަގުތު ލޮލުގައި އަޅާއިގަތީ ކޮފީޓޭބަލް މަތީގައި އޮތް ސިޓީ އުރަ އެވެ. އެޑްރެސްކޮށްފައިވަނީ ކިއާރާއަށް ކަމަށްވާތީ، އެ ހިފައިގެން ގޮސް ކިއާރާގެ ދޮރުގައި ޓަކި ޖަހައިލި އެވެ. ދޮރުހުޅުވާލުމާއެކު އަހާން ދިއްކޮށްލީ ސިޓީއުރަ އެވެ.
"މިއީ ކޯންޗެއް ކިއާރާ..؟" އަހާން ސުވާލުކުރީ ސީރިއަސް ކަމާއެކު އެވެ.
"އަހަރެން ވަޒީފާއަކަށް ކުރިމަތިލައިގެން އެ ކުންފުނީގެ ޖަވާބު ތިޔައީ.. ވަޒީފާ އަހަންނަށް ލިބިއްޖެ! އާދިއްތަ ދުވަހުން އޮފީހަށް ނިކުންނާން އަންގާފައި އޮތް ލިޔުން ތިއީ.." ކިއާރާގެ ވާހަކަ އެއްރާގަކަށް އަމުނާލި އެވެ.
"ވަޒީފާއެއް..؟ އެއްވެސް ކުއްފުންޏެއްގެ އެއްވެސް ވަޒީފާއަކަށް ކިއާރާއަކަށް ނުދެވޭނެ.." ހަރުއަޑުން އަހާން ބުނެލި އެވެ.
"ކީއްވެ..؟" މޭދަށުގައި ހަށަންބަނދެލަމުން ކިއާރާ ސުވާލުކޮށްލި އެވެ.
"ކީއްވެހޭ..؟ އަދިވެސް ކިއާރާ މުޅިން ރަގަޅެއް ނުވޭ.. ދީފައި ހުރީ ބޭސް ހުސް ނުވޭ! ކިއާރާ ވަޒީފާ އަދާކުރަންޖެހޭނީ ހަމައެކަނި އަހަރެންގެ އޮފީހުގައި...! ފުރަތަމަ ރަގަޅުވޭ.. އޭގެ ފަހުގައި ވަޒީފާގެ ހުރިހައިކަމެއް އަހަރެން ހަމަޖައްސާނަން.. ކިއާރާ ހާސްވާކަށް ނުޖެހޭނެ" ގޮތް ނިންމާފައި އަހާން ބުނެލި އެވެ.
"މިހާތަނަށް އަހަންނަށްޓަކައި ވަރަށް ގިނަކަންކަން އަހާން ކޮށްދީފި.. އިތުރަށް އަހާންގެ އިހްސާންތެރިކަން އަހަރެން ބޭނުމެއް ނޫން.. އަހަރުމެންގެ ވަރިޔަށްފަހު ދެން އުޅޭނެ ގޮތެއްވެސް އަހަރެން ހޯދަންޖެހޭނެ ދޯ.. އެދުވަހަކުން ފެށިގެން މި ގެއަކު އަހަރެން ނޫޅޭނަން.. އެ ވަގުތާއި އެ ހާލަތަށް އަހަރެންގެ ހިތާއި ނަފުސާއި މި ސިކުނޑިވެސް ތައްޔާރުކުރަންޖެހޭނެ.. އެއީ އަހަރެންގެ ޒިންމާއެއް.." ކިއާރާވެސް ނުރުހިފައި ޖަވާބު ދިނެވެ.
ލިބުނު މާޔޫސްކަމާއި އިހްސާސްކުރެވުނު ބަލިކަށިކަމުގައި އަހާންއަށް ކުރެވޭނެ މާބޮޑުކަމެއް ނެތްކަން ވިސްނުނެވެ. ކިއާރާއާއިމެދު ކުރެވެމުން ދިޔަ އުއްމީދުތަކުގައި އިތުރަށް ކަންބޮޑުވުން ކުރިމަތިވީ އެވެ.
"އަހަރެމެން ދެމީހުން ދެމެދުގައި 'ގުޅުމެއް' ނެތިއްޔާ އަހާން ފިކުރުބޮޑުވެ ކަންތައްބޮޑުވަނީ ކޮންކަމަކާ..؟" އަހާންގެ ލޮލަށް ސީދާ ބަލައިލަމުން އެ ލޮލުގެ ހުރިހާ ސަފްހާއެއް ކިއާރާ ނިއުޅުވާލި އެވެ. ޖެހިލުން ކުޑަކަމާއެކު ކިއާރާ ފަސްދިނީ އަހާން ބުނެފާނެ އެއްޗަކަށް ފަރުވާލެއް ނެތި އެވެ. ޖެހިލުން ކުޑަކަމާއެކު ފުރަގަސްދީ، އަމިއްލަ ކޮޓަރިއަށް މިސްރާބުޖެހި ހިއްވަރުގަދަ އަންހެން ކުއްޖާއަށް އަހާން ބަލައިލީ ބަސް ހުއްޓިފަ އެވެ.
ދެ އަތް ގުޅުވައި ފިއްތައި ބާރުކޮށްގެން ފުރެންދެން ފެން އެޅިޔަސް، މުއްކަވާފައި އެ ފެން ހިފަހަށްޓަން ކިތަންމެ މަސައްކަތެއްކުރިއަސް އާހިރުގައި އެންމެ ފެން ތިއްކެއްވެސް އަތުގައި ހަރުނުލާނެ އެވެ. ބާރުކޮށް ހިފަހައްޓަން މަސައްކަތްކުރި އަވަސްމިނެއްގައި އަތުން ބީވެ، އަމިއްލަ ހައްގުވެސް އެއިން ނެތިދެ އެވެ. ދުނިޔޭގެ ފިލާވަޅުން އެތައް ތަޖުރިބާއެއް ދަސްކުރާންޖެހެ އެވެ. ގަދަކަމުން ކިއާރާ ހާސިލްކުރެވޭނެ ފޯމިއުލާއެއް ދުނިޔެއިން އީޖާދު ނުކުރެވޭނެކަން އަހާންއަށް ޔަގީނެވެ. އެކުގައި ހޭދަކުރެވުނު ކޮންމެ ދެވަހެއްގެ އިރުއަރައި އޮއްސުނީ ކިއާރާ އަހާންއަށް އިންތިޒާރުކުރުމުގަ އެވެ. މިއަދު ދުނިޔެ މަޖުބޫރުކުރީ އަހާންއަށް ހަމަ އެ ވޭން އިހްސާސްކުރުމަށެވެ.
.............
ބިޔަ ގަސްތަކުގެ ތެރެއިން ފެންނަމުންދިޔަ ބުރުހަމަ ހަނދަށް އަހާން ބަލައިލި އެވެ. މެންދަމުން އަލިވެ އެއްކެއްޖެހުމާއި ގާތްވެއްޖެ އެވެ. ހަވީރު ކޮޓަރިއަށް ވަންގޮތަށް ކިއާރާ ނުނިކުމެ އެވެ. މެންދަންވުމުން ގެއަށް އައުމުގެ އާދަ ބަދަލުކޮށް ހަވީރުގެ ފަހެއް ޖެހުމާއެކު ގެއަށް އައުމުގެ އާދަ އަހާން ގާތްކުރީ ހަމައެކަނި ކިއާރާއަށްޓަކަ އެވެ. ބޭސްކައިގެން ނިދުމުގެ ނުރައްކާތެރި ހާލަތު ބަދަލުކުރާން އަހާން ބޭނުމެވެ. އެއީވެސް ހަމައެކަނި ކިއާރާއަށްޓަކަ އެވެ. ނަމަވެސް އަހާންއަށް އޮތީ އެކަނިވެރިކަމެވެ.
ހުނަރުވެރިކަމާއެކު އެއްވަރަކަށް ކޮށާލާފައިވާ ވިނަގަޑުމަތީގައި އަހާން އޮށޯވެ އޮތީ، ދެ އަތް ދެފަރާތުންގެނެސް ބޮލުގެ ފުށްކިބަދަށަށް ލައްވާލައިގެންނެވެ. ފުރިހަމަ ހަނދުން ކިތަންމެ ނަލަ ހަނދުވަރެއް ކާއިނާތުގައި ބަބުޅާލާފައިވިޔަސް އަހާންގެ ސަމާލުކަން ހޯދާފައިވަނީ ކިއާރާގެ 'ތަފާތު ހަރަކާތްތަކެވެ.'
ވިސްނުމާއި ފިކުރު އަދި ފުންހިޔާލުގައި ކިތަންމެ ވަގުތެއް ހޭދަކުރިއަސް، ލިބޭނެ ކުރިއެރުމެއް ނެތެވެ. ބޭނުންތައް ހާސިލްކުރުމަށް ހިއްވަރުކުރަންޖެހެ އެވެ. އެކަމަށް އަހާން ތައްޔާރެވެ. މުޅިހަށިގަނޑު އަރާމުކޮށްލާފަދަ ފުންނޭވާއަކުން އަހާންގެ ރިހުން އެއްފަރާތްކޮށްލި އެވެ.
މަޑުމަޑުން ދޮރުހުޅުވާލާފައި އަހާން އެތެރެއަށް ބަލައިލި އެވެ. ފަނޑުއަލިކަމުގައި ކިއާރާގެ މޫނު އިންތިހާއަށް ހިތްގައިމެވެ.
ލުއި ހިނިތުންވުމަކާއެކު ކިއާރާގެ ކޮޓަރިއަށް އަހާންވަނެވެ. (ނުނިމޭ)