ads
ރައީސްގެ އެޑްވައިޒަރު ހަލީލް އިކޮނޮމިކް ކައުންސިލަށް އައްޔަންކުރުން
ރައީސް ޓޫރިޒަމް އެޑްވައިޒަރު ހަލީލް އިކޮނޮމިކް ކައުންސިލަށް އައްޔަންކޮށްފި
ރައީސް މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ހަލީލް އިކޮނޮމިކް ކައުންސިލަށް އައްޔަނު ކުރައްވައިފި އެވެ.
Advertisement

އިކޮނޮމިކް ކައުންސިލްގައި އެޑްވައިޒަރު ހަލީލާއެކު ޖުމުލަ 14 މެންބަރުން ތިއްބަވާނެ އެވެ.

ހަލީލު އިކޮނަމިކް ކައުންސިލަށް އައްޔަންކުރައްވާފައި މިވަނީ ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރަން މަޖުބޫރުކޮށް، މަރުކަޒީ ބޭންކް، އެމްއެމްއޭއިން އެކުލަވާލި އާ ގަވައިދަށް އަމަލު ކުރަން އޭނާ މެނޭޖިން ޑިރެކްޓަރުގެ މަގާމް ފުރުއްވާ ޕަލްސް ކުންފުނިން ދެކޮޅު ހަދާފައިވަނިކޮށެވެ.

ހަލީލް އަކީ ފުޅާ ދާއިރާއެއްގައި ރިސޯޓް ހިންގާ ކުންފުނި، ޕަލްސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމް އަދާކުރައްވަމުން ގެންދަވާ އަދި މަންތާ އެއާ ފަދަ ކުންފުނިތަކުގެ ވެސް ހިއްސާދާރެކެވެ.

ހަލީލު މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ޕަލްސް ކުންފުނިން އެމްއެމްއޭ އަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ޑޮލަރު މާރުކުރެވެން ނެތް ކަމަށާއި މިއީ އިންޑަސްޓްރީގެ ހާލަތާ ނުބައްދަލު ގަވާއިދެއް ކަމަށް ވިދާޅުވެފައިވެ އެވެ.

އެ ކުންފުނިން ހިންގާ ރިސޯޓުތަކަކީ ނޮޓިލަސް މޯލްޑިވްސް، ކަނޑިމަ މޯލްޑިވްސް، ނޯވާ މޯލްޑިވްސް އަދި އެވަލަން މޯލްޑިވްސް އެވެ.

މަރުކަޒީ ބޭންކުން މިދިޔަ މަހު އާންމުކުރި ގަވާއިދުގައިވާ ގޮތުން، ރިސޯޓުތަކާއި އިންޓަގްރޭޓެޑް ރިސޯޓާއި ފަތުރުވެރިކަމުގެ އުޅަނދުފަހަރާއި ރިސޯޓު ހޮޓަލާއި ސިޓީ ހޮޓާ ފަދަ ތަންތަނުން އެ ތަންތަނަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަަކަށް 500 ޑޮލަރު މާރުކުރަންޖެހޭނެ ކަމަށެވެ. އަދި 50 އެނދަށްވުރެ މަދު އެނދު ހުންނަ ގެސްޓުހައުސްތަކުން ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރު މާރުކުރަންޖެހޭނެ ކަމަށެވެ.

ނަމަވެސް އެ ގަވާއިދަށް އަމަލު ކުރަން ދަތި ވާހަކަ ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ) އާއި ޗަމްޕާ ބްރަދާސްގެ ޗެއާމަން މުހައްމަދު މޫސާ (އުއްޗު) ވަނީ އެމްއެމްއޭ އަށް އަންގަވައިފަ އެވެ.

އެކަމަކު، ރައީސް ޑރ. މުއިއްޒު ރޭގައި ވަނީ އެ ނިންމުން ބަދަލު ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އަންނަ ޖެނުއަރީން ފެށިގެން ގަވައިދަށް އަމަލު ކުރާ ނަމަ، ރައްޔިތުންނަށް ލިބޭނެ ފައިދާތައް ރޭގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވަނީ އިއުލާން ކުރައްވައިފަ އެވެ.

"ގަވާއިދަށް ތަބާވުމަކީ އެންމެންގެ މައްޗަށް ލާޒިމު ކަމެކޭ، މިކަން ކުރައްވަން ޖެހިވަޑައިގަންނަވާނެއޭ. މިއީ ގާނޫނު އަސާސީއާ އެއްގޮތަށް ކުރާ ކަމެއް. ގާނޫނުތަކާ އެއްގޮތަށް ކުރާ ކަމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ މިކަން އިތުރަށް ތަންފީޒު ކުރަން އެމްއެމްއޭ އަށް އެހީތެރިވުމުގެ ގޮތުން އެކަމަށް ހާއްސަ ފޮރެކްސް ގާނޫނެއް ވެސް މަޖިލިސް މެދުވެރިކޮށް ފާސްކުރާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި މި ސަރުކާރު އޮންނާނީ 100 ޕަސެންޓް ރައްޔިތުންނާ އެކު ކަމަށާއި މިއީ ސުވާލެއް ވެސް އޮންނާނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް