ބުރާސްފަތި ދުވަހުގެ އަދަދާއި ގުޅޭ
އެރޭ އަހަރެން ގެއަށް އައިއިރު ކިއާރާ ވަގުތު ހޭދަކުރަމުންދިޔައީ ގޭގެ މެއިޑުންނާއެކު... ގޭގެ މެއިޑުންނާއި އެގޮތަށް އެކުވެރިކޮށް ހަޔާ ވާހަކަދައްކަނިކޮށް އަހަރެން ދުވަހަކުވެސް ނުދެކެން.. އަހަރެން ގެއަށް އައި އަޑަށް ދުވެފައިކަހަލަ ގޮތަކަށް އައިސް، އަހަރެންގެ ދާދި ގާތުގައި ކިއާރާ ހުއްޓުނީ ހާސްވެ ކަންބޮޑުވުމާއެކު.. އަހަރެންގެ ބަރު ހަށިގަނޑު އަރިއަޅައިލާ ކޮންމެ ފަހަރަކު ފަރުވާތެރިކަމާއެކު ކިއާރާ މަސައްކަތްކުރީ އަހަންނަށް އެހީތެރިވުމަށް.. ނުހަނު ލޯތްބާއި އިހްތިރާމާއެކު އެރޭ ކިއާރާ އަހަރެންގެ ނަމުން ގޮވައިލި ގޮވާލުމުން އަހަރެންގެ ގައިގެ ހިމަލޯލިތައް ކޮޅަށްޖެހިގެންދިޔަ..! އެރޭގެ އެވަގުތުގެ އިހްސާސްތައް ކިއާރާގާތު، ބުނެދެވުނުނަމަ އަހަރުމެންގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދާން ކިތަންމެ ފުރުސަތެއް ލިބޭނެކަން މިއަދު އަހަންނަށް ޔަގީންވޭ... އެރޭ އެހައި ލަސްވަންދެން ކިއާރާ މަޑުކޮށްގެން އިނީ ރޭގަނޑު ކެއުން އަހަންނަށް ތައްޔާރުކޮށްގެން..! އެ ނޫނީ ދުވަހަކުވެސް އެއްވެސް އިންސާނަކު އަހަރެންގެ ގޭގައި އަހަރެންގެ އިންތިޒާރުގައި މަޑުނުކުރޭ.. އެތައް އަހަރެއް އެކުގައި ހޭދަކުރެވުނު އިރު ހަޔާ އެފަދަ ކަމަކަށް ހިޔާލުކުރިކަމެއްވެސް އަހަންނަކަށް ނޭގެ.. އެރޭވެސް އިހްތިޔާރުގައި ނުވަތަ އިހްތިޔާރުން ބޭރުގައި އަހަންނަށް ކުރެވުނީ ކޮށްގެން ނުވާނެ ކަމެއް..! އިންތިހާއެއް ނެތް މިންވަރަށް އަހަރެން ކިއާރާގެ ހިތުގައި ޖެއްސީމު..! ދުލުން ބަޔާން ނުކުރިޔަސް، ހިތުން ގަބޫލުނުކުރިޔަސް އަހަރެންނަށްޓަކައި ކިއާރާ ކޮށްދެމުން އއެދިޔަ ކަންކަން އުފަލާއެކު އަހަރެން ބަލައިގަތިން... އެކަންކަމުން އަހަންނަށްކުރެވުނީ ދުވަހަކުވެސް ކުރެވިފައިނުވާ ތަފާތު އިހްސާސްތަކެއް... ކޮންމެ ހާލެއްގައިވެސް ކިއާރާ އަހަރެންނާއެކު ވާނެކަން އެރޭ އަހަރެން ގަބޫލުކޮށް ޔަގީންކުރިން..! އެކަމަކު އަހަރެންގެ ނަސީބު އައިސް ހުއްޓުނު ހަތަރުއަނގޮޅި ދެކިބަލަ!'
އަހާން ބަލައިލީ ތިއޭޓަރގެ ދޮރާއި ދިމާއަށެވެ. އެ ދޮރު ހުޅުވޭނެ ވަގުތެއްގެ އިންތިޒާރުގައި ކެތްމަދުވެފައި ދެލޯ މަރައިލި އެވެ. އެތަނުގައި އެހެން މީހަކު ހުރިކަމެއް ނެތްކަމެއް އަހާންއަށް މުހިއްމެއް ނޫނެވެ.
'އަހަރެން ހަނދާންއެބަހުރި، އެއްދުވަހެއްގެ ހެނދުނު އަހަރެން އޮފީހަށް ދިއުމަށް ނުތެދުވެ އޮތީމައި ކިއާރާ އައިސް އަހަރެން ހޭލައްވައި ނަގަން އުޅުނު ދުވަސް.. އަހަރެންގެ ހާލަތެއް އަހަންނަކަށް ނޭގެ.. އެކަމަކު ހުންއައިސް ރަތްވެފައިވާ އަހަރެންގެ ހަށށިގަނޑުގެ ހާލަތު ދެނެގަތީ ކިއާރާ.. އަހަރެން އޮފީހަށް ދިއުން މަނާކޮށް، ކިއާރާ ބޭނުން އެއްޗެއް ކާންދީ، ބޯންދީ ޑޮކްޓަރ ގެއަށް ގެނެސް އަހަރެން ދައްކާފައި، އެހިސާބުން ނިންމާލީކީ ނޫން..! ކިއާރާ ބޭނުންވާ ގަޑިތަކަށް އަހަރެންގެ ބޭސްކެއުން ހަމަޖައްސައި އަހަރެންގެ ފުލް ކޮންޓްރޯލް ނެގީވެސް ކިއާރާ.. އަހަރެންނަކީ ކިއާރާއަށް ހައްގު އަދާކުރެވޭނެ މަގާމެއްގައި ހުރި މީހެއްކަން އޭނާ އަމިއްލައަށް ގަބޫލުކުރާކަން އަހަންނަށް އިހްސާސްވީ އެދުވަހު..! އަހަރެންގެ ހަޔާތުން މިހާތަނަށް އެކަކުވެސް އަހަރެންގެ އެއްވެސްކަމެއް އެގޮތަށް ބަލަހައްޓާފައި ނުވޭ... އަހަރެންނަށް އަޅާއިލާ އޯގާތެރިކަން އަމަލުން ދައްކައިދިން މީހަކު ކިއާރާ ނޫނީ އަހަރެންގެ ހަޔާތަށް އައިސްފައެއް ނުވޭ..! އެދުވަހު އަހަރެންގެ ދެލޯ ފެންކަޅިވެ، އިހްތިޔާރަކާއި ނުލައި ކޯތާފަތް ހުރަސްކޮށް ކަރުނަ ދެމިގަތީ އަހަރެންގެ ގައިގައި ވޭނެއް އަޅާތީކީ ނޫން.. އެކަމަކު ލިބެމުންދިޔަ އޯގާތެރިކަމާއި އަޅައިލުން ބަލައިގަންނާން އަހަރެންގެ މި ނިކަމެތި ހިތައް ނޭގުނީތީ..! ހުއްޓުމެއް ނެތި ކިއާރާ ވާހަކަދައްކަމުން ދިއުމާއި، އަހަރެންގެ ފަރުވާކުޑަކަމަށް ކިއާރާ ގޮތް ނިންމާފައި އެކަންކަމަށް ކުދިކިޔުމުގެ ލޯބި ގޮތްތަކަށް މިއަދު އަހަރެންގެ ހިތް ދަހިވެތިވޭ.. އެކަމަކު ކީއްކުރާނީ..! އަހަރެން ވަރުގެ މޮޔަ އިންސާނަކު ދުނިޔޭގައި ލެއްވިކަމެއް ނޭގޭ..! ކިއާރާގެ ވާހަކަދެއްކުމާއި އޭނާގެ އަދާތައް އަހަންނަށް އިންތިހާއަށް ކަމުދާވާހަކަ ދުވަހަކުވެސް ނުބުނަން..!'
ކިއާރާގެ ހަނދާންތަކުގެތެރޭގައި އަހާން ފީނަމުންދިޔައީ އެއިން ކޮންމެ ހާދިސާއަކުން ހިތުގައި އުފާވެރި އިހްސާސްތަކެއް އާލާކުރަމުންނެވެ. އިތުރު މީހެއްގެ ހިލަމެއް ނުވަތަ އެހެން މީހެއްގެ ބައިވެރިވުމެއް މިއަދު އަހާން ބޭނުމެއް ނޫނެވެ. ދެކޮޅަށް ހިނގަހހިނގާހުރި ޝިމާން، އަހާންގެ ރާޑަރަށް ނުވެސް އަރަ އެވެ. ކިއާރާއާއި އަހާންއާއި ދެމެދު ހޭދަކުރެވުނު ކޮންމެ މިނެޓެއްގެ އަގު މިއަދު އަހާންއަށް ވަރަށް މުހިއްމެވެ. ރީތި ހިއްގައިމު އެތައް ޒުވާނެއްގެ ފޮޓޯ އަހާން ކިއާރާއަށް ހުށަހެޅި އެވެ. އެއިން ކޮންމެ ހުށަހެޅުމަކަށް ކިއާރާ އިންކާރުކޮށް ނޫންބަސް ބުނީ ކީއްވެކަން އެދުވަހު އަހާންއަށް ވިސްނާން ނޭގުނީ އޭނާގެ ތަޖުރިބާ މަދުކަމުންތޯ ނުވަތަ އެހެންމީހުންގެ އިހްސާސް ދެނެގަންނާން އަހާންއަށް ނޭގޭތީތޯ އޭނާ ސުވާލުކުރާން ބޭނުމެވެ. ނަމަވެސް އެއީ ފުރިހަމަ ޖަވާބެއް ލިބުމެއް ނެތް ޝަކކުވާތަކެއްކަން އޭނާއަށް ޔަގީނެވެ. ޝިމާންއާއި ބައްދަލުކޮށް ކިއާރާގެ ކައިވެނީގެ ހުށައެޅުން ހަދިޔާކުރެވުނު ކަމަށްޓަކައި މިއަދު އަހާން އިންތިހާއަށް ދެރަވެ އެވެ. އެކަމަކު އަހާންގެ ކުށަކީ ކޮބާ ހެއްޔެވެ؟
'ޝިމާންއާއި ކިއާރާ އަލަށް ބައްދަލުކުރުވި ދުވަހު، ޝިމާންގެ އުފާވެރިކަން ފެނިފައި އަހަރެންގެ ބަސް ހުއްޓުނު.. ދުވަހަކުވެސް ނުދެކެން ޝިމާން އެހައި އުފާވެފައި ހުއްޓައެއް.. އެކަމަކު ބުނެދޭން ނޭގޭފަދަ ގަދަ ރިހުމަކުން އަހަރެންގެ ހިތުގައި ވޭންއަޅަންފެށި..! އެ ރިހުން ފޮރުވަން މަޖުބޫރުވީ ރިހުމުގެ އަސްލެއް އަހަރެންގެ އަމިއްލަ ނަފުސަށްވެސް ނޭގޭތީ..! ޝިމާންގެ މީހަކަށް ކިއާރާ ވުމމާއެކު މިދުނިޔޭގައި އަހަރެން އެކަނިވެރިވާނެކަން އިހްސާސްވެ ހިތް ބިރުގަތް..! އެ ރިހުމުން މިހިތުގައި ކިހައި ވޭނެއް އެޅިކަން އެހެން މީހަކު ކައިރީގައި އަހަރެން ބުނާނީ ކިހިނެއް..؟ އެކަމަކު އަހަރެންގެ އަމިއްލަ އެދުން އިސްކޮށްގެން އަހަންނަކަށް ކިއާރާ ނުވެސް ހިފެހހެއްޓޭނެ.. އަހަރެންގެ އަމިއްލަ މަންމައަށް އަހަރެން މުހިއްމުނުވެ، އަހަރެން ދުނިޔެއަށް އެކަނިވެރިކޮށްލީ ނިކަމެތިކަމާއެކު..! އެރިހުން ތަހަންމަލް ކުރެވޭއިރު މިރިހުންވެސް ތަހަންމަލް ކުރެވޭނެކަމަށް އެދުވަހު އަހަރެން ނިންމީން.. ހަގީގަތުގައި މި ދުނިޔޭގައި އަހަރެންނަށް ކކުރެވޭނެ ކުޑަވެސް އުއްމީދެއް ނެތް..!
ޝިމާންގެ ބާރުގަދަ ގޮށްމުށުން ލިބުނު ތަދަށްވުރެން، އަހަންނަށް ލިބުނު ދުނިޔަވީ ފިލާވަޅު މާވަރުގަދަ.. މިހާރު ހިތަށް އަރަނީ، ކިއާރާގެ މޫނުގެ އުޖާލާކަމާއި އެ ލޮލުގައިވީ ވިދުމަކީ އަހަންނަށްޓަކައި އުފެދިފައިވާ އިހްސާސްތަކުގެ ދިރުން ބާއޭ..!؟ އަހަރެންދެކެ ކިއާރާ ލޯބިވީ އަހަރެންގެ ކޮން ސިފައެއް ފާހަގަކުރެވިގެންބާ..؟ ދުވަހަކުވެސް އެހެން މީހަކަށް އަހަރެންގެ ފަރާތުން ފާހަގަނުކުރެވޭ ކޮންކަމެއް ކިއާރާއަށް ފާހަގަކުރެވުނީބާ..؟ އަހަރެންގެ ނަފުސު ކޮންޓްރޯލް ނުކުރެވި ކިއާރާގެ ކޮޓަރިއަށްވަދެ، ބަދަލުކުރެވުނު ގާތްކަމާއި ގައިގޯޅިކަން އެއީ އަހަރެންގެ ހިތާއި ހަށިގަނޑުން ފިލާނެ ޖަޒްބާތުތަކެއް ނޫން..! އެކަމަކު އެއީ އިހްތިޔާރުން ބޭރުން ހިނގާދިޔަ ކަންކަން..! އަހަރެން ހިތުގެ އަޑިން ދުވަހަކުވެސް ނޭދޭނަން ކިއާރާ އަހަންނާއި ދުރަށް ދިއުމަކަށް..! ކިއާރާ ނެތް ދުނިޔެއެއްގައި އަހަރެންގެ ދިރިއުޅުން ވެއްޓެނީ ކޮންފަދަ އަނދިރި އަނދަވަޅަކަށް ކަމެއް ހިތަށް ގެންނާންވެސް ނޭގޭ..! ކިއާރާއާއި ގާތްވުމަށް ލިބޭ ކޮންމެ ފުރުސަތެއްގައި އޭނާގެ ގައިގައި ކޮންމެވެސް ސިފައެއްގައި ބީހިލުމަކީ އަހަންނަށް ލިބޭ އާދަޔާ ހިލާފް ހިތްހަމަޖެހުމެއް.. އެއިން އެއްވެސް ބީހިލުމެއްގައި އެދުންވެރިކަމެއް ނުވަތަ ލަތުވެތި އިހްސާސެއް ނެތްކަން އަހަރެންގެ އަމިއްލަ ހިތަށް ތަކުރާރުކޮށް ހަނދާންކޮށްދެން..!'
ލޯބީގައި ކުރެވުނު ތަޖުރިބާއިން މިންވަރެއް ނަމަވެސް އަހާންއަށް ފައިދާއެއްގެ ގޮތުގައި ފުދޭތޯ އެކި ގޮތްގޮތަށް އޭނާ ދިޔައީ ވިސްނަމުންނެވެ. އެކުގައި ހޭދަކުރެވުނު ކޮންމެ ހަނދާނަކީ މިއަދު މާޒީ އެވެ. ނަމަވެސް އުފާވެރި މުސްތަގުބަލެއް އަހާންވެސް ބޭނުމެވެ.
'ޝިމާން އެބުނަނީ ތެދުވާހަކައެއް..! އެފަދަ ލޮބުވެތި އަންހެން ކުއްޖެއްގެ ހިމޭން އިޝާރާތްތައް ދެނެގާންނާން އަހަންނަށް ނޭގުނީ.. ކިއާރާގެ ލޯތްބާއި އޭނާގެ އޯގާތެރިކަމަށް އަހަންނަށް ދެވިފައިވަނީ ކަނު ލޮލަކާއި ބީރުކަންފަތެއް..! ސާފުކޮށް ފަށުވި އިބާރާތުން ފެންނާން އޮތް ލޯބި، އަހަރެންގެ ކަނު ލޮލުން ނުފެނުނު ތާގައި، ދިރުން ހުރި އިހްސާސްތަކުން ދެނެގަންނާންވެސް އަހަންނަށް ނޭގުނު..! އަހަންނަކީ ކޮންފަދަ ބަދުނަސީބު އިންސާނެއް؟ އައި އެމް ސަޗް އަ ޖ-ރ-ކ..! ސީރިއަސްލީ އައި ކުޑުންޓް އޭބަލް ޓު ރީޑް ހަރ މައިންޑް...! އޭނާގެ ހަރަކާތްތަކާއި ލޮބުވެތި އިޝާރާތްތައް އަހަންނަށް ނޭގުނީ، އަހަރެންގެ ގަމާރުކަމުން.. ޝީ އިޒް ދި އެންޖެލް އޮފް މމައި ލައިފް! ހުރިހައި ކަމެއް އެފުށް މިފުށަށް ޖެހިގެން މިދިޔައީ އަހަރެންގެ ސަބަބުން..! ޝިމާންގެ ހިތުގައި ކުރިލައި ހެދެމުން ދިޔަ ލޯބި އެނާ ދިޔައީ އަހަރެންގާތުގައި ބުނެދެމުން.. އެކަމަކު އަހަރެންގެ މިހިތުގެ ތަފާތު އޮއެވަރުގެ މިސްރާބަކީ ކޮބައިކަން އެވަގުތުގައި ދެނެގަންނާން ހަގީގަތުގައިވެސް އަހަންނަކަށް ނޭގުނު..! ކޮންމެ ރެއެއްގެ ނިންޖަށް އެސްފިޔަތައް ބަލިވެ، ބޭހުގެ ބާރުގައި އެސްފިޔަތައް ތިރިވުމުގެ ކުރީން އަހަރެންގެ ލޮލުން އޮހޮރުނު ކަރުނައިގެ ހަގީގަތް ދެނެގަންނާން މިހައި ދުވަސް ނެގީތީ ހިތާމަކުރަން.. އެދުވަހު އެންމމެންނާއި ސިއްރުން ރޮއެފައި ހެނދުނު ހިނިތުންވެ، ދުވަސް ފަށަނީ އުފަލަކުން ނޫން.. އަހަރެންގެ ނަސީބުގައި ހުރި ގޮތް މިއީ..! މިކަން ވިސްނި، ހިތާމަކުރިއަސް މިހާރު ވަގުތު ފާއިތުވެއްޖެ..! ބޯޅަ އޮތީ ޝިމާންގެ ކޯޓުގައި.. އަހަރެންގެ ބާރު ކެނޑި ކޮންޓްރޯލް ގެއްލިއްޖެ.. މިހުރިހައި ކަމެއް ވެގެން މިދިޔައީ އަހަރެންގެ އިހްތިޔާރުގައި.. ހުރިހައި ކަމެއް ޑައިރެކްޓްކޮށް ޕްރޮޑިއުސްކުރީ އަހަރެން.. ކްލައިމެކްސްގައި އަހަރެން ރޯންޖެހުމަކީ ތަގްދީރުގެ ނިޔާ...! ކުއްލިޔަކަށް މޭ ފުއްޕާފައި ނިކުމެ، ޝިމާންގެ ކުރިމަތީގައި އަހަރެންގެ ފަސާނާ ނިއުޅުވާލެވޭކަށް ނެތް..! ޝިމާންގެ ކައިވެނީގެ ހަބަރުތައް ނެތް ނޫހެއް ނުވަތަ އެވާހަކަ ނެތް އޮންލައިން ޕްލެޓްފޯމެއް މި ރާއްޖޭގައި ނެތް.. މީޑިއާގައި ފަތުއަޑު ކިޔާފައިވަނިކޮށް މިކަން އެހެން ގޮތަކަށް ބަދަލުކުރުމަކީ ނުވަތަ ބަދަލުކުރެވޭތޯ ބެލުމަކީވެސް ޝިމާންއަށް ވެވޭ ބޭވަފާތެރިކަމެއް..! ހުރިހައި ކަމެއްވެސް މިވަނީ، އިންތިހާއަށް ލަސްވެފައި.. މިއަދު ކިއާރާއަށް އެއްވެސް ކަމެއް ދެރަކޮށް މެދުވެރިވިނަމަ އަހަރެންގެ އަމިއްލަ ނަފުސަށް ދުވަހަކުވެސް މައާފު ނުކުރެވޭނެ.. އަހަރެން ބޭނުމީ ކިއާރާއަށް ބާއްޖަވެރިކަމާއި އުފާވެރިކަން..'
އަހާންގެ ހިޔާލްގެ ދުނިޔޭގައި ލޯމަރައިގެން ފުށްކިބަ ފާރުގައި ޖައްސައިގެން އިނީ ކިހައި އިރެއް ވަންދެންކަމެއް އަންދާޒާވެސް ނުކުރެވޭނެ އެވެ. ކުއްލިޔަކަށް މާހައުލަށް ދިރުން ލިބުނީ އޮޕްރޭޝަން ތިއޭޓަރގެ މަސައްކަތްނިމި، ދޮރުހުޅުވާލުމުންނެވެ.
"ޑޮކްޓަރ ހައު އިޒް ޝީ..؟" ޝިމާން ދުވެފައި އައިސް ސުވާލުކުރީ ޑޮކްޓަރާ އެވެ.
"ވަގުތު ފާއިތުނުވަނީސް ފަރުވާއަށް ގެނެވުނީތީ އިން ޝާ ﷲ ނުރައްކަލެއް ނެތް މިހާރަކު.. ލޭވެސް އަޅައިފިން އަޅުގަނޑުމެން.." ހަމަޖެހިލާފައި ޑޮކްޓަރ ވިދާޅުވި އެވެ.
ލިބުނު އުފާވެރި ހަބަރާއެކު އަހާން ފުންނޭވާއެއް ދޫކޮށްލީ މުޅި ހަށިގަނޑުގެ ބުރަކަން ފިލުވާލަމުންނެވެ.
"އަޅުގަނޑުމެންނަށް ކިއާރާއާއި ބައްދަލުކޮށްލެވިދާނެތޯ؟" ކެތްތެރިކަން ކުޑަގޮތަކަށް ޝިމާން ސުވާލލުކޮށްލި އެވެ.
"އަދި ހޭ ނާރާ.. ކުޑަ ވަގުތުކޮޅެން އަދި ނަގާނެ.. އޭގެފަހުން ކޮޓަރިއަށް ބަދަލުކުރާނެ.. އެހިސާބުން ބައްދަލުކުރަންވީ..!؟" ޝިމާންގެ ކޮނޑުގައި ޖަހައިލަމުން ޑޮކްޓަރ ވިދާޅުވި އެވެ.
"ވަރަށް ބޮޑަށް ޝުކުރިއްޔާ.." ހިތުގެއަޑިން ޝިމާން ޝުކުރު އަދާކުރި އެވެ.
.......................
"ޝިމާން ދޭ..! އަހަރެން މިތަނުން ކިއާރާ ފެނިލާފާއި ހިނގައިދާނަން.. ކޮންމެވެސް އެހެން ވަގުތަކުން ކިއާރާއާއި ބައްދަލުކޮށްލަން އަހަރެން އަންނާނަން.." ލަދުވެތިކަމާއެކު އަހާން ބުނެލީ ކިއާރާ އޮތް ކޮޓަރީގެ ދޮރުގެ، ބިއްލޫރި ހަތަރެސްކަން ގޮޅިއަށް އިޝާރރާތް ކޮށްފަ އެވެ.
"އަދިވެސް ތިޔަ ފިނޑިކަން ދޫކުރާކަށް ނުވޭތަ؟ އަދިވެސް ތި ދުވަނީ ކިއާރާއާއި ދުރަށް ތަ؟ އަހާން..! ކިއާރާ އަހާންދެކެ ލޯބިވާ ވަރަށް ނުވަތަ އެއަށްވުރެންވެސް ބޮޑަށް އަހާން ކިއާރާދެކެ ލޯބިވޭ..! މި ހަގީގަތް ގަބޫލުކުރާނީ ކޮން އިރަކުން؟ އަހާންގެ ހަރަކާތްތަކާއި އިޝަރާތްތަކާއި، ތި އުޅޭ އުޅުމުން ދެލޯ ކަނު މީހަކަށްވެސް އެމަންޒަރު ތަރުޖަމާކުރެވޭނެ.. އަހާން ކިއާރާއަށް އަޅައއިލާ އޯގާވެރިވާ މިންވަރަށް އެކަން ކުރެވޭނެ އިންސާނަކު މި ދުނިޔޭގައި ނެތް! ކިއާރާގެ ކޮންމެ އަދާއަކަށް އަހާން ތިހުރީ ފަރިތަވެފައި.. ތި ދެމީހުންވެސް އެކަކު އަނެކަކާއި ނުލައި ނޫޅެވޭވަރަށް ހިތާއި ނަފުސުގައި ލޯބި ތިއޮތީ އަށަގަތްފައި..! އަދިވެސް ތިއުޅެނީ ލޯތްބަށް ފުރަގަސްދީފައި އެއާއި ފިލަންތަ؟؟"
ޝިމާންގެ ހިތުގެ ހާލު އޭނާގެ އަޑާއި މާޔޫސީ ހަރަކާތުން އަހާންއަށް ސާފުކޮށް ފެނުނެވެ. ދެ އެކުވެރިންގެ ހިތުގެ ހާލަތު އެކަކު އަނެކަކަށް އިނގޭކަށް އެކަކުވެސް ބޭނުމެއް ނުވެ އެވެ. ނަމަވެސް ހާލަތާއި ވަގުތު ދެމީހުންނާއި ދެކޮޅެވެ. ޝިމާންއަށް އަހާން ބަލައިލީ ދުލުން ހާމަކުރަން ފަސްޖެހޭ އެތައް އިބާރާތްތަކަކާއެކު އެވެ.
"ބަޓް ޔޫ ލަވް ހާރ ޓޫ.. އަހަންނަށް އެކަން ރަގަޅަށް އިނގޭ.." އަހާން ބުނެލި އެވެ.
"އޯކޭ.. އޯކޭ.. އަހަރެން ވަރަށް ލޯބިވޭ ކިއާރާދެކެ..! (ނުނިމޭ)